މިދިޔަ އެމްޑީޕީގެ ސަރުކާރުން އެކި ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން، ނުދައްކާހުރި 440 މިލިއަނަށްވުރެ ގިނަ ރުފިޔާ މިހާތަނަށް ދައްކާފައިވާ ކަމަށް ރައީސް މުހައްމަަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދިވެހި ވިޔަފާރިތަކަށް ދޭން ހުރި ފައިސާ، ވަކި އުސޫލެއްގެ ތެރެއިން ކުރިއަށް އޮތް ފަސް ހަފްތާ ތެރޭ ދައްކައި ނިންމާނެ ކަމަށް މި މަހުގެ 2 ވަނަ ދުވަހު ރައީސް ވިދާޅުވި އެވެ.
ބިލުތަކަށް ސަރުކާރުން ފައިސާ ނުދައްކާތީ ވިޔަފާރިވެރިންނަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ، ބައެއް ކުންފުނިތައް ބަނގުރޫޓުވާކަމުގެ ކަންބޮޑުވުން ބައެއް ވިޔަފާރިވެރިން ފާޅުކޮށްފައިވެ އެވެ.
ތަފްސީލް - ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަަދައްކަވަމުން ރައީސް ވިދާޅުވީ، އަރިއަޅާލާފައި އޮތް އިގްތިސޯދު މި ސަރުކާރުން ހަމަޖައްސަމުންދަނީ، މިދިޔަ ސަރުކާރުން ނުދީ "ފުނިޖައްސާފައި އޮތް" ބިލުތައް ވެސް ދައްކަމުން ކަމަށެވެ. ވައުދުވީ ގޮތަށް، މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން އެ ބިލުތައް ދައްކަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި:
މިއަދުގެ މިވަގުތާ ހަމަޔަށް ތަފާތު 1040 ފަރާތަކަށް ކުރީގައި ކޮށްފައި ހުރި މަސައްކަތަށް ފައިސާ ވަނީ ދީފައި
އެއީ ޖުމްލަ 444.3 މިލިއަން ރުފިޔާގެ ބިލްތައް
ހުރިހާ ބިލެއް ދައްކާ ނިމެންދެން ކޮންމެ ދުވަހަކު ވެސް މި ފައިސާ ދެއްކުން ކުރިއަށްދާނެ
"ހަގީގީ މާނައިގައި ފުނިޖައްސާފައޭ އޮތީ ހަމަ... އެއީ ވެސް މިިދިޔަ ސަރުކާރުން އެކި މަސައްކަތްކުރުވާފައި. އޮޅުވާލާފައި އެކި ފަރާތްތަކަށް ދެރަ ދީފައި ހުރި ބިލުތަކޭ. އެ ހުރިހާ މީހުންނަށް ދޭންވާ ފައިސާދީ މި ނިންމަނީ ފައިސާ ޗާޕު ނުކޮށް. އަޅުގަނޑުމެން ފައިސާ ޗާޕެއް ނުކުރާނަން. އަޅުގަނޑުމެން ބޭނުމެއްނޫން ފައިސާ ޗާޕު ކުރާކަށް،" ރައީސް ވިދާޅުވި އެވެ.
އެނގުން މުހިންމު - ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ އެކި އިދާރާތަކާ އެކު ވިޔަފާރީގެ މުއާމަލާތްތައް ކުރި އަމިއްލަ ކުންފުނިތަކަށް ފައިސާ ނުލިބޭ ބައެއް މައްސަލަތަކުގައި ސިވިލް ކޯޓުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައްޗަށް ފައިސާ ދެއްކުމަށް ހުކުމްތަކެއް ވެސް ކޮށްފައި އެބަ ހުއްޓެވެ.
ސަރުކާރު ބަދަލުވި ދުވަސްވަރު އިންތިގާލީ އޮފީހުން ބުނެފައިވާ ގޮތުގައި ފެނަކައިން އެކަނި ވެސް، 2022ގެ ނިޔަލަށް 1،149 ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 3.2 ބިލިއަން ރުފިޔާއަށް އަރަ އެވެ.
މިދިޔަ ސަރުކާރުން ފުނިޖައްސާފައި ހުރި ބިލުތަކަށް 444 މިލިއަން ރުފިޔާ ދީފިން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ