ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ރާއްޖޭގެ އަންހެން ޓެނިސް ޓީމުން ވިއެޓްނާމްގައި މިހާރު ކުރިއަށްދާ ބިލީ ޖީން ކިންގް ކަޕް، އޭޝިއާ/އޯޝެނިއާގެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މި މަހު 10 އިން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި، ރާއްޖޭން ވާދަކުރާ ގްރޫޕްގައި ހިމެނެނީ، ބަހުރޭން އާއި މި ގްރޫޕްގެ މެޗުތައް ހޯސްޓްކުރާ ވިއެޓްނާމް އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަހާލައިގެން ކުޅޭ މި މުބާރާތަކީ، ޓެނިހުގެ ޓީމު އިވެންޓްގައި އެންމެ ފޯރިގަދަ މުބާރާތެވެ.
މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އަންހެން ޓެނިސް ޓީމުގައި ހިމެނެނީ، ނަބާ ނިޝާން، އާރާ އާސަލް އާޒިމް، ނަޔާރާ އުސާމާ ޢަލީ އަދި ޢާއިޝަތު ކަރިން ސައިޒާން އެވެ. ރާއްޖޭގެ ޓީމުގެ ކޯޗަކީ، އީރާނުގެ އަލީ ރިޒާ އެވެ.
ގްރޫޕްގެ ފުރަތަމަ މެޗުގައި، ރާއްޖޭން ނުކުތީ ބަހުރޭނާ ދެކޮޅަށެވެ. އެ މެޗުން މޮޅުވީ 3-0 އިންނެވެ. ފުރަތަމަ ސިންގަލްސްގައި ނަބާ ވަނީ ބަހުރޭންގެ ސަލްމާ ފަރަަގަﷲ އަތުން 6-0، 6-0 އިން މޮޅުވެފަ އެވެ. ދެ ވަަނަ އަށް ކުޅުނު، ސިންގަލްސްގައި އާރާ ވަނީ 6-0، 6-0 އިން ހާޖަރު ޒައިދާން ބަލިކޮށްފަ އެވެ. ތިން ވަނަ އަށް ކުޅުނު ޑަބަލްސް މެޗުން، ކައިރިން އާއި ނަޔާރާގެ ޕެއާ އިން ވަނީ، 6-0، 6-0 އިން ބަހުރޭނުގެ ހަނީން އަލްނަޖަރު އާއި އީމާން އަލްޒައިމޫރުގެ ޕެއާ ބަލިކޮށްފަ އެވެ.
ދެ ވަަނަ މެޗުގައި ވިއެޓްނާމާ ދެކޮޅަށް މިއަދު ނުކުމެ، ފުރަތަމަ ސިންގަލްސްގައި ނަބާ ވަނީ 6-0، 3-6 އަދި 6-4 އިން ވިއެޓްނާމްގެ ފުއޮން ކަންހް ބަލިކޮށްފަ އެވެ. ދެ ވަނަ ސިންގަލްސްގައި އާރާ ވަނީ ތައި މައި ލިންހް އަތުން 6-7، 6-3 އަދި 6-2 އިން މޮޅުވެފަ އެވެ. ތިން ވަަނަ އަށް ކުޅުނު ޑަބަލްސްގައި، ކައިރިން އާއި ނަޔާރާގެ ޕެއާ އިން ވަނީ، 7-5، 4-6 އަދި 13-11 އިން ވިއެޓްނާމްގެ ހަން ދަން ތީ އާއި ހަން ހޮން ގޯގެ ޕެއާ އަތުން މޮޅުވެފަ އެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި މާދަމާ ރާއްޖޭން ކުޅޭނީ ޖޯޑަންއާ އެވެ.
ގްރޫޕް އެއް ވަނައިގެ ގޮތުގައި ރާއްޖޭގެ އަންހެން ޓެނިސް ޓީމު ސެމީ އަށް ގްރޫޕް އެއް ވަނައިގެ ގޮތުގައި ރާއްޖޭގެ އަންހެން ޓެނިސް ޓީމު ސެމީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ