ސީޕްލޭން ޕްލެޓްފޯމެއް އޮޔާދާތީ ކާށިދޫ ކަނޑުން ދަތުރުކުރާ މީހުން ސަމާލުވާން އެދިއްޖެ

ރ.މާމުނަގާ ރިސޯޓްގެ ފަޅުތެރޭގައި އަޅާފައި އޮތް ސީޕްލޭން ޕްލެޓްފޯމް ކަނޑައިގެންގޮސް އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ. އެމްއެންޑީއެފުން ބުނީ، މި ޕްލެޓްފޯމް އޮޔާދާނެކަމަށް ލަފާކުރެވެނީ ކާށިދޫ ކަނޑަށް ކަމަށެވެ. އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ މީހުން މިކަމަށް ސަމާލުކަންދިނުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. "އަދި ހާއްސަކޮށް ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަން،" އެމްއެންޑީއެފުން ބުންނެވެ. މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން ކަނޑުތައް ވެސް އާދަޔާ ޚިލާފަށް ގަދައެވެ. މެޓް އޮފީހުން މިވަގުތު ވެސް ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފައެވެ. ފާއިތުވި ދުވަސްތަކުގައި ކަނޑުމަތީގެ ހިޔާމަވެރި ހާދިސާތަކެއް ވެސް ހިނގާފައި ވެއެވެ. އެގޮތުން، ގދ. މަޑަވެއްޔާ ދިމާލުން ދަތުރުކުރި ޑިންގީއެއް އޮޔާދާކަމުގެ ރިޕޯޓު ލިބިގެން ހޯދަމުން ދަނިކޮށް، އެ ޑިންގީ ބަންޑުން ޖަހާލައިގެން އެއިން ދަތުރުކުރި ދެ މީހުން ޑިންގީ މަތީގައި ތިއްބާ އިއްޔެ ވަނީ ފެނިފައެވެ. https://sun.mv/208767 މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ގދ. ގައްދުއިން އެކަނި ޑިންގީއެއްގައި ދަތުރުކުރި މީހަކު، ޑިންގީ ބަންޑުންޖަހައިލާ ގެއްލިގެން ހޯދަނިކޮށް، މަރުވެފައި އޮއްވައި ފެނުނެވެ. އެއީ އެ ރަށު، ކޯޒީރައުންޑް, ޒަކަރިއްޔާ މުޙައްމަދެވެ. އޭނާ މަރުވެ ލައްގާފައި އޮއްވައި ފެނުނީ އާދިއްތަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ