ގޮހޮރުގެ ކެންސަރު އާދަޔާ ހިލާފަށް އިތުރުވަނީ ގޮހޮރުގެ ކެންސަރު އާދަޔާ ހިލާފަށް އިތުރުވަނީ

އުމުރުން ފަންސާސް އަހަރުން ދަށުގެ ބޮޑެތި މީހުންގެ ތެރެއިން ބޮޑު ގޮހޮރުގެ ކެންސަރު (ކޮލޮރެކްޓަލް / ކޯލޯން ކެންސަރު) ޖެހޭ މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވަމުންދާ ކަމަށް ބުނެ ސިއްހީ ދިރާސާތައް ކުރާ ތަޖުރިބާކާރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
މި ބާވަތުގެ ކެންސަރު ޖެހެނީ، އުފެދުމުގައި އުނިކަމެއް ހުންނަ (އެބްނޯމަލް) ސެލްތަކެއް ގޮހޮރުގެ ތެރޭގައި އެއްވެސް ކޮންޓްރޯލެއް ނެތި ހެދިބޮޑުވަމުން ގޮސް ޓިއުމަރަކަށް ބަދަލުވުމުންނެވެ. އެފަދަ ސެލްތަކުން ޓިއުމަރެއް އުފެދި، އެ ޓިއުމަރުން ކައިރީގައި ހުންނަ ދުޅަހެޔޮ ޓިޝޫތަކަށް ހަމަލާދެއެވެ. ނުވަތަ ބައެއް ހާލަތްތަކުގައި ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ފެތުރިގަނެއެވެ.
އާންމު ގޮތެއްގައި އެބްނޯމަލް ސެލްތައް ބޮޑެތި ވާން ފަށަނީ، ކެންސަރުގެ އެއްވެސް އަލާމާތެއް ފާޅުނުވެއެވެ. މި ބާވަތުގެ ސެލްތައް ކެންސަރަށް ބަދަލުވާން އަހަރުތަކެއް ނަގައެވެ. އެހެންކަމުން، ގޮހޮރުގެ ތެރޭގައި މިބާވަތުގެ ސެލްތަކެއް ހެދިބޮޑުވަމުން ދިޔަ ނަމަވެސް، ގިނަ ފަހަރަށް އެކަން ފާހަގައެއް ނުކުރެވެއެވެ. ސަބަބަކީ އެ ސެލްތަކުގެ ސަބަބުން ހަށިގަނޑަށް އެއްވެސް ވޭނެއް ތުރާލެއް ނުލިބޭތީއެވެ.
ނުރައްކާތެރި ބަލިތައް މިހާރު ގިންތިކުރެވިފައި ހުރި ގޮތަށް ބަލާއިރު، އެންމެ ގިނަ މީހުންނަށް ޖެހޭ ކެންސަރުގެ ތިން ބާވަތުގެ ގޮހޮރުގެ ކެންސަރު ހިމެނެއެވެ. ކޮންމެ އަހަރަކު އެތައް މިލިއަން ބަޔަކަށް އަލަށް މި ބަލި ޖެހެއެވެ. މިހާތަނަށް ގަބޫލުކުރެވެމުން އައި ގޮތުގައި، އާންމުކޮށް ގޮހޮރުގެ ކެންސަރު ޖެހެނީ އުމުރުން ދުވަސްވީ މީހުންނަށެވެ.
ނަމަވެސް މިފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ގޮހޮރުގެ ކެންސަރު ޖެހޭ ގިނަ މީހުންނަކީ އުމުރުން 50 އަހަރުން ފެށިގެން ހަގު މީހުންނެވެ. އެހެންކަމުން، މިއީ ކަންބޮޑުވެ، އިތުރު ދިރާސާތައް ވެސް ކުރަންޖެހިފައިވާ މައްސަލައެއް ކަމަށް ސައެންސްވެރިން ބުނެއެވެ.
ދަ ލާންސެޓް އޮންކޮލިޖީ ކިޔާ ޖާނަލްގައި އާންމުކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުން އުމުރުން 50 އަހަރުން ދަށުގެ މީހުންގެ މެދުގައި ގޮހޮރުގެ ކެންސަރު ފެތުރެމުން އަންނަނީ ކަންބޮޑުވާންޖެހޭ ހަލުވިމިނެއްގައެވެ. ކެންސަރުގެ ހާލަތު ދެނެގަތުމަށް 2013 ވަނަ އަހަރާއި 2017 ވަނަ އަހަރު 50 ގައުމެއްގައި އެއްކޮށްފައި ހުރި މައުލޫމާތުތައް ދިރާސާކުރުމުން އެނގުނު ގޮތުގައި، އެ 50 ގައުމުގެ ތެރެއިން 27 ގައުމެއްގައި، 50 އަހަރުން ދަށުގެ މީހުންގެ މެދުގައި ގޮހޮރުގެ ކެންސަރު ދަނީ ވަރަށް ހަލުވިކަމާއެކު ފެތުރެމުންނެވެ.
އޭގެ ތެރޭގައި ގިނައީ އުތުރު އެމެރިކާގެ ގައުމުތަކާއި ޔޫރަޕްގެ ބައެއް ގައުމުތަކެވެ. ނަމަވެސް، ހަމަ ދާދި އެފަދަ ގޮތަކަށް، އިރުމަތީ ޔޫރަޕާއި އޭޝިޔާގެ މެދުތެރޭގެ ގައުމުތަކާއި ދެކުނު އޭޝިޔާގެ ގައުމުތަކުގެ އިތުރުން ދެކުނު އެމެރިކާގެ ގައުމުތަކުގައި ވެސް، އެ އުމުރުފުރާގެ މީހުންގެ މެދުގައި ހަލުވިކަމާއެކު ގޮހޮރުގެ ކެންސަރު އެބަ ފެތުރެއެވެ.
ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި، މި ގޮތަށް ކެންސަރު ފެތުރުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ، ކެއުންބުއިމުގެ އާދައަށް އައިސްފައިވާ ޒަމާނީ ބަދަލުތަކާއި، ތިމާވެށީގެ ނުފޫޒުތަކާއި ދިރިއުޅޭ ވެށީގައި އެކުލެވޭ ސިނާއީ ސިފަތަކާއި ގޮތްތަކެވެ. އެހެންކަމުން، މި ނުރައްކާ ކުޑަކުރުމަށްޓަކައި މިހާރުން މިހާރަށް ކުރަންޖެހޭ ކަންކަމުގެ ގޮތުގައި ތަޖުރިބާކާރުން ފާހަގަކުރީ، ދުރާލައި ކެންސަރަށް ސްކްރީން ކުރުމާއި ކެއުންބުއިމުގެ ރަނގަޅު އާދަތައް ހިފެހެއްޓުމާއި، އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.
މިހާރުން ފެށިގެން ރައްކާތެރިކަމުގެ މި ފިޔަވަޅުތައް ނާޅައިފި ނަމަ، ކުރިއަށް އޮތް ވިހި ތިރީސް އަހަރުގެ ތެރޭގައި، ވަރަށް ގިނަ ބަޔަކު ގޮހޮރުގެ ކެންސަރާ ކުރިމަތިލާންޖެހިދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މި ކަމުގައި އެންމެ ނުރައްކާތެރި ދައުރެއް އަދާކުރާ ކަންކަމުގެ ގޮތުގައި، ސައެންސްވެރިން ފާހަގަކުރަނީ، ކެއިންބުއިމަށް އައިސްފައިވާ ބޮޑު ބަދަލެވެ.
އެ ގޮތުން، ތައްޔާރީ ކާނާތައް ކެއުން ގިނަވުމާއި، ރަތްކަން ގަދަ އަދި ދަޅުގައި ބަންދުކޮށްފައި ހުންނަ އެއްގަމު މަސް ކެއުން އިތުރުވުމާއި، ގިނައިން ހަކުރު އެކުލެވޭ ބުއިންތައް ގިނައިން ބުއިމަކީ، ގޮހޮރުގެ ކެންސަރަށް މަގު ފަހިކުރުވާ ކަންތަކެވެ.
ކަޒަކިސްތާނުގައި ހަދާފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުން، ވޯލްޑް ކެންސާ ރިސާޗް ފަންޑުން ލަފާ ދީފައި އޮންނަ މިންގަނޑަށް ވުރެ ދެ ގުނަ އިތުރަށް، އެގައުމުގެ މީހުން އެއްގަމު މަސް ބޭނުންކުރެއެވެ. އެ ފަންޑުން ލަފާ ދީފައިވަނީ ހަފުތާއަކު އެންމެ ގިނަވެގެން ވެސް 500 ގުރާމަށް ވުރެ ގިނައިން އެއްގަމު މަސް ނުކެއުމަށެވެ. އޭގެ ބަދަލުގައި ކަނޑުމަސް، ފަރުމަސް، ނުވަތަ ކޯރު މަސް ކެއުމަށެވެ.
ނަމަވެސް، ކަޒަކިސްތާނުގައި އާންމު ގޮތެއްގައި ކަނޑު، ފަރު އަދި ކޯރު މަހުގެ ބާވަތްތައް ކަނީ އެންމެ 8.6 ޕަސެންޓް މީހުންނެވެ. އެހެންކަމުން، މިއީ އެ ގައުމުގައި ގޮހޮރުގެ ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވާ ސަބަބަކަށް ވެދާނެ ކަމަށް ސައެންސްވެރިން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ