ހެލްތު މިނިސްޓަރަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

ހެލްތު މިނިސްޓަރު ކަމަށް ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރެއްވި ހ. މާބަނޑޭރިއާގެ ‏‏އަހްމަދު ޒުހޫރަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރަން، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ މަޖިލީހުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ. މިދިޔަ އަންގާރަދުވަހު ހެލްތު މިނިސްޓަރު ކަމަށް ޒުހޫރު އައްޔަން ކުރެއްވީ، އެ މަގާމުގައި ކުރިން ހުންނެވި ޑރ. މަރިޔަމް ޝަކީލާ އަށް މަޖިލީހުން ރުހުން ނުދީ އޭނާގެ ނަން ފެއިލްކޮށްލިތާ ހަތް މަސް ދުވަސް ފަހުންނެވެ. އެ އަށް ފަހު، ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގަވަމުން ގެންދެވީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ. ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ތުހުމަތުގައި، ފެބްރުއަރީ 20 ގައި މިނިސްޓަރު ކަމުން ނާޒިމް ވަކިކުރެއްވުމުން، ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގަވަން ހަވާލު ކުރެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާ އެވެ. ކުރިން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި ޒުހޫރު ހެލްތު މިނިސްޓަރުކަމުގައި ހުންނެވުމާ މެދު ވޯޓު ނަގާނީ، ކޮމިޓީގައި އޭނާގެ ނަން ދިރާސާކުރުމަށް ފަހު، މަޖިލީހުގެ ތަޅުމަށް ފޮނުވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ