ވައިޓް ހައުސް ކައިރީގައި ބަޑީގެ ހަމަލާތަކެއް ދީ، މީހަކު ޒަޚަމްކޮށްލައިފި

އެމެރިކާގެ ރިޔާސީ ގަޑުވަރު، ވައިޓް ހައުސް ހުންނަ ސަރަހައްދުގައި ގިނަ އަދަދެއްގެ ބަޑީގެ ހަމަލާތަކެއް ދީފިއެވެ. ސިއްރު ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި ވައިޓް ހައުސްގެ އުތުރު ފަރާތު ލޯނު (ބަގީޗާ) ސަރަހައްދުން 30 އަށްވުރެ ގިނަ ބަޑީގެ އަޑު އިވިފައިވެއެވެ.
މި ހާދިސާގައި ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އޭނާއަށް ލިބުނު އަނިޔާތަކަށް ޖޯޖް ވޮޝިންޓަން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އޭނާގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ. ސިއްރު ފުލުހުން ވަނީ ތުހުމަތުކުރެވޭ މީހާގެ ގަޔަށް ބަޑިޖަހާފައެވެ.
މި ނުރައްކާތެރި ހާދިސާ ހިނގާފައި މިވަނީ، މީގެ މަހެއްހާ ދުވަސް ކުރިން، އޭޕްރިލް މަހުގެ 25 ވަނަ ދުވަހު ވޮޝިންޓަންގެ ހޮޓަލެއްގައި ބޭއްވި ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަން ޑިނަރގެ ތެރޭގައި ޓްރަމްޕް މަރާލަން ދިން ހަމަލާއާ ގުޅިގެން ސަލާމަތީ ކަންކަން އިންތިހާއަށް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ މަހުގެ އެ ހަމަލާއަށްފަހު އެމެރިކާގެ ސިއްރު ފުލުހުންނާއި ސަލާމަތީ ބާރުތަކުން ވަނީ ވައިޓް ހައުސް އާއި ވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ