ކޭކު އަޅާ މީހުންނާއި ހެދިކާ ހަދާ މީހުންނާއި ފަހާ މީހުންނަށް ސިޔާސަތުތައް ހަދައި އާމްދަނީ ހޯދައިދޭނަން: ނަޝީދު

މަހަށް ދިޔުމާއި ކޭކު އެޅުމާއި ހެދިކާ ހެދުމާއި ފެހުން ފަދަ އަމިއްލަ މަސައްކަތްތައް ކުރާ މީހުންނަށް އެމްޑީޕީން ސިޔާސަތުތައް އެކުލަވާލައި އާމްދަނީ ހޯދަން މަފުފަހިކޮށްދޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާފައިވާ ނަޝީދު މިއަދު ވަނީ ކެމްޕޭނަށް ނ. ކުޑަފަރީއަށް ވަޑައިގެންފަ އެވެ.
ތަފްސީލް - ކުޑަފަރީގެ މީހުންނާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އާމްދަނީ ލިބޭނެ ގޮތްތައް ދައްކައިދީ، އެމްޑީޕީގެ ވެރިކަމެއްގައި އެ ރަށުގެ ކޮންމެ ގެއަކަށް 60،000 ރުފިޔާ ވަންނަ ގޮތް ފަހިކޮށްދެއްވާނެ ކަމަށެވެ.
އެ ފަދަ "ބޮޑެތި ވާހަކަތައް" ފުރަތަމަ ގަބޫލުކުރަން އުނދަގޫވެދާނެ ކަމަށާއި އެކަމަކު އެއީ ކުރެވިދާނެ ކަންކަން މީގެ ކުރިން ވެސް އެމްޑީޕީން ސާބިތުކޮށްދީފައިވާނެ ކަމަށެވެ.
އެކަން އޮޅުންފިލުވައިދެއްވުމުގެ ގޮތުން، އެ މަނިކުފާނު މިސާލު ނެންގެވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ސަރުކާރުންނާއި އާއްމުން ރާއްޖެއާ މެދު ދެކެމުން އައި ގޮތަށެވެ.
"އޭރު އެ ބޭފުޅުން ކިޔައިދެއްވަމުން އައީ ރާއްޖެއަކީ ވަރަށް މީސްކޮޅު މަދު، ގުދުރަތީ ވަސީލަތްތައް މަދު، އިންޑިއާ ކަނޑަށް އުކާލާފައި އޮތް ކުދިކުދި ޖަޒީރާ ރަށްތަކެއްގެ ގޮތުގައި. ވަރަށް ނިކަމެތިކޮށް ދެކެމުން އައީ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީން އެންމެ ފުރަތަމަ ވެސް ކުރިކަމަކީ އެ ފަލްސަފާ ދޮގުކުރުމެވެ. އެވެ. ރާއްޖެއަކީ 'އުތުރުން ދެކުނަށް 1،000 މޭލު'، 'އިރުން ހުޅަނގުން 600 މޭލު' ހުންނަ ބޮޑު ރަށެއްގެ ގޮތުގައި ދެކި، ރާއްޖޭގެ ކަނޑުގެ ރިޒްގާއި ގުދުރަތީ ވަސީލަތްތަކާއި ރަށްތަކުން، ދިވެހިންނަށް ތަނަވަސްކަމާއި ސާދާ ދިރިއުޅުމެއް އުޅެވިދާނެކަން އެ ޕާޓީން އަންގައިދިން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެކަނިވެރި މައިންނަށާއި ޔަތީމު ކުދިންނަށް އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދެވޭނޭ ބުނީމާ، ރައްޔިތުން އޭރު ބުނީ ތިކަމެއް ނުވާނެ ކަމަށް. ކަލޭ ތި ދައްކަނީ ކޮން ބާވަތުގެ ވާހަކައެއް ހެއްޔޭ ބުނީ،" ނަޝީދު ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެންނަށް އެ ވާހަކަތަކާ އެކު ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ، ކޮންމެވެސް ކަމެއް ކުރެވިއްޖެ."
އެމަނިކުފާނު ވިދާޅުވީ ޓެކްސް އާއި އެހެން ގޮތްގޮތުން، 2008 ވަނަ އަހަރު ދައުލަތަށް ލިބުނު 7 ބިލިއަން ރުފިޔާގެ އާމްދަނީ މިއަދު 40 ބިލިއަނަށް ބަދަލު ކުރެވިއްޖެ ކަމަށެވެ.
އެހެންވެ، ދެން ވެސް ތައާރަފް ކުރަން ނިންމާފައިވަނީ ހަމަ އެ ފަދަ ސިޔާސަތުތަކެއް ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ:
ކުޑަފަރީގެ ތަނަވަސްކަން އިތުރުކުރުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ކައުންސިލާ ގުޅިގެން، އެ ރަށުގައި އާމްދަނީ ހޯދަން ކުރެވޭނެ މަސައްކަތްތައް ދެނެގަތުން ކަމަށް
އެގޮތުން މަހަށް ދާ މީހުންނާއި ކޭކު އަޅާ މީހުންނާއި ހެދިކާ ހަދާ މީހުންނާއި ފަހާ މީހުން ފަދަ އާމްދަނީ ހޯދަން މަސައްކަތް ކުރާ މީހުން ދެނެގަންނަން ޖެހޭ ކަމަށް
އެއާއެކު އެމްޑީޕީގެ ޕްރޮޖެކްޓު އޮފީހުން، ރައްޔިތުންގެ އެ މަސައްކަތްތަކުން އާމްދަނީ ހޯދޭނެ ގޮތް ކިޔައިދީ ސިޔާސަތުތައް އެކުލަވާލާނެ ކަމަށް
ނަޝީދު ވަނީ ރައްޔިތުންގެ މި މަގުތަކަށް ހުރަސް އެޅޭގޮތަށް މި ސަރުކާރުން އަމަލު ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
އެގޮތުން ސަރުކާރުން ދައުލަތުގެ ދަރަނި ދައްކަނީ އިތުރު ދަރަންޏެއް ނަގައިގެންނާއި ޓެކްސް މައްޗަށް ޖައްސައި ސަބްސިޑީ ދަށްކޮށްގެން ކަމަށް ވިދާޅުވި އެވެ. އާސަންދަ ނުދީ، ބޭސް އެތެރެ ނުކޮށް، އިޖްތިމާއީ ރައްކާތެރިކަން ނުދޭ ނަމަ، ސަރުކާރު އަތުގައި ފައިސާކޮޅެއް އިތުރުވާނެ ކަމަށާއި އެ ފައިސާއިން ދަރަނި ދައްކަނީ ރައްޔިތުން ނިކަމެތިކޮށްގެން ކަމަށް ވިދާޅުވި އެވެ.
އެކަމަކު ނަޝީދުގެ ފަލްސަފާއަކީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރައްޔިތުން މުއްސަނދި ވެގެން ދަރަނި ދެއްކުމެވެ. އަދި އެކަމަށް، ރައްޔިތުންނަށް ލިބޭ އެއްޗެއް ދެގުނަ ވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"ކޮންމެ ގެއަކަށް 60،000 ރުފިޔާވަރު ވަންނަން ޖެހޭ. އެމްޑީޕީގެ ސަރުކާރަކުން އެކަން ކޮށްދޭނެ،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ