ހަފުތާއެއްގެ ތެރޭގައި ވޯލްޑް ކަޕުގެ ރެކޯޑް މުގުރާލާނެ ތިން ކޯޗުން

ހުކުރު ދުވަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ ތަފާތު ރެކޯޑްތައް މުގުރާލެވޭނެ މުބާރާތެކެވެ. އެހެން ފަހަރުތަކެކޭ ވެސް އެއްފަދައިންނެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ގްރޫޕަކީ މުބާރާތުގައި 48 ގައުމަށް އިރުޝާދުދޭ ކޯޗުންނެވެ.
ވޯލްޑް ކަޕުގައި މިހާތަނަށް އެންމެ އުމުރުން ދުވަސްވީ ކޯޗަކަށް އިރުޝާދު ދިނީ ގްރީސްގެ ކުރީގެ ކޯޗު އޮޓޯ ރެހާގެލް އެވެ. 2010 ވަނަ އަހަރު ގްރީސް ގޮވައިގެން އޭނާ ވޯލްޑް ކަޕަށް ދިޔައިރު އުމުރަކީ 71 އަހަރެވެ. ޖަރުމަނުގެ ކޯޗު 2001 އިން ފެށިގެން ގްރީސްއާއެކު ކުރި ދަތުރުގައި އޭނާ މަޝްހޫރުވީ 2004 ވަނަ އަހަރުގެ ޔޫރޯ އެ ގައުމަށް ހޯދައިދިނުމުންނެވެ. އެއީ އެހާތަނަށް ދުނިޔެ އަށް ލިބުނު ބޮޑު ހައިރާން ކަމެވެ. އެކަމަކު އޭނާގެ ރެކޯޑް ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގައި މުގުރާލާނެ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައ ވޯލްޑް ކަޕުގެ އެންމެ ދުވަސްވީ ކޯޗުގެ ރެކޯޑް މުގުރާލާނީ ދެކުނު އެފްރިކާގެ ކޯޗު ހޫގޯ ބްރޫސް އެވެ. 10 އޭޕްރީލް 1952 ވަނަ އަހަރު އުފަންވި ބްރޫސްގެ އުމުރަކީ މިހާރު 74 އެވެ. އޭނާ ދެކުނު އެފްރިކާގެ ކޯޗުކަމާ ކަމާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. 2023 ވަނަ އަހަރު އެފްރިކާ ކަޕުގެ ތިން ވަނަ ހޯދައިން ކޯޗު ނިންމައިގެން އެހުރީ މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމުން ރިޓަޔާ ކުރުމަށެވެ.
ބްރޫސް އަށް އެންމެ ދުވަސްވީ ކޯޗުގެ ރެކޯޑް ލިބޭނީ ޖޫން 12 ވަނަ ދުވަހު ކުޑަ ވަގުތުކޮޅަކަވެ. ޖެހިގެން އަންނަ މެޗުގައި އޭނާގެ ރެކޯޑް މުގުރާލާނީ ޗެކިޔާ ނުވަތަ ޗެކް ރިޕަބްލިކްގެ ކޯޗު މިރޮސްލާވް ކޫބެކެވެ. 1951 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެކެއްގައި އުފަންވި ކޯޗު މިހާރުގެ އުމުރަކީ 74 އެވެ. ޗެކްރިޕަބްލިކް ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިނީ ވެސް ކޫބެކެވެ. އޭނާ ކުރިން ހީކޮށްގެން ކުރީ ވޯލްޑް ކަޕުގެ އެންމެ ދުވަސްވީ ކޯޗުގެ މަގާމު ލިބޭނީ އޭނާ އަށް ކަމަށެވެ.
"އަހަރެން އަޑުއެހީ ކިއުރަސާއޯގެ ކޯޗު އެޑްވޮކާޓް ދެން އެ މަގާމަށް ނާންނާނެ ކަމަށް. އެހެންވީމާ އެންމެ ދުވަސްވީ މީހަކަށްވާނީ އަހަރެންތާ؟ އެހެންވީމާ ކޮބާ މައްސަލަ އަކީ؟" އޭނާގެ އުމުރާ ބެހޭ ގޮތުން ނޫސްވެރިއަކު މިދިޔަ މާޗު މަހު ސުވާލު ކުރުމުން ހިތްހަމަ ނުޖެހިފައި އިނދެ ކޫބެކް ބުންޏެވެ.
ކޫބެކަށް ރެކޯޑް ލިބޭތާ ގާތްގަނޑަކަށް 24 ގަޑިއިރު ފަހުން މި ރެކޯޑް އަނެއްކާ ވެސް މުގުރާލާނެ އެވެ. މިފަހަރު މިކަން މިކަން ކުރާނީ ކިއުރަސާއޯގެ ކޯޗު ޑިކް އެޑްވޮކާޓެވެ. 27 ސެޕްޓެމްބަރު މަހު 1947ގައި އުފަންވި ކޯޗުގެ މިހާރުގެ އުމުރަކީ 78 އަށެވެ. ވޯލްޑް ކަޕް ކުޅޭ އެންމެ ކުޑަ ގައުމު ކޮލިފައި ކޮށްދިނީ ވެސް އޭނާ އެވެ. ނަމަވެސް އެ މެޗުގައި އޭނާ ޓީމަށް އިރުޝާދު ދިނީ އަންހެނުން ބަލިވެގެން ހޮސްޕިޓަލުގައި ހުރެ ފޯނުންނެވެ. އަލުން ޓީމާ ހަވާލުވީ މީގެ ދޮޅު މަސް ކުރިންނެވެ.
މި ކޯޗުންގެ އިތުރުން ވެސް މި ފަހަރުގެ ވޯލްޑް ކަޕުގައި ދުވަސްވީ ކޯޗުންތަކެއް ފެނިގެންދާނެ އެވެ. އަދި 40 އަހަރުން މަތީގެ ހަތް ކުޅުންތެރިއަކު ވެސް މި މުބާރާތުން ފެނިގެންދާނެ އެވެ. މި ގޮތުން ފާހަގަ ކޮށްލެވޭ ތިން ކުޅުންތެރިންނަކީ ޕޯޗުގަލްގެ 41 އަހަރުގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މެކްސިކޯގެ 40 އަހަރުގެ ކީޕަރު ގިޔޭރްމޯ އޮޗޯއާގެ އިތުރުން މުބާރާތުގައި ކުޅޭ އެންމެ ދުވަސްވީ ކުޅުންތެރިޔާ ސްކޮޓްލޭންޑްގެ ކީޕަރު ކްރައެގް ގޯޑަން އެވެ. އޭނާގެ އުމުރަކީ 43 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ