އިނގިރޭސިވިލާތުގެ ޓީމަށް ބެކަމް ނުނެގުމުން ނޭމާ ދެރަވެއްޖެ

ލަންޑަން (ޖުލައި 19) - މި އަހަރުގެ ލަންޑަން އޮލިމްޕްސްގައި ކުޅުމުގެ ފުރުސަތު އިންގްލެންޑްގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމަށް ނުލިބުމުން އެކަމާ ދެރަވާ ކަމަށް ބްރެޒިލްގެ ޒުވާން ތަރި ނޭމާ ބުނެފި އެވެ. މި މަހު ފެށުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގައި ވާދަކުރާ އިނގިރޭސިވިލާތުގެ ޓީމަށް ބެކަމް ނަގާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، އިނގިރޭސިވިލާތުގެ ކޯޗު ސްޓުއާޓް ޕިއާސް ވަނީ ބެކަމް އަށް ފުރުސުަތު ނުދީފަ އެވެ. "ބެކަމް ޓީމަށް ނުނެގުމުން އަހަރެން ދެރަވި. އަދި ގޮތަކަށް އުފާވެސްވި. އަހަރެން އުފާވީ އަހަރެމެންނާ ދެކޮޅަށް އޭނަ ނުނިކުންނާނެތީ. ގޮތަކަށް ބުނަންޏާ އަހަރެމެންނަށް ތަންކޮޅެއް ފަސޭހަވީ. އަހަރެން ދެރަވީ އެހާ މޮޅު ކުޅުންތެރިއަކާ ދެކޮޅަށް ކުޅުމުގެ ފުރުސަތެއް އަހަންނަށް ގެއްލުނީމަ. އޭނައާ ދެކޮޅަށް ކުޅުނު ވާހަކަ އަހަރެންގެ ދަރިންނަށް ކޮންމެ ވެސް ދުވަހަކު ކިޔައިދޭން ބޭނުން." އިނގިރޭސިވިލާތާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއްގައި މާދަމާ ބްރެޒިލް ނުކުންނާނެ އެވެ. ނޭމާ ބުނީ ބްރެޒިލް މި ފަހަރު ރަން މެޑަލް ހޯދާނެ ކަމަށް ބްރެޒިލްގެ ރައްޔިތުން ވަރަށް ބޮޑަށް އުންމީދުރާ ކަމަށެވެ. "ބްރެޒިލްގެ ރައްޔިތުން ވަރަށް ބޮޑު އުންމީދެއްކުރޭ މި ފަހަރު އަހަރެމެންނަށް ރަން މެޑަލް ލިބޭނެކަމާމެދު. މިއީ ވަރަށް މުހިންމު މުބާރާތެއް. މީގެ ކުރިން އަހަރެމެންނަކަށް މި މުބާރާތުގެ ރަން މެޑަލެއެއް ނުލިބޭ. އަހަރެމެންނަށް މި އޮތީ ތާރީހު ބަދަލުކޮށްލަން ފުރުސަތެއް ލިބިފަ." ނޭމާ ބުންޏެވެ. އޮލިމްޕިކްސްގެ ގުރޫޕް ގުރޫޕް ސީގައި ބްރެޒިލްއާއެކު އޮތީ މިސްރާއި ބެލާރުސް އަދި ނިއު ޒިލޭންޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ