ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ހުއްޓުވަން އެމްއެންޕީން ބިލެއް ހުށަހަޅަނީ

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުން ނިމުމަކަށް ގެނައުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވަރަށް އަވަހަށް ބިލެއް ހުށަހަޅުއްވާނެ ކަމަށް އެޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
ރިޔާޒު އެހެން ވިދާޅުވީ، އާންމުންނަށް ނޭނގި ޕާޓީ ބަދަލުވާ ކަމުގެ ޝަކުވާ ލިބެމުންދާތީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީ ނައިބު ރައީސް އާދަމް ޝަރީފް މިއަދު މަޖިލީހަށް ހުށަހެޅި މައްސަލައަށް ބަހުސް ނުކޮށް މަޖިލީހުން ބޭރުކޮށްލުމުން ކުރެއްވި ޓުވީޓެއްގަ އެވެ.
ރިޔާޒް ވިދާޅުވީ، ވަގު ފޯމު ހުށަހެޅުން ނުހުއްޓިގެން އުޅެނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކަށް ފައިސާ ދޭތީ ކަމަށެވެ.
“ޕާޓީތަކުގެ ދަފުތަރު ބަލައިގެން އިލެކްޝަންސް ކޮމިޝަނުން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ފައިސާ ދޭހާ ދުވަހަކު މިކަން މިގޮތަށް ހިނގާނެ. ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ނިމުމަކަށް ގެނައުމަށް ގާނޫނޫ އިސްލާހުކުރަން މޯލްޑިވްސް ނެޝަނަލް ޕާޓީން ބިލެއް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން،” ރިޔާޒް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުނއ ދައުލަތުގެ ކޮންމެ އަހަރެއްގެ ބަޖެޓުގެ 0.1 ޕަސެންޓް ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހެ އެވެ.
އަދި އެގޮތަށް ސިޔާސީ ޕާޓީތަކަށް ފައިސާ ލިބޭނީ އީސީގެ ދަފްތަރުގައި 10،000 އަށްވުރެ ގިނަ މެމްބަރުން ހިމެނޭ ޕާޓީތަކަށް އެކަނި ކަމަށް ބުނެފައިވެ އެވެ.
ދައުލަތުގެ ބަޖެޓުން މިއަހަރު ހަތަރު ސިޔާސީ ޕާޓީއަކަށް ޖުމުލަ 30.2 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ