ޗައިނާގެ މައިނެއްގައި ހިނގި ގޮވުމުގެ ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާ

ޗައިނާގެ ޝަންޒީ ޕްރޮވިންސްގައި ކޯލް މައިންއެއް ގޮވާ ހިނގި ހަދިސާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވުމާއި ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިން ޕިން އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ޗައިނާގެ ޝަންޒީ ޕްރޮވިންސްގެ ލިއުޝެންޔޫ ކޯލް މައިންގައި ހިނގި ނުރައްކާތެރި ގޭސް ގޮވުމުގެ ހާދިސާގައި 82 މީހުން މަރުވެފައިވާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. މި ހާދިސާގައި ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ތައުޒިޔާގެ މެސެޖުގައި ގިނަ ބައެއްގެ ފުރާނަ ގެއްލި، އިތުރު އެތައް ބަޔަކަށް އަނިޔާވި މި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައިވެއެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި، ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ތައުޒިޔާ ރައްދުކުރައްވާފައެވެ. އަދި ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ޗައިނާއާއެކު ސާބިތުކަމާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅވުިއެވެ. އެމަނިކުފާނު ވަނީ މި ހާދިސާގެ އަސަރުކުރި ފަރާތްތަކަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުމަށް އެދިވަޑައިގެން، މިހާރު ކުރިއަށްދާ ސަލާމަތްކުރުމުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ.
ރޮއިޓާސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޗައިނާގެ ހިނގި މި ހާދިސާގައި 82 މަރުވެ، 128 މީހަކު ޒަޚަމުވުމުގެ ސަބަބުން ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެެވެ. މި ހާދިސާ ހިނގި ވަގުތު މައިންގައި 247 މީހުން ބިމު އަޑީގައި މަސައްކަތް ކުރަމުން ދިޔަ ކަމަށް ރޮއިޓާސް އިން ވަނީ ރިޕޯޓްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ