ވިއެޓްނާމު ޓޫރިސްޓް ބޯޓް ބަންޑުން ޖަހާލައި މަރުވި މީހުންގެ އަދަދު 38އަށް އަރައިފި

ވިއެޓްނާމްގެ ހަލޮންގް ބޭގައި ޓޫރިސްޓުންތަކެއް ގޮވައިގެން ދަތުރުކުރި ބޯޓެއް ތޫފާނެއްގައި ޖެހި ހިނގި ހާދިސާގައި މަރުވި މީހުންގެ އަދަދު 38އަށް އަރާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
އަދިވެސް އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ. 
ޖުމްލަ 48 ފަތުރުވެރިންނާއި ފަސް ފަޅުވެރިންނާ އެކު ދަތުރުކުރި އެ ބޯޓް އިއްޔެ މެންދުރު ފަހު ބަންޑުން ޖަހާލައި ހިނގި ހާދިސާއަކީ ފާއިތުވި އަހަރުތަކުގައި ފަތުރުވެރިންގެ މެދުގައި ހިނގި އެންމެ ނުރައްކާތެރި އެއް އެކްސިޑެންޓެވެ.
"ބޯޓުގައި ތިބި މީހުންގެ ތެރެއިން 38 މީހަކު ވަނީ މަރުވެފައި. އިތުރު 10 މީހަކު ވަނީ ސަލާމަތްކޮށްފައި،" ސަރުކާރުން ނެރުނު ބަޔާނުގައި ބުންޏެވެ.
ވިއެޓްނާމްގެ ރަސްމީ ނިއުސް އެޖެންސީން ބުނީ އެ ހުރިހާ ޓޫރިސްޓުންނަކީ ވެސް ވިއެޓްނާމްގެ މީހުން ކަމަށާއި އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.
މީހުން ސަލާމަތް ކުރުމަށް ބޯޑަރު ގާޑުންނާއި ނޭވީގެ ސިފައިންނާއި ފުލުހުންނާއި ޕްރޮފެޝަނަލް ޑައިވަރުން ހިމެނޭ ގޮތަށް އެތައް ބަޔަކު އެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ. އާންމުކޮށް ކަނޑު އޮތީ ހިމޭންކޮށެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ދުރު ފެނުމަަށްް ހުރަސް އެޅުމުގެ ސަބަބުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.
ސަރުކާރުން ބުނީ އަޑިއަށް ދިޔަ ބޯޓު ވަނީ ސަލާމަތްކުރެވިފަ އެވެ.
އެ ހާދިސާ ހިނގާފައި ވަނީ ތޫފާން ވިފާ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް އެރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި، ހޮނިހިރު ދުވަހުގެ މެންދުރު ފަހު 2 ހާއިރު އެވެ.
އެ ހާދިސާ ހިނގި އިރު އެ ސަރަހައްދަށް ވައިގަދަވެ، ބޯކޮށް ވާރޭވެހި ވިއްސާރަވެފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.
ހަނޯއީގެ އިރުއުތުރުން ގާތްގަނޑަކަށް 200 ކިލޯމީޓަރު (125 މޭލު) ދުރުގައި އޮންނަ ހެލޮންގް ބޭއަކީ އަހަރަކު އެތައް ހާސް ޓޫރިސްޓުން ޒިޔާރަތްކުރާ ސަރަހައްދެކެވެ. ހާއްސަކޮށް ބޯޓް ދަތުރުތަކަކީ މަގުބޫލު ދަތުރުތަކެކެވެ.
މީގެ 14 އަހަރު ކުރިން، 2011 ވަނަ އަހަރު ހަލޮންގް ބޭގައި ބޯޓެއް އަޑިއަށް ގޮސް، ބިދޭސީ ޓޫރިސްޓުންނާ އެކު 12 މީހަކު ވަނީ މަރުވެފަ އެވެ.
ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް މިއަހަރު އައި ތިން ވަނަ ތޫފާން ވިފާ އަންނަ ހަފުތާގެ ކުރީކޮޅު ވިއެޓްނާމްގެ އުތުރުގެ އައްސޭރިފަށަށް ފޯރާނެ ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ