ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު އެނބުރި މާލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައިގެ އިސްނެންގެވުމުގެ ދަށުން އިންތިޒާމްކުރެވުނު "ހައި-ލެވެލް ބްރީފިން އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން" ގައި ބައިވެރިވެވަޑައިގެންނެވުމަށް އެމަނިކުފާނު އެ ގައުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ދެމެހެއްޓެނިވި ތަރައްޤީއަށާއި، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަށްޓަކައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހަލުވިކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. މި ބައްދަލުވުމުގައި ބައިނަލްއަޤްވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި (އެމްޑީބީ) ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ ، ރާއްޖެއަށް މުހިންމު ދެ ޚިޔާލެއް ކަމަށްވާ "ޑެޓް ފޯ ކްލައިމެޓް" އަދި "ޑެޓް ފޯ ނޭޗާ" މަޝްރޫޢު ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ތިމާވެއްޓާ ރައްޓެހި ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ މަރުކަޒުތަކުގެ އެއްބާރުލުން އިތުރުކުރުމާގުޅޭގޮތުން ވެސް އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
މިގޮތުން، ދިވެހިރާއްޖެއަށާއި ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މާލީ އެހީތެރިކަމުގެ ބޭނުންތައް ފާހަގަކުރައްވައި، އެކަންކަމަށް ހައްލު ހޯދުމަށް މަގުފަހިކުރެވިދާނެ ގޮތްތަކެއް ރައީސް ވަނީ ހުށަހަޅުއްވާފައެވެ.
މި ދަތުރުފުޅަކީ ރާއްޖެއާއި މަތީ ފެންވަރުގެ ބައިވެރިންނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދުނިޔޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ އެއްގޮތަށް، އިންސާފުވެރި އަދި ދެމެހެއްޓެނިވި މާލީ އެހީއަށް ރާއްޖެއިން ކުރާ ވަކާލާތު އިތުރަށް ވަރުގަދަކުރުމަށް ލިބިގެންދިޔަ ވަރަށް މުހިންމު ފުރުސަތެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް އެނބުރި މާލެ ވަޑައިގަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ