ޝަންގްރިއްލާ ހުޅުވުން ލަސްވާތީ، އައްޑޫ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި

ކޮވިޑް-19ގެ ބަލާބަލިމަޑުކަމުގެ ސަބަބުން ބަންދުކުރި ޝަންގްރިއްލާ އާއި ހެރެތެރެ ރިސޯޓް އަލުން ހުޅުވުން ލަސްވާތީ އައްޑޫ ސިޓީގެ ރައްޔިތުން ކަންބޮޑުވުން ފާޅު ކޮށްފިއެވެ. ފޭދޫ މާދެލަ ދާއިރާގެ ކައުންސިލަރު މުހައްމަދު ފައިސަލް "ސަން"އަށް ވިދާޅުވީ ޝަންގްރިއްލާ އާއި ހެރެތެރެ ރިސޯޓު އެއްފަހަރާ ބަންދު ކުރުމުން އެ ރިސޯޓު ތަކުގައި މަސައްކަތްކުރި ސަތޭކަ އަށް ވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލި، ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތި ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މުޅި ދުނިޔެއަށް ދިމާވެފައި މިވާ ކޮވިޑުގެ ސަބަބުން ގިނަ ބައެއްގެ އަތްމަތި ދަތިވެ، ހާސްކަމާއި މާޔޫސް ކަމުގެ ތެރޭގައި އުޅެން ޖެހިފައިވާ މިފަދަ ދުވަސްވަރެއްގައި އައްޑޫ ގިނަ ރައްޔިތުން ތަކެއްގެ ވަޒީފާ އެއްފަހަރާ ގެއްލުމަކީ ދަނތި އުނދަގޫ ކަމެއް ކަމަށެވެ. "2017 ވަނަ އަހަރު ބެލިއިރުވެސް ޝަންގްރިއްލާއިން އައްޑޫ ރައްޔިތުންނަށް މަހަކު ލިބޭ މިނިމަމް އަދަދަކީ އެކެއް ޕޮއިންޓް ހައެއް މިލިއަން ރުފިޔާ. އެއީ ސާވިސް ޗާޖު ނުހިމަނާ އިނގޭތޯ. ގާތްގަނޑަކަށް ސަތޭކަ އަށްވުރެ ގިނަ މީހުން އެތަނުގަ މަސައްކަތް ކުރޭ. އޭގެން ކޮންމެ މީހެއްގެ އާއިލާއެއް އޮންނާނެ. ހަމައެކަނި މުސާރައަށް ބެލިޔަސް މިއީ ތިން ހަތަރު މިލިއަން ރުފިޔާ މަހަކަށް އެ ގެއްލެނީ،" ފައިސަލް ވިދާޅުވިއެވެ. ފައިސަލް ވިދާޅުވީ ޝަންގްރިއްލާ ރިސޯޓާއި ހެރެތެރެ ރިސޯޓު ހުޅުވުން ލަސްވުމުގެ ސަބަބުން އައްޑޫ ރައްޔިތުން އެކަމުގެ ބުރަ އުފުލަމުންދާ ވާހަކަ ސަރުކާރާއި މަޖިލިސް މެމްބަރުންގެ އަރިހުގައި ތަކުރާރުކޮށް ދަންނަވާފައި ވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރު ތަކަށާއި މެމްބަރުންނަށް، އައްޑޫ ރައްޔިތުންނަކީ ދުނިޔޭގައި އުޅޭ ބައެއްކަންވެސް އިހުސާސް ކުރެވެނީ ހަމައެކަނި އިންތިހާބު ތަކާއި ކައިރި ވުމުން ކަމަށެވެ. "ފިނޭސް މިނިސްޓަރާ ކައުސިލުން ބައްދަލު ކުރިއިރު ޝަންގްރިއްލާ ކޭސް ސްޕެސިފިކް ކޮށް ހައިލައިޓް ކުރިން. އައްޑޫގަ ދިމާވެފައި މިވާ މައްސަލަ. ވިދާޅުވީ ޝަންގްރިއްލާގެ ވިލިނގިލި އިންވެސްޓްމެންޓް ކުންފުނީގެ ބޭފުޅުންނާ ސަރުކާރާ މަޝްވަރާ ކުރުމަށްފަހު އެގްރިމެންޓެއްގަ ސޮއި ކުރުމުގެ މަސައްކަތް ކުރަމުންދާ ވާހަކަ. އޭގެ ފަހުން ޚަބަރެއް ނުވޭ،" ފައިސަލް ވިދާޅުވިއެވެ. ހެރެތެރެ އައިލެންޑް ރިސޯޓް-- ފައިސަލް ވިދާޅުވީ ސިޓީ ކައުންސިލްގެ ފަރާތުން ޓޫރިޒަމް މިނިސްޓަރާވެސް ބައްދަލުކޮށް އެ ވާހަކަތައް ދަންނަވާފައިވާނެ ކަމުގައެވެ. އެ ބައްދަލު ކުރުމުގައި ޝަންގްރިއްލާ އާއި ހެރެތެރެ ރިސޯޓް ބަންދު ކޮށްފައި އޮތް އޮތުން ދިގުލައިގެން ދިއުމުގެ ސަބަބުން ރައްޔިތުންނަށް ލިބެމުން އަންނަ ގެއްލުން ތަކުގެ ވާހަކަ ހިއްސާ ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އައްޑޫގައި ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ކުރިން ޝަންގްރިއްލާ ހުޅުވޭނެ ތާރީޚެއް ދެއްވާނެ ކަމުގައި މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި ކަމަށެވެ. "އައްޑޫގަ ޓޫރިޒަމް ޑޭ ފާހަގަ ކުރުމުގެ ކުރިން ޝަންގްރިއްލާ ހުޅުވޭނެ ޓައިމް ލައިނެއް ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި. ވިދާޅުވީ އައްޑޫގަ ޓޫޒިޒަމް ޑޭ ފާހަގަ ކުރާއިރު އެ އިވެންޓް ތެރޭގަ ޖޮބްފެއާއެއް އޮންނާނެ ކަމަށް. އެ ޖޮބް ފެއާގަ ޝަންގްރިއްލާގެ ވަޒީފާތައްވެސް ހިމެނޭނެ ވާހަކަ،" ފައިސަލް ވިދާޅުވިއެވެ. ފައިސަލް ވިދާޅުވީ ޝަންގްރިއްލާގެ އިތުރުން ހެރެތެރެ ރިސޯޓުގެ މައްސަލަވެސް ފިނޭސް މިނިސްޓަރާ ހިއްސާ ކުރުމުން، އެ ރިސޯޓު ވަރަށް އަވަހަށް ހުޅުވުމުގެ މަޝްވަރާ ކުރިއަށް އެބަދާ ކަމުގައި ވިދާޅުވެ، އައްޑޫ ރައްޔިތުންނަށް އުއްމީދު ދެއްވި ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ހެރެތެރެ ރިސޯޓަކީ މަރާމާތު ނުކޮށް ގިނަ ދުވަސް ތަކެއް ވެފައި ވުމުން ބާވެ، ވީރާނާވެފައި އޮތް ރިސޯޓެކެވެ. އެހެންކަމުން އެ ރިސޯޓު އަވަސް ތާރީޚެއްގައި ހުޅުވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމުގައި ވިދާޅުވިއެވެ. ޝަންގްރިއްލާ ރިސޯޓު ބަންދު ކުރުމުން ވަޒީފާ ގެއްލި އަތްމަތި ދަތިވެފައި ހުރި މީހެއްގެ އަންހެނުން "ސަން"އަށް ކިޔައިދިން ގޮތުގައި އޭނާގެ ފިރިމީހާއަށް އާމްދަނީއެއް ލިބެން ހުރި ދޮރުތައް މި ހިނދަށް ބަންދުވެ، އާއިލާ މިވަގުތު ތިބީ ވަރަށް ނިކަމެތި ހާލުގައި ކަމުގައެވެ. "އަޅުގަނޑުގެ ފިރިމީހާ ވަޒީފާއިން ކަނޑާލީމަ ވަރަށް ދަތި ހާލުގަ މި އުޅެނީ. މިދުވަސްވަރު އެހެން ވަޒީފާއެއް ނުލިބުނު. ދެން ފިރިމީހާ މަހަށް ގޮސްގެން ހޯދާ ފައިސާ ކޮޅުން ހަމަ ކިރިޔާ ދެކޮޅު ޖެއްސެނީ،" އޭނާ ކިޔައިދިނެވެ. އޭނާ ބުނީ މިފަދަ ދަތި ދުވަސް ވަރަކާ ދިމާކޮށް، އެތައް ބައެއްގެ ވަޒީފާ ގެއްލުމުގެ ސަބަބުން ލިބެމުން ދިޔަ އާމްދަނީ ހުއްޓި، މާޔޫސް ކަމާއި ހާސްކަމުގެ ތަންމަތީގައި އައްޑޫ ސިޓީގެ ގިނަ ރައްޔިތުން ތަކެއް ތިބިކަން ސަރުކާރަށް ނޭނގުމަކީ ހިތާމަކުރާ ކަމެއް ކަމުގައެވެ. ސަރުކާރުގެ 30 އިންސަައްތަ ހިއްސާ އޮންނަ އައްޑޫ ޝަންގްރިއްލާ ރިސޯޓް މަރާމާތު ކުރުމަށް ބަންދު ކޮށްފައިވާއިރު އެ އަތޮޅު ހެރެތެރެ ރިސޯޓްވެސް ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ބަންދު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ