ޢާއިޝަތު ރަފާޙް ޢަލީ
ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙިކުމަތްފުޅުން، އެކަލާނގެ އަޅަކަށް ހެޔޮކަމެއް އިރާދަކުރައްވާނަމަ، އެ އަޅަކަށް އިސްލާމްދީނުގެ ފުންނާބު އުސް ޢިލްމު އުނގަންނަވައިދެއްވައެވެ. މިއީ މާއްދީ މުއްސަނދިކަމަށްވުރެ މާ މަތިވެރި ނިޢުމަތެކެވެ. މި ޙަޤީޤަތް ހާމަކޮށްދިނުމަށްޓަކައި، ޤާޟީ އަބޫ ޔޫސުފުގެ ހަޔާތުން ނަމޫނާއެއް ހުށަހަޅުއްވާފައިވެއެވެ. އޭނާގެ ފަޤީރުކަމުގައިވެސް ޢިލްމު އުނގެނުމަށް ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ފަހުން ބަޣްދާދުގެ ޤާޟީކަމުގެ މަތިވެރި މަޤާމަށް އިސްކުރެވުނެވެ. މިއީ ޢިލްމުގެ ބަރަކާތާއި މަތިވެރިކަން ދައްކުވައިދޭ ހެއްކެކެވެ.
ޙަނަފީ މަޛުހަބުގެ އެންމެ ފާހަގަކޮށްލެވޭ ޢިލްމުވެރިންގެ ތެރޭގައި ހިމެނޭ ޤާޟީ އަބޫ ޔޫސުފަކީ އިމާމް އަބޫ ޙަނީފާގެ އެންމެ ޝަހީރު ދަރިވަރުންގެ ތެރެއިން އެކެކެވެ. އަބޫ ޔޫސުފްގެ އެއް ދަރިވަރަކު ކިޔައިދީފައިވާ ގޮތުގައި، އަބޫ ޔޫސުފަކީ ޔަތީމެކެވެ. އޭނާގެ ބައްޕަ އަވަހާރަވީ އަބޫ ޔޫސުފް ވަރަށް ހަގު އުމުރެއްގައެވެ. އެ ޢާއިލާއަކީ ނިކަމެތި، މުދާ މަދު ބައެކެވެ. މި ސަބަބަށްޓަކައި، އަބޫ ޔޫސުފްގެ މަންމަ ނިންމެވީ އޭނާ ބާޒާރަށް ފޮނުވައި، މަސައްކަތްކޮށްގެން އާމްދަނީ ހޯދައި، އަމިއްލަ ނަފްސު ބަލަހައްޓަން ދަސްކުރުވުމަށެވެ.
ނަމަވެސް، އަބޫ ޔޫސުފް ބާޒާރަށް ދިޔުމުން އޭނާއަށް ފެނުނީ އިމާމް އަބޫ ޙަނީފާގެ ދަރުސް މަޖިލިހެކެވެ. އެހެންކަމުން، އޭނާ މަސައްކަތް ދޫކޮށް، އެ މަޖިލިހުގައި ބައިވެރިވިއެވެ. މި ކަން އެނގުމުން، އަބޫ ޔޫސުފްގެ މަންމަ އައިސް އޭނާ ގޮވައިގެން ގޮސް އަނެއްކާވެސް މަސައްކަތަށް ފޮނުވިއެވެ. މިގޮތަށް ދުވަސްތަކެއް ވަންދެން ކަންތައް ހިނގަމުން ދިޔައެވެ.
އެއްދުވަހަކު، އަބޫ ޔޫސުފްގެ މަންމަ އިމާމް އަބޫ ޙަނީފާގެ މަޖިލިހަށް އައިސް، ހިތާމައާއެކު ވިދާޅުވިއެވެ: "ތިބާއަށް އެނގޭތޯއެވެ؟ ތިބާ އަހަރެންގެ ދަރިފުޅު ހަލާކުކުރަނީއެވެ. ތިބާ އަހަރެންގެ ދަރިފުޅު ފަސާދަކުރަނީއެވެ. ތިބާ އަހަރެންގެ ދަރިފުޅު އަހަރެމެންގެ އާމްދަނީގެ ވަސީލަތުން ދުރުކުރަނީއެވެ. އެ ވަސީލަތަކީ އޭނާއަށް އެހީތެރިވެދޭ އެއްޗެކެވެ."
އިމާމް އަބޫ ޙަނީފާ އެ އަންހެނާއަށް ޖަވާބު ދެއްވިއެވެ: "އަންހެނާއެވެ، ތިބާގެ ދަރިފުޅު މިތާ ދޫކޮށްލާށެވެ. އޭނާ އުނގެނުމަށް ފުރުޞަތު ދޭށެވެ. އެއްދުވަހަކުން އޭނާ ފަލޫޛަޖު ކާނެއެވެ. އެއީ ހަމައެކަނި ރަސްކަލުންނާއި މުއްސަނދިން ކާ ޚާއްޞަ ކާއެއްޗެކެވެ."
މި ވާހަކަ އަޑުއިވުމުން، އެ އަންހެނާ ހައިރާންވެ، ވިދާޅުވިއެވެ: "ކޯއްޗެއް؟ ﷲ ގަންދީ ހުވާކޮށް ބުނަމެވެ، އަބޫ ޙަނީފާއެވެ، ތިބާ މުސްކުޅިވަމުން އަންނަނީއެވެ. އަދި އަހަރެން ހިތުން ތިބާގެ ބުއްދި ގެއްލެމުން އަންނަނީއެވެ." މިހެން ބުނުމަށްފަހު، އޭނާ އަބޫ ޔޫސުފް ގޮވައިގެން ދިޔައެވެ.
އޭގެ ފަހުން، އިމާމް އަބޫ ޙަނީފާ ނިންމެވީ އަބޫ ޔޫސުފް ބާޒާރުން ނެރެ، އޭނާއަށް ދުވާލަކަށް މަސައްކަތުން ލިބޭ މިންވަރު ދީ، އުނގަންނައިދިނުމަށެވެ. މިގޮތަށް އަހަރުތަކެއް ފާއިތުވެގެން ދިޔައެވެ.
ގިނަ ދުވަސްތަކެއް ފަހުން، އަބޫ ޔޫސުފް ބަޣްދާދުގެ އުއްތަމަ ޤާޟީގެ މަޤާމަށް އިސްކުރެވުނެވެ. މި މަޤާމަކީ މިހާރުގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުގެ މަޤާމާ އެއްފަދަ މަތިވެރި މަޤާމެކެވެ. އެއްދުވަހަކު، އަބޫ ޔޫސުފް ޚަލީފާ ހާރޫން އަރްރަޝީދާއެކު އިންނެވިއެވެ. އެ ދެ ބޭފުޅުން ކައިބޮއި އުޅުއްވަނިކޮށް، އެ ބޭފުޅުންނަށް ފަލޫޛަޖު ގެނެސްދެވުނެވެ. މިއީ ހަމަ އިމާމް އަބޫ ޙަނީފާ އެ ދުވަހު ވިދާޅުވި ފަލޫޛަޖެވެ.
މި މަންޒަރު ފެނުމުން، އަބޫ ޔޫސުފް ހިނިތުންވެލެއްވިއެވެ. ޚަލީފާ ހާރޫން އަރްރަޝީދު އެކަން ފާހަގަކުރައްވައި، ސުވާލުކުރެއްވިއެވެ: "ކީއްވެގެންތޯ ތިޔަ ހިނިތުންވަނީ؟ މިއީ ހަމައެކަނި ކާއެއްޗެކެވެ." އަބޫ ޔޫސުފް ޖަވާބު ދެއްވިއެވެ: "އެއްޗެއް ނޫނެވެ، އަމީރުލްމުއުމިނީނެވެ." ނަމަވެސް ޚަލީފާ އިސްރާރުކުރެއްވުމުން، އަބޫ ޔޫސުފް އެ ދުވަހުގެ ވާހަކަ ކިޔައިދެއްވިއެވެ.
މި ވާހަކަ އަޑުއެއްސެވުމަށްފަހު، ޚަލީފާ ހާރޫން އަރްރަޝީދު ވިދާޅުވިއެވެ: "ﷲ އަބޫ ޙަނީފާއަށް ބަރަކާތް ލައްވާށިއެވެ. އޭނާ ތިބާއަށް ބެއްލެވީ އޭނާގެ ހިތްޕުޅުންނެވެ، ލޯފުޅަކުން ނޫނެވެ. އަދި ބައްލަވާ،ަވާ، އަމީރުލްމުއުމިނީނެވެ، އަބޫ ޔޫސުފް މިހާރު ވަޑައިގެން ހުރި މަޤާމަށް!"
ޢިލްމުގެ މުހިންމުކަން އިތުރަށް ހާމަކޮށްދެއްވުމަށްޓަކައި، ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުތަކުންނަށް އުނގަންނަވައިދެއްވާފައިވާ ހަމައެކަނި އެއް ދުޢާއަކީ "އޭ އަހަރެންގެ ވެރިރަސްކަލާކޮ! އަހަރެންނަށް ޢިލްމު އިތުރުކޮށްދެއްވާނދޭވެ" މި ދުޢާކަން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން، ޢިލްމުގެ މާނަ ތަފްޞީލުކޮށްދެއްވަމުން، ﷲ ސުބުޙާނަހޫ ވަތަޢާލާ ހުއްދަކުރައްވާ އަދި އެކަލާނގެއާ ކައިރިކޮށްދޭ ކޮންމެ ބާވަތެއްގެ ޢިލްމަކީވެސް ހޯދުން މުހިންމު ޢިލްމެއްކަމުގައި ބަޔާންކުރައްވާފައިވެއެވެ.
އިމާމް ޙަނީފާއާ އަބޫ ޔޫސުފްގެ ވާހަކަ- މީސްތަކުންނަށް އެންމެފައިދާހުރި ޚަބަރު!: ޝައިޚާ ޑރ. ހައިފާ ޔޫނިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ