އެމްއާރްއައި މެޝިނަކަށް ދަމައިގަނެ، ލިބުނު އަނިޔާތަކާ ގުޅިގެން މީހަކު މަރުވެއްޖެ

އެމްއާރްއައި ސްކޭނެއް ހަދަމުންދިޔަ ވަގުތު އެ ސްކޭން ހެދުމަށް ހާއްސަކޮށްފައިވާ ކޮޓަރިއަށް ވަން މީހަކު މެޝިނަށް ދަމައިގަނެ ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް އެމެރިކާގެ ނިއު ޔޯކްގެ ލޯންގް އައިލެންޑް ފުލުހުން ބުނެފިއެވެ. އެމެރިކާގެ ނަސާއު ކައުންޓީގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ މިދިޔަ ބުދަ ދުވަހު ވެސްޓްބަރީގައި ހުންނަ ނަސާއު އޯޕަން އެމްއާރްއައިގައި ސްކޭނެއް ހަދަމުން ދަނިކޮށް ބޮޑު ޗޭނެއް އަޅައިގެން ހުރި މީހަކު އެކޮޓަރިއަށް ވަން ކަމަށެވެ. ސްކޭން ހަދަމުންދިޔަ ކޮޓަރިއަށް އެ މީހާ ވަނީ އޭނާގެ ގާތްތިމާގެ މީހަކު ސްކޭން ހަދަމުންދިޔަ ވަގުތު ހަޅޭއްލަވާ އަޑު އިވި އެކަމާ ކަންބޮޑުވެގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމްއާރްއައި ސްކޭން ހެދުމުގެ ކުރިން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަންގައިދޭ އެންގުމެއް--ފޮޓޯ/ފޭސްބުކް ސްކޭން ކުރިއަށްދިޔަ ވަގުތު އެތަނަށް ނުވަދެވޭނެ ކަމަށް އެތަނުގެ ސެކިއުރިޓީންނާއި ސިއްހީ އެހީތެރިން ބުނި ނަމަވެސް އޭނާ އެ ކޮޓަރިއަށް ވަނީ އެ އެންގުންތަކަށް ބޯ ނުލަނބާ ގަވައިދާ ޚިލާފަށް ކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. ނަސާއު ކައުންޓީގެ ފުލުހުން ބުނިގޮތުގައި އޭނާ އެމްއާރްއައި ސްކޭން މެޝިންހުރި ކޮޓަރިއަށް ވަނުމާ އެކު މެގްނެޓިކް މެޝިނުން އޭނާގެ ކަރުގައި އޮތް ޗޭނު ދަމައިގަނެ އޭނާ ވެސް މެޝިނުގެ އެތެރެއަށް ދަމައިގަތެވެ. އުމުރުން 61 އަހަރުގެ އެ ފިރިހެންމީހާ މަރުވީ މި ހާދިސާ ހިނގިތާ އެއް ދުވަސްފަހުން އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ އެމްއާރްއައި މެޝިންއަށް ވަދެއްޖެނަމަ އޭގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ކުރިމަތިވެދާނެ ކަމަށް ސިއްހީ މާހިރުން ބުނޭ--ފޮޓޯ/ފޭސްބުކް އެމްއާރްއައި ސްކޭން ހަދާ ކޮޓަރިއަކީ ހާއްސަ ހުއްދައެއް އޮވެގެން ވަދެވޭ ކޮޓަރިއެކެވެ. ސިއްހީ ގޮތުން ފަރުވާތެރިވާންޖެހޭ ވަރަށް ގިނަ ކަންކަން ހުންނައިރު އެތަނުގައި އެވަގުތު ތިބޭ ސިއްހީ އެހީތެރިންގެ ހުއްދަނެތި އެމްއާރްއައި ކޮޓަރިއަށް ވަނުމަކީ ވެސް މަނާ ކަމެކެވެ. ހާއްސަކޮށް އޮކްސިޖަން ޓޭންކު ގެންގުޅޭ މީހުންނާއި، ފުރޮޅުލީ ގޮނޑީގައި ތިބޭ މީހުންގެ އިތުރުން ދަގަނޑުގެ ބާވަތްތައް ނުވަތަ މެގްނެޓިކް ގަހަނާ އަޅައިގެން ތިބޭ މީހުންނަށް އެމްއާރްއައި މެޝިންތަކަކީ ނުރައްކާތެރި އެއްޗެއް ކަމަށް ނިއު ޔޯކްގެ ސީބީއެސް ނިއުސްއަށް މައުލޫމާތު ދެމުން ނޯތު ޝޯ ޔުނިވާސިޓީ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި މުވައްޒަފުން ވަނީ ބުނެފައެވެ. އެހެންކަމުން އެމްއާރްއައި ސްކޭނަށް ތައްޔާރުވުމުގެ ކުރިން އެފަދަ ތަކެތި ވަކި ތަނެއްގައި ބެހެއްޓުމަށް ބަލިމީހުންނަށް އަބަދު ވެސް އިރުޝާދުދީ އަންގާ ކަމަށް އެ ހޮސްޕިޓަލުގެ ސިއްހީ މާހިރުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެމްއާރްއައި މެޝިން ހުންނަ ކޮޓަރިތަކުގައި ދަގައްފާނުގެ ބާރުގައި އެއްޗެއް ދަމައިގަތުމުގެ ސަބަބުން މީހުން ޒަޚަމްވެ މަރުވުން އެއީ ވަރަށް މަދުން ހިނގާ ކަމެއް ކަމަށް ވެސް މި ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ. އެކަމަށް ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އެކަންކަމަށް ސަމާލުވުމުގެ މުހިއްމުކަން މިފަދަ ހާދިސާތަކުން އަބަދުވެސް ހަނދާން އާކޮށްދޭ ކަމަށް ނޯތު ޝޯ ޔުނިވަސިޓީ ހޮސްޕިޓަލުގެ ޑރ. ޕަޔަލް ސުދް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ