ޔޫއެސްޓީއޯއޭ ކޮންފަރެންސްގައި އެމްއެމްޕީއާރުސީން ރާއްޖެ ތަމްސީލްކޮށްފި

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އެމެރިކާގައި ކުރިއަށްދިޔަ ޔޫއެސްޓީއޯއޭ އެނުއަލް ކޮންފަރެންސް އެންޑް މާކެޓްޕްލޭސް 2022 ގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށްފިއެވެ.
މި އިވެންޓް ކުރިއަށްދިޔައީ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހުން މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ޖޭޑަބްލިއު މެރިޔޮޓް އޯސްޓިން، ޓެކްސަސްގައެވެ.
އެމްއެމްޕީއާރުސީން ބުނީ، އެމެރިކާ މާކެޓުގެ އެންމެ މަގުބޫލު ޓުއަރ އޮޕަރޭޓަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބަޔަކާ ބައްދަލުކުރުމުގެ ފުރުސަތު މި ކޮންފެރެންސްގައި އެމްއެމްޕީއާރުސީއަށް ލިބިގެންދިޔަ ކަމަށެވެ.
މި ކޮންފަރެސްއަކީ 1972 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށްވާއިރު، މިއީ އުތުރު އެމެރިކާގެ އެންމެ ބޮޑެތި ޓްރެވަލް ކުންފުނިތަކާއި، ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތްދޭ ފަރާތްތަކާއި މަންޒިލްތައް އެއްތަނަކުން ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މި ރީޖަންގައި ބާއްވާ މިފަދަ އެންމެ ބޮޑު އެއް ހަރަކާތެވެ.
މިއަހަރުގެ ޔޫއެސްޓީއޯއޭގައި އެމްއެމްޕީއާރުސީގެ ފަރާތުން ރާއްޖެ ތަމްސީލްކުރީ އެމެރިކާއަށް ކަނޑައަޅާފައިވާ ޕީއާރު އެޖެންސީއިންނެވެ.
މިހަރަކާތުގައި ބައިވެރިވުމުގެ ބޭނުމަކީ ރާއްޖެއަކީ އެމެރިކާގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކޮށް ރާއްޖެ އިޝްތިހާރުކުރުމެވެ.
މި ކޮންފެރެންސްގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވި 700 އަށް ވުރެ ގިނަ ފަރާތައް އެއް ތަނަކުން ބައްދަލުކޮށް، ނެޓްވޯކްކޮށް، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
މި ކޮންފަރެންސްގައި ކުރިއަށްދިޔަ ސެމިނާތަކާއި، ސިމްޕޯޒިއަމްތަކާއި، ތަޖުރިބާކާރުންގެ ޕެނަލް ޑިސްކަޝަންތަކުގެ ތެރެއިން، އުތުރު އެމެރިކާގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ ޓްރެންޑްތަކާ ބެހޭ މައުލޫމާތާއި އަގުހުރި ވިސްނުންތައް ލިބިގެންދިޔަ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
އެމެރިކާ މާކެޓުގައި ރާއްޖޭގެ ބްރޭންޑްގެ މަގުބޫލުކަން ދަމަހައްޓާ ހަރުދަނާ ކުރުމުގެ ސަބަބުން އެމެރިކާއަކީ ރާއްޖެއާ ދުރު ޤައުމެއް ކަމުގައި ވިޔަސް، އެއީ އެތައްހާސް ފަތުރުވެރިންނެއް ރާއްޖެއަށް ޒިޔާރަތްކުރަމުން އަންނަ މުހިންމު މާކެޓެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް އުތުރު އެމެރިކާއިން 71,757 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ