ކީޕަރު ގިވަންގެ ސޮއި އެސްޓަން ވިލާއަށް

މެންޗެސްޓާ ސިޓީގެ ތަޖުރިބާކާރު ގޯލްކީޕަރު ޝޭ ގިވަން ފަސްއަހަރުގެ ކޮންޓްރެކްޓެއްގައި އެސްޓަން ވިލާއަށް ސޮއިކޮށްފި އެވެ. ވިލާއިން ގިވަން ހޯދާފައިވަނީ ތަޖުރިބާކާރު ކީޕަރެއްގެ އެހީ ކްލަބަށް ވަރަށް ބޮޑަށް ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.
މިދިޔަ ސީޒަންގައި ކީޕަރު ޖޯ ހާޓް މެންޗެސްޓާ ސިޓީގައި ވިދާލުމުން މިދިޔަ ސީޒަންގެ ޕްރެމިއާ ލީގުގެ އެންމެ މެޗަކުންވެސް ގިވަން ފެނިފައެއް ނުވެއެވެ. ބާކްލޭސް އޭޝިޔާ ޓްރޮފީގައި އެސްޓަން ވިލާއަށް ކީޕަރު ގިވަން ކުޅޭނެކަމަށް ރިޕޯޓްތަކުން ބުނަމުންދެއެވެ. ބާކްލޭސް އޭޝިޔާ ޓްރޮފީގެ ފުރަތަމަ މެޗް އެސްޓަން ވިލާ ކުޅެންޖެހޭނީ ވޯލްޝަލް އާއި ދެކޮޅަށެވެ.
"އެޝްޓަން ވިލާއަކީ ބޮޑު ކްލަބެއް. އަހަރެން އެސްޓަން ވިލާއަށް ސޮއިކުރީ އުފަލާއިއެކު. އަހަރެން ދެން އަވަސް ވެގަންނާނީ އެސްޓަންވިލާގެ މޮޅެތި ކުޅުންތެރިންނާއިއެކު ފަރިތަކުރުންތަކުގައި ބައިވެރިވުމަށް." އަޔަލެންޑްގެ ކީޕަރު ގިވަން ބުންޏެވެ.
ޕްރެމިއާ ލީގުގެ ތާރީހުގައި އުފެދުނު މޮޅު ކީޕަރުންގެ ތެރޭގައި ހިމެނޭ ގިވަން މިދިޔަ ސީޒަންގައި ބެންޗުން ފެނުނުނަމަވެސް މިސީޒަންގައި ބަލާނީ ކުރީގެ ކުޅުމަށް އެނބުރި އައުމަށްކަމަށް އޭނާ ހާމަކުރިއެވެ.
"އެންމެންނަށްވެސް އެނގޭ އަހަރެން މިދިޔަ ސީޒަންގައި އިނީ ބެންޗުގައިކަން. އަހަރެން އެކަންތައްތަކުގެ މަތިން ހަނދާން ނައްތާލައި އެސްޓަން ވިލާގައި ކުރީގައި ކުޅުމަށް އެނބުރި ދެވޭތޯ ވަރަށް މަސައްކަތްކުރާނަން. އަހަރެންގެ ހުރިހާވެސް އުންމީދަކީ މޮޅު ކުޅުމެއް ދައްކާ ސަޕޯޓަރުން ހައިރާންކޮށްލުން." ގިވަން ބުންޏެވެ.
އެސްޓަން ވިލާގެ ކޯޗް މެކްލީޝް ބުނެފައިވާގޮތުގައި ގިވަންއަކީ މޮޅު ކީޕަރެއްކަމާއި އެކަން އެންމެންވެސް ގަބޫލުކުރާނެކަމެވެ. މީގެ އިތުރުން ގިވަންއަކީ ޕްރެމިއާ ލީގުގައި އުފެދުނު މޮޅު ކީޕަރުންގެ ތެރޭގައި ހިމެނޭ ކީޕަރެއްކަމަށްވެސް ކޯޗް މެކްލީޝް ބުންޏެވެ.
ކީޕަރު ޝޭ ގިވަންގެ ސޮޔާއިއެކު ގިވަންއަކީ އަންނަ ސީޒަނަށް އެސްޓަންވިލާއާއި ގުޅުނު ފުރަތަމަ ކުޅުންތެރިޔާއެވެ. އެސްޓަންވިލާގެ އެއްނަމްބަރު ކީޕަރު ބްރެޑް ފްރެޑަލް މީގެ ދެހަފްތާކުރިންވަނީ ޓޮޓެންހަމްއާއި ގުޅިފައެވެ. އެހެންކަމުން ދެން އެސްޓަންވިލާގެ އެއްނަމްބަރު ޖާޒީގައި ކުޅުން އެންމެގާތީ ކީޕަރު ގިވަންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ