ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން އެއް މަސްދުވަސް ދޭން ނިންމައިފި ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން އެއް މަސްދުވަސް ދޭން ނިންމައިފި

މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފްލެޓުގެ ލިސްޓަށް ޝަކުވާ ހުށަހަޅަން އެއް މަސްދުވަސް ދިނުމަށް މިއަދު ނިންމައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އޮތް އެއް މަސް ދުވަހުގެ މުއްދަތުގައި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
"އަދި ފްލެޓް ނުލިބޭ ކަމަށް ފާހަގަކޮށްފައިވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ލިބިގެންދާނެ. މި މުއްދަތުގެ ތެރޭގައި ލިސްޓުން އުނިވި ފަރާތަށް ޕޯޓަލްއިން ޝަކުވާ ހުށަހެޅޭނެ. އަދި އާންމު ފަރާތަކުން ލިސްޓުގައި ހިމެނޭ ފަރާތަކާ މެދު އެއްވެސް ޝަކުވާއެއް އޮތްނަމަ މިނިސްޓްރީއަށް ސިޓީއަކުން ނުވަތަ އީމެއިލްއަކުން ޝަކުވާ ހުށަހެޅޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން ލިސްޓް ނެރުމާ އެކު އެއްވެސް މައްސަލައެއް ފާހަގަނުވާ ފަރާތްތަކާ ފްލެޓް ހަވާލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ފެށިގެންދާނެ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ ފްލެޓްތައް ދިނުމަށް ކަނޑައަޅާނީ ލިބޭ ޝަކުވާއަށް ބަލައި މިނިސްޓްރީގެ ނިންމުމަށް ޗެލެންޖު ކުރަން ބޭނުންވާ އެންމެންނަށް އެ ފުރުސަތު ވެސް ދިނުމަށްފަހު ކަމަށެވެ.
"ފްލެޓް ލިބޭނެ ކަމަށް ނޮވެމްބަރު 15، 2023، ގައި އިއުލާން ކޮށްފައިވާ ލިސްޓުގައި ހިމެނިފައިވާ އެއްވެސް ފަރާތަކަށް ދިނުމަށް ކަނޑައަޅާފައިވާ ފްލެޓެއް އެއްވެސް އެހެން ފަރާތަކަށް ދިނުމަށް އަޅުގަނޑުމެން އަދި ކަނަޑައެއް ނާޅާނަން،" މުއްތަލިބު ވިދާޅުވި އެވެ.
"މާނައަކީ މި ލިބޭ ޝަކުވާގެ ތެރޭގައި އެފަރާތުން ހުށަހަޅާ ޝަކުވާއަށް ބަލައި އަދި އެހެން ގޮތަކުން ވެސް އެ ފަރާތުން އަޅުގަނޑުމެންގެ ޑިޒިޝަނަށް ޗެލެންޖު ކުރަން ބޭނުންވާނަމަ އެ ފުރުސަތު ވެސް ދީފައި، އެ ފަރާތުން ބޭނުންކުރާ ފުރުސަތަށްފަހުގައި އަޅުގަނޑުމެން ބާކީވާ ފްލެޓްތައް މި ހިންގާ ޕްރޮސެސްގެ ތެރޭގައި ކަނޑައެޅޭ ފަރާތްތަކަށް ދޭނީ."
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް އިއުލާނުކުރި ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން ފްލެޓު ލިބޭނީ 1,820 މީހުންނަށް ކަމަށް މުއްތަލިބު މިއަދު ވަނީ ހާމަކުރައްވާފަ އެވެ. އެގޮތުން ފްލެޓު ޝަރުތު ހަމަވެގެން ފްލެޓު ލިބެނީ 1820 މީހުންނަށް ކަމަށާއި 3119 މީހުންނަށް ފްލެޓު ނުލިބޭނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ