ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްގީކުރަން، 790 މިލިއަން ޑޮލަރުގެ އިންވެސްޓުމަންޓަކަށް ހުއްދަ ދީފި

ރާއްޖޭގައި ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްގީކުރުމަށް 790 މިލިއަން ޑޮލަރު ނުވަތަ 12 ބިލިއަން ރުފިޔާގެ އިންވެސްޓުމަންޓަކަށް އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދީފިއެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ޓައުންޝިޕް ތަރައްގީ ކުރުމަށް ހުއްދަ ދިނީ ކްރިސްޓަލް ޕްރައިވެޓް ލިމިޓެޑަށް ކަމަށާއި އެ ހުއްދަ ދިނީ 790 މިލިއަން ޑޮލަރުގެ ޕްރޮޕޯސަލެއް ހުށަހެޅުމުން ކަމަށެވެ. މިނިސްޓްރީން ބުނި ގޮތުގައި، އެ މަޝްރޫއު ފަށާނީ 2028ގައެވެ. އެ ޓައުންޝިޕުގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ލަގްޒަރީ ހޮސްޕިޓާލިޓީގެ ތަނަކާއި އެހެން ދާއިރާތަކުގެ ތަންތަން ވެސް ގާއިމުކުރާނެއެވެ. އޭގެތެރޭގައި، ފަތުރުވެރިކަމަށް މީހުން ތަމްރީނު ކުރާ މަރުކަޒަކާއި ޒަމާނީ ފެންވަރަށް ދަނޑުވެރިކަމާއި އެކުއަކަލްޗާގެ މަސައްކަތްކުރާ ނިޒާމުތަކުގެ އިތުރަށް ސިއްހީ ޚިދުމަތް ދޭ ތަނަކާއި ފުޑް ސެކިއުރިޓީއާ ގުޅޭ ތަނެއް ވެސް ހިމެނެއެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު --- ސަން ފޮޓޯ/ މޫސާ ނަދީމް އޭގެއިތުރުން، އެ ޓައުންޝިޕްގައި ބޭނުންކުރާ ހަކަތައިގެ 60 ޕަސެންޓު އިއާދަކުރަނިވި ހަކަތައަށް ހަދާނެކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެއީ، ރާއްޖޭން ބޭރުކުރާ ކާބަން މަދުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މި ކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރެއްވި ޕޯސްޓެއްގައި ވަނީ، އެއީ އިގުތިޞާދީ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިންގިލާބީ ތަޞައްވަރު އެ ކަމުން ހާމަވާ ކަމަށް ސައީދު ވިދާޅުވިއެވެ. https://sun.mv/203894 މި އަހަރުގެ މާރިޗު މަހުގައި ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ނ. އަތޮޅުގައި މުއްސަނދިންނަށް ޚާއްސަ ޚިދުމަތްތައް ގާއިމްކުރުން ހިމެނޭ ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގަން ހުއްދަ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ