މަސާޖުކުރާ ތަނެއްގައި ޕެޓްރޯލް ބޮމެއް ގޮއްވާލައިފި

ހ. ޓަސްކަލޫސާ ކައިރީގައި ހުންނަ މަސާޖުކޮށްދޭ ތަނެއް ކަމުގައިވާ "ނޭޗާ އެންޑް ހެލްތު ކެއާ" ގައި އިއްޔެ ހެނދުނު ޕެޓްރޯލް ބޮމެއް ގޮއްވާލައިފި އެވެ.
ފުލުހުން ބުނިގޮތުގައި ހ. ދަކަދާމާގޭގެ އެއް ވަނަ ބުރީގައި ބިއުޓީ އަދި ސިއްހީ ބައެއް ފަރުވާ ދިނުމަށް ހުއްދަ ދީފައިވާ ނޭޗާ އެންޑް ހެލްތު ކެއާގެ ދޮރުމައްޗަށް އެއްލި ޕެޓްރޯލު ބޮން ގޮވައި އަލިފާން ރޯވުމާ ގުޅިގެން އެތަނުގެ ބޮޑު ދޮރު އަނދައި އެހެން ދެ ދޮރެއްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް އިތުރުން އެ ތަނުގެ އެތެރޭގައި ހުރި ތަކެއްޗަށް ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ހަވީރަށް ކަށަވަރުވެފައިވާ ގޮތުގައި އެ ތަނަކީ ރާއްޖެ އިން ބޭރުގެ އަންހެން ކުދިން ލައްވާ މަސާޖުކޮށްދޭ ތަނެކެވެ. އެހެން ނަމަވެސް އެތަނަކީ "ބިއުޓީ އަދި ބައެއް ސިއްހީ ފަރުވާ" ދޭ ތަނެއްގެ ނަމުގައި ހިންގަމުން އަންނަ ތަނެކެވެ.
ފުލުސް އޮފީހުން ބުނީ އެ ހަމަލާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުސް އޮފީހުން ބުންޏެވެ.
މީގެ ކުރިން މާލޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ވަނީ މަސާޖުޕާލާތަކެއް ހިންގައިފަ އެވެ. އެ ތަންތަނުގެ މައްސަލަ ބޮޑުވެ ސަރުކާރުން އެތަންތަން ބަންދުކުރުމާ އެކު ހަމަ އެފަދަ ތަންތަން މިހާރު ވަނީ ސިއްހީ ހިދުމަތް ދޭ ކުލިނިކްތަކުގެ ގޮތުގެ ރަޖިސްޓްރީކޮށްގެން ހިދުމަތް ދޭން ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ