ލަންޑަން (ނޮވެމްބަރު 2) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާންލީ އަތުން 2-0 އިން މޮޅުވެ، އާސެނަލުން އެއް ވަނަ މަގާމު ދެމެހެއްޓިއިރު، އަމިއްލަ ދަނޑުގައި 2-0 އިން އެސްޓަން ވިލާ ބަލިކޮށް ލިވަޕޫލުން ޕްރެޝަރު ބޮޑު ހާލަތަކުން އަރައިގަތުމަށް ހަމަނޭވައެއް ލައިފި އެވެ.
އާސެނަލުން ރޭގެ މެޗުގައި ރަށުންބޭރުގައި ބާންލީ އަތުން މޮޅުވިއިރު، ލަނޑުތައް ޖެހީ ވިކްޓަ ޔޯކެރޭޝް އާއި ޑެކްލަން ރައިސް އެވެ. މި މޮޅާ އެކު، އާސެނަލުން ލީގުގެ އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ދެ ވަނައިގައި އޮތް ބޯންމައުތާއި ތިން ވަނައިގައި އޮތް ލިވަޕޫލަށް 18 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލަށް ވަނީ 25 ޕޮއިންޓް ލިބިފަ އެވެ. ލިވަޕޫލާއި އާސެނަލުން 10 މެޗު ކުޅެފައިވާއިރު، ބޯންމައުތުން ވަނީ ނުވަ މެޗު ކުޅެފަ އެވެ.
ލީގުގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިވި ލިވަޕޫލުން ރޭގެ މެޗަށް ނުކުމެ، ފުރަތަމަ ހާފުގައި ލީޑުނެގީ މުހައްމަދު ސަލާހު ޖެހި ގޯލުންނެވެ. އެސްޓަން ވިލާގެ ކީޕަރު، އެމިލިއާނޯ މާޓިނޭޒް ހެދި ގޯހަކުން ސަލާހު ޖެހި މި ލަނޑަކީ، ލިވަޕޫލަށް އޭނާ ޖަހައިދިން 250 ވަނަ ލަނޑެެވެ. އޭނާ އަކީ ލިވަޕޫލަށް މި އަދަދަށް ލަނޑު ޖަހައިދިން ތިން ވަނަ ކުޅުންތެރިޔާ އެވެ.
ދެ ވަނަ ހާފުގައި ލިވަޕޫލްގެ އަނެއް ލަނޑު ޖެހީ، ރަޔާން ގްރަވެންބާކް އެވެ. މިއީ، އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ލިވަޕޫލް މޮޅުވި ދެ ވަނަ މެޗެވެ.
ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ނޮޓިންހަމް ފޮރެސްޓް ވަނީ 2-2 އިން އެއްވަރުވެފަ އެވެ.
ރޭގެ މެޗުގައި، ޔުނައިޓެޑުން ލީޑުނެގީ މެޗުގެ 34 ވަނަ މިނިޓްގައި ކަސެމީރޯ ޖެހި ގޯލަކުންނެވެ. އެކަމަކު، ދެ ވަނަ ހާފުގައި ކުޅެން ނުކުމެ، ދެ މިނިޓް ތެރޭ ދެ ލަނޑު ޖަހައި ފޮރެސްޓުން ނަތީޖާ އަނބުރާލި އެވެ. ފޮރެސްޓަށް މި ލަނޑުތައް ޖަހައިދިނީ، 48 ވަނަ މިނިޓްގައި، މޯގަން ގިބްސް-ވައިޓް އާއި 50 ވަނަ މިނިޓްގައި ނިކޯލޯ ސަވޯނާ އެވެ. ޔުނައިޓެޑަށް އެއްވަރުކޮށްދިނީ އަމަދު ޑިއާލޯ އެވެ. އަދި، ޔުނައިޓެޑް މޮޅުކޮށްދޭން އަމަދު ޖެހި ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ ފޮރެސްޓްގެ ޑިފެންޑަރު، މުރީލޯ އެވެ.
ޓޮޓެންހަމް ދަނޑުގައި ރޭ ޗެލްސީ 1-0 އިން މޮޅުކޮށްދިން ލަނޑު ޖެހީ، ބްރެޒިލްގެ ފޯވާޑް ޖޮއާއޯ ޕެޑްރޯ އެވެ. މޮއިސަސް ކައެސޭޑޯ ދިން ބޯޅައަކުން ޖޮއާއޯ ޕެޑްރޯ ޖެހި މި ގޯލަކީ، 10 މެޗަށް ފަހު އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
ލީގުގެ ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް އާއި ފަސް ވަނައިގައި އޮތް ޗެލްސީ އާއި ހަ ވަނައިގައި އޮތް ސަންޑަލެންޑް އަދި ހަތް ވަަނައިގައި އޮތް ޔުނައިޓެޑަށް ވަނީ 17 ޕޮއިންޓް ލިބިފަ އެެވެ. ސަންޑަލެންޑް ނޫން އަނެއް ތިން ޓީމުން ވަނީ 10 މެޗު ކުޅެފަ އެވެ. ސަންޑަލެންޑުން 10 ވަނަ މެޗުގައި މިރޭ އެވަޓަންއާ ބައްދަލުކުރާނެ އެވެ.
އާސެނަލުން މަގާމު ދެމެހެއްޓިއިރު، ލިވަޕޫލަށް ހަަމަނޭވައެއް އާސެނަލުން މަގާމު ދެމެހެއްޓިއިރު، ލިވަޕޫލަށް ހަަމަނޭވައެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ