މި މަހުގެ 23އިން ފެށިގެން އީވިސާއަށް އެދި ހުށަހެޅޭނެ
މި މަހުގެ 23އިން ފެށިގެން އީވިސާއަށް އެދި ހުށަހެޅޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އިއުލާންކޮށްފިއެވެ. އިމިގްރޭޝަނުން 100 އިންސައްތަ އީވިސާގެ ޚިދުމަތް ތައާރަފުކުރީ އެ މުއައްސަސާގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ހޯމަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އީވިސާގެ ޚިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ މަރުހަލާއަށް ތައްޔާރުވުމަށް ފުރުސަތު ދިނުމުގެ ގޮތުން، އީވިސާއަށް އެދި ހުށަހެޅޭނީ މި މަހުގެ 23އިން ފެށިގެން ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި އީ-ވިސާއަށް އެދި ހުށަހެޅުމަށް އަމަލުކުރަންޖެހޭ ގޮތުގެ ތަފުސީލީ އިރުޝާދުތައް އިމިގްރޭޝަންގެ އެކި ޕްލެޓްފޯމުތަކުގައި ޝާއިޢުކުރާނެ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. އިމިގްރޭޝަނުން ބުނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް، މިހާރުވެސް އަމަލުކުރަމުންދާ ގޮތަށް، ވިސާއަށް އެދި އިމިގްރޭޝަނަށް ޕާސްޕޯޓު ހުށަހެޅޭނެ ކަމަށެވެ. https://x.com/ImmigrationMV/status/1988511184085999650 އީ-ވިސާގެ ޚިދުމަތް ތައާރަފުކުރުމާއެކު، މީގެ ކުރިން ވިސާގެ ޚިދުމަތް ހޯދުމަށްޓަކައި ވަކިވަކި ސިސްޓަމްތައް ބޭނުންކުރަންޖެހުމުގެ ސަބަބުން، ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވަމުންދިޔަ ގޮންޖެހުންތަކަށް ހައްލު ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. ވިސާ ދޫކުރުމާއެކު އީވިސާ އޮންލައިންކޮށް ޑައުންލޯޑްކުރުމުގެ ފުރުސަތު ލިބޭނެއެވެ. އީވިސާގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ ކިއު.އާރް ކޯޑެއް ހިމެނައިފައިވާނެއެވެ. މީގެ އިތުރުން، ވިސާ ދޫކޮށްފައިވާ ބިދޭސީ މީހުންނަށް، މޯލްޑިވްސް އިމިގްރޭޝަންގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އީވިސާގެ މައުލޫމާތު ފެންނާނެއެވެ. އަދި ކުރިމަގުގައި އީވިސާ ބޭނުންކޮށްގެން އެކިއެކި ޚިދުމަތްތައް ހޯދުމަށް މަގުފަހިވާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ. https://sun.mv/213703 އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރީ މޯލްޑިވްސް 2.0ގެ ދަށުންނެވެ. މޯލްޑިވްސް 2.0އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް ޑިޖިޓަލައިޒް ކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ