ސަރުކާރުން ޝަވަންއަަށް ރަނިގް ބްލޭޑް ހަމަޖައްސައިދީފި

ސަރުކާރުން އަހުމަދު ޝަވަން މުހައްމަދަށް ރަނިގް ބްލޭޑް ހަމަޖައްސައިދީފިއެވެ.
ސަރުކާރު އަދި ގިނަބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނީ އެއްފަޔާއެކު ފުޓުބޯޅަ ކުޅޭ މަޒަރު ފެންނަ ވީޑިއޯއެއް ދައުރުވުމުންނެވެ.
ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހު މިނިސްޓަރު އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިދުވަސް ފާހަގަކުރެވިގެންދާއިރު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޝަވަންއަަށް ރަނިގް ބްލޭޑް ހަމަޖައްސައިދެވުން ކަމަށެވެ.
އަދި ރާއްޖޭގެ ފުރަތަމަ ރަނިން ބްލޭޑް އެތުލީޓަށް އިރާދަކުރެއްވިއްޔާ ދެންއޮތީ އިންޑިއާގައި ފަރިތަކުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޝަވަންއަށް ރަންނިން ބްލެޑް ހަމަޖެއްސީ ޔޫތު މިނިސްޓްރީގެ ޚަރަދުގައެވެ. މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު މަހުލޫފު ވިދާޅުވި ގޮތުގައި ޝަވަންއަށް މަސްނޫއީ ފަޔެއް ޖަހައިދިނުމުގެ މަސައްކަތް ކުރައްވަނީ، ކްރެޑިޓެއް ހޯއްދަވާކަށް ނޫން ކަމަށެވެ.
ކަންކަން ތަރުތީބުވެފައި އޮންނަ ގޮތުން ޝަވަންއަކީ ކުޅިވަރު ކުޅޭ އަދި ކުޅިވަރު ކުޅެން ބޭނުންވާ ކުއްޖެއްކަން ކުރިން އެނގިވަޑައިގެންފައި ނުވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އެކަން އެނގިވަޑައިގެންނެވި ހިސާބުން އަޅައިލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން އެއީ ހަމައެކަނި ޝަވަންއަށް އޮންނާނެ ފުރުސަތެއް ނޫން ކަމަށާއި ކުޅިވަރުގެ ތެރޭން ކުރިއަށްދާން ބޭނުންވާ ޑިސެބިލިޓީ ހުރި ކުދިންނަށް ދޭން ޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިހާރު އުމުރުން 7 އަހަރުގެ ޝަވަން ދުނިޔެއަށް އުފަންވިއިރުވެސް ކަނާތު ފައިގެ ކަކުލުން ތިރިއެއް ނެތެވެ. އަދި ވައަތުގެ ބޮޑުވައި އިނގިއްޔާއި ކުޑަވާ އިނގިލި ފިޔަވައި ބާކީ ތިން އިނގިލި ހުރީ ގުޅިފައެވެ.
އެކަމަކު ކުޅިވަރު ކުޅުމާއި ހެލިފެލިވެ އުޅުމުގައި ޝަވަން ދައްކަނީ އާދަޔާ ޚިލާފު ހިތްވަރެކެވެ. އުނިކަމެއް ހުރުމަކީ ކުރަން ބޭނުންވާ ކަންކަން ނުކޮށް ދޫކޮށްލުމަށް އޮތް އުޒުރެއް ނޫންކަން ނުކުޅެދުންތެރިކަން ހުންނަ އެތައް ބަޔަކަށް އޭނާ ބުނެދީފިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ