އިދިކޮޅުން ޝަރުތުކުރީ ރައީސް ޔާމީން މިނިވަންކުރަން: އެމްޑީޕީ

ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް ގާނޫނު އަސާސީގައި އަކުރެއް އިތުރު ކުރުމަށް މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފައިވާ ރިޕޯޓު ތަޅުމަށް ގެނައުން އަވަސްކުރުމަށް އެއްބަސްވާނީ، މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން އަންނަ، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމުން ކަމަށް އިދިކޮޅުން ޝަރުތުކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ. ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ވަނީ ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބިލު ފާސްކޮށްފައެވެ. އެހެން ނަމަވެސް އެ ބިލު އަދި ތަޅުމުން ފާސްކުރަން ޖެހޭނެއެވެ. މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން ބިލެއްގެ ކޮމިޓީ ރިޕޯޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސެއް ކުރަންވާނީ، އެ ރިޕޯޓު މަޖިލީހުގެ މެމްބަރުންނަށް ފޮނުވުމަށްފަހު، އެ ބިލަށް އިސްލާހު ހުށަހެޅުމަށްޓަކައި މެމްބަރުންނަށް ސާފު ތިން ދުވަހުގެ މުއްދަތެއް ދިނުމަށްފަހުއެވެ. ނަމަވެސް އެ މުއްދަތު އެއަށްވުރެ ކުރު ކުރަންޖެހިއްޖެ ހިނދެއްގައި މަޖިލީހުގެ ރައީސް، ޕާލިމެންޓަރީ ގްރޫޕުތަކުގެ ލީޑަރުންނާ މަޝްވަރާކުރުމަށްފަހު އެކަން ކުރުމަކަށް ގަވާއިިދު ހުރަހެއް ނާޅައެވެ. މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން ނަޝީދު ވިދާޅުވީ ރިޕޯޓު މަޖިލީހުގެ ތަޅުމުން ފާސްކުރަން އަވަސްކުރުމާ ގުޅޭގޮތުން، މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމްގެ ލަފަޔަަކަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެން ނަމަވެސް، ބިލުގެ މަސައްކަތް އަވަސްކުރުމަށް އިދިކޮޅުން އެއްބަސްނުވި ކަމަށާއި، އެހެންކަމުން މިއަދު ބިލުގެ މަސައްކަތް ނުނިންމޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ބިލުގެ މަސައްކަތް އަވަސްކުރަން އިދިކޮޅުން ދެކޮޅު ހެދި ސަބަބެއް ނަޝީދު ވިދާޅެއް ނުވެއެވެ. އެހެން ނަމަވެސް އެމްޑީޕީގެ މެމްބަރުން ވިދާޅުވީ، ބިލުގެ މަސައްކަތް އަވަސް ކުރަން އިދިކޮޅުން ކުރި ޝަރުތަކީ ޔާމީން މިނިވަންކުރުން ކަމަށެވެ. އެ ސަބަބު ސާފުކުރައްވަން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، ސުވާލުކުރެއްވުމުން ނަޝީދު ވިދާޅުވީ ރޮޒައިނާގެ ވާހަކަ ކުރިއަށް ގެންދިއުމަށެވެ. "އަޅުގަނޑަށް މި ގަބޫލުކުރެވެނީ ރައީސް ދައްކަވަން ވެސް ލަދުވެތިވާ ވާހަކައެއް ވިދާޅުވެފައި އޮތީކަމަށް،" ރޮޒައިނާ ވިދާޅުވިއެވެ. ރޮޒައިނާ އެހެން ވިދާޅުވުމުން ނަޝީދު ވިދާޅުވީ "އިއްޒަތްތެރި މެމްބަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ" އެވެ. ރޮޒައިނާގެ ވާހަކައަށްފަހު، ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުއްވި، ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް ވިދާޅުވީ އިދިކޮޅުން ދެ ޝަރުތެއް ކުރިކަމަށާއި އެކަމަކު، އެބޭފުޅުން "ޑީލް" ހައްދަވަން މަސައްކަތް ކުރެއްވީ ދުވަހަކު ވެސް އެފަދަ ޑީލެއް ހައްދަވާފައި ނުވާ، އަދި ނުހައްދަވާނެ ބޭފުޅަކާ ކަމަށެވެ. "އެބޭފުޅުން އެންމެ ފުރަތަމަ ދެއްކެވި ވާހަކައަކީ އެމްއެމްޕީއާރްސީން އަޅުގަނޑުމެންނަށް ވަނީ ވައްކަން ކުރެވިފައޭ. އަޅުގަނޑުމެންގެ އެމްއެމްޕީއާރްސީގެ ވައްކަން ނުހިންގެވޭނެ ގޮތަކަށް އަމަލުކުރާ ކަމަށް ވާނަމަ ވޯޓު ދީފާނަމޭ. ދެން ވިދާޅުވީ އަބްދުﷲ ޔާމީންގެ އަންހެނުން ވެސް ވަރަށް ބަލިކޮށޭ އުޅެނީ އަދި ޔާމީންގެ ބުރަކަށީގެ މައްސަލައެއް ވެސް އުޅޭ، ޔާމީނަށް އެތަނުގައި ފަރިއްކުޅުވާން ވެސް އުނދަގުލޭ. އެހެންވީމަ ކޮންމެ ގޮތެއް ހައްދަވައިގެން ވިޔަސް ޔާމީން ގެނެވޭނެ ގޮތެއް ހައްދަވައިދެއްވާށޭ،" ހަލީމް ވިދާޅުވިއެވެ. ގާނޫނު އަސާސީ އިސްލާހުކުރުމުގެ ކޮމެޓީ ރިޕޯޓު މިތަޅުމަށް ގެނައުމަށް އެޅިފައި ހުރި ހުރިހާ ހުރަސްތަކާ ގުޅޭގޮތުން މެމްބަރުން ދެކިވަޑައިގަންނަވާ ގޮތެއް ހާމަކުރުމަަށް ރިޔާސަތުން ވަނީ 20 މިނެޓުގެ ފުރުސަތެއް ހުޅުވާލައިފައެވެ. އެ ފުުރުސަތުގައި ވާހަކަދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މި ދަނޑިވަޅަކީ އެއްވެސް ފަރާތަކަށް މަޖިލީހުގެ މަސައްކަތް ހައިޖެކް ކުރުމަށް ޖާގަ ދެވިގެންވާނެ ވަގުތެއް ނޫން ކަމަށެވެ. "އެއްވެސް ކަމަކާ އަޅުވާ، ރާއްޖޭގެ ގާނޫނު އަސާސީއަށް ގެންނަން މިއުޅޭ އިސްލާހު ގެނައުމަށް އެއްވެސް ފަރާތަކަށް ހުރަހެއް އެޅުމަށް ޖާގަ ދެވިގެން ނުވާނެ. މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ 65 މެމްބަރުން އެބަތިއްބެވި. އަޅުގަނޑުމެންނަށް ގޮތް ހުސްވެގެނެއް ނުވާނެ،" ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ދސިޔާސީ ލީޑަރުުންގެ މެދުގައި ވާހަކަދައްކައިގެން ގޮތެއް ނުހޯދިއްޖެނަމަ، އެމްޑީޕީ މެމްބަރުންގެ މެޖޯރިޓީ ބޭނުންކޮށްގެން، މަޖިލީހުގެ ގަވާއިދު ބަދަލުކޮށް، ނުވަތަ މާއްދާ ސަސްޕެންޑުކުރަން މަޖިލީހުން ވޯޓެއް ނަގައިގެން މިއަދުން މިއަދަށް މައްސަލަ ނިންމިދާނެ ކަމަށެވެ. ޝަރީފް ވިދާޅުވީ "ރަނުން ރަނަށް" މައްސަލަ ނިންމަން އެއް ވަނަ ދުވަހުގެ ނިޔަލަށް މަޑުކުރެވިދާނެ ކަމަށާއި އެހެން ނަމަވެސް އޭރުން ނުކުންނާނެ ނަތީޖަ މާ ގޯސްވާނެ ކަމަށެވެ. "މުހިންމު ކަމެއްގައި، ރައްޔިތުންނާ ގުޅިފައިވާ ކަމެއްގައި، އެއްވެސް މަގުބޫލު ސަބަބެއް ނެތިތިން ދުވަސް ވަންދެން މި ރިޕޯޓު ހޫނކުރަން ބާއްވަން ޖެހޭނެ ކަމަށް އަޅުގަނޑުމެންނާ ވާދަވެރި ސިޔާސީ ލީޑަރުން ނިންމި ނިންމުމަކީ ހިތާމަހުރި ކަމެއް. އެ ނިންމުން އަޅުގަނޑު ކުށްވެރިކުރަން. މިއީ ކޮންމެހެން ކުރަންވެއްޖެ ކަމެއް،" ޝަރީފް ވިދާޅުވިއެވެ. ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ އިދިކޮޅުން ރާއްޖޭގައި ތިބި އެތައް ސަތޭކަ ކައުންސިލަރުންގެ ވަޒީފާ ގުރުބާންކޮށްލަން ނިންމީ "ބޮޑު މާސިންގާ ވަގެއް" މިނިވަން ކުރުމަށް ޝަރުތުކޮށްގެން ކަމަށެވެ. ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ރާއްޖޭގެ ކަންކޮޅުތަކުގައި ޕީޕީއެމްގެ ވެސް 200 އެތައް ކައުންސިލަރުން ތިބި އިރު، މިވަގުތު މަޖިލީހުގައި ތިބި ޕީޕީއެމްގެ މަޖިލިސް މެމްބަރުންނަށް މުހިންމުވީ، ރާއްޖޭގެ ޝަރުއީ ކޯޓުތަކުން ނިންމާފައި ހުރި މައްސަލަތަކުގެ ތެރެއަށް މި މަޖިލިސް ގަވާއިދާ ހިލާފަށް ވަދެ ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ގެއަށް ބަދަލުކޮށް މިނިވަންކުރުން ކަމަށެވެ. "އަޅުގަނޑުމެން ކުރާނީ ހެޔޮ ވެރިކަން. އަޅުގަނޑުމެން ޕީޕީއެމްގެ ކައުންސިލަރުން މަގާމުގައި ބޭތިއްބުމަށް ތިން ދުވަސް ފަހުން ނަމަވެސް ފާސްކޮށްފައި އެބޭފުޅުން މަގާމުގައި ބައިތިއްބާނަން. އަޅުގަނޑުމެންގެ އިހުސާންތެރިކަން އެބަހުރި،" މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ މަޖިލީހުގެ ގަވާއިދު އިސްލާހުކުރީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ކަމަށާއި އަދިވެސް ގަވާއިދު އިސްލާހުކުރެވިދާނެ ކަމަށެވެ. "ޕީޕީއެމްގެ ބަހެއް ނެތި ވެސް ނިންމޭ ވަރަށް ރައްޔިތުން އޮތީ އަޅުގަނޑުމެެންނަށް މެންޑޭޓު ދެއްވާފައި. އަޅުގަނޑުމެން އެކަން ކުރާނަން. އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން، ފަހަތަކަށް ނުޖެހޭނަން. ކޯޓަކުން ހުކުމެއް ކޮށްފައި ހުރި އެންމެ މީހަކު ވެސް ގަވާއިދާ ހިލާފަށް މިތަނުގައި އެއްޗެއް ފާސްކުރުމަށް ދުލެއް ނުކުރާނަން. ނުވެސް ކުރެވޭނެ،" މެމްބަރު ވިދާޅުވިއެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި އިދިކޮޅުން ބައިވެރިވަޑައިގަތީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އެކަންޏެވެ. މެމްބަރު ޝިޔާމް ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރެވިގެން ދަނީ އިދިކޮޅުން ވެސް ދެކުނު ގޮތަށް ކަމަށާއި އިސްލާހާ ދެކޮޅުވެގެން އިސްލާހު ނުނިންމަން އުޅޭ ވާހަކަ ދެއްކެވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. ނަމަވެސް ޝިޔާމްގެ ވާހަކަ ހުއްޓުވައި ނަޝީދު ވިދާޅުވީ ރިޕޯޓު ތަޅުމަށް ނުގެނެވި އޮތީ މައިނޯރިޓީ ލީޑަރު އެއްބަސްވެވަޑައިނުގަންނަވައިގެން ކަމަށެވެ. "ޕާޓީގެ ފަރާތުންރިޕޯޓަށް އިސްލާހެއް ހުށަހަޅުއްވާކަށް ނޫޅުއްވާ. އިސްލާހު ހުށަހެޅުމުގެ ގަޑިވެސް ފަހަނަ އަޅާ ހިނގައްްޖެ. އެހެންވީމާ އަޅުގަނޑުގެ ހިތަަކށް ނުވަތް އެއްވެސް ސަބަބެއް، މައިނޯރިޓީ ލީޑަރު މި ރިޕޯޓު މަޖިލީހުގެ ތަޅުމަށް ނުގެންނަވާ ހިފަހައްޓަވަންވީ އެއްވެސް ސަބަބެއް،" ނަޝީދު ވިދާޅުވިއެވެ. ޕީޕީއެމް-ޕީއެންސީ މެމްބަރުން މިއަދުގެ ޖަލްސާއަށް ވަޑައިނުގަންނަވާ ވާހަކަ ދައްކަވަމުން މެމްބަރު ޝަހީމް ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން އިދިކޮޅު މެމްބަރުންނަށް ގުޅަމުން އަންނަ ކަމަށާއި "ފޯނު ނިއްވާލައިގެން ހުރިހާ ބޭފުޅުން ތިއްބެވީ ނިދާފައިި" ކަމަށެވެ. އަދި ފަހުން މަޖިލީހަށް ވަޑައިގެން ވެސް، ހުށަހެޅުއްވީ ޔާމީން މިނިވަން ކުރުމަށް ކަމަށެވެ. "ޔާމީނެއް ނޫން ތިބޭފުޅުންނަށް މުހިންމުވާން ޖެހޭނީ. ރާއްޖޭގެ ރައްޔިތުން ތިބޭފުޅުންނަށް މުހިންމުވާން ޖެހޭނީ. ގާނޫނުއަސާސީ މުހިންމުވާން ޖެހޭނީ،" މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ ދެން ބިލުގެ މަސައްކަތް ކުރާނީ އިދިކޮޅު ކޯލިޝަނާ ނުލާ ކަމަށެވެ. އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ އިދިކޮޅު ފަރާަތްތަކަކަށް މަޖިލިސް ހިސޯރު ނުކުރެވޭނެ ކަމަށެވެ. "މި މަޖިލީހުގެ މެމްބަރުން ބްލެކްމެއިލް އެއް ނުކުރެވޭނެ،" ޝިފާއު ވިދާޅުވިއެވެ. އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ވިދާޅުވީ މިކަމަށް ޕީޕީއެމް-ޕީއެންސީން އެއްބާރުލުން ނުދިނުމަކީ ލަދުވެތިވާންޖެހޭ ކަމެއް ކަމަށެވެ. "އަޅުގަނޑުމެން ބޭނުމިއްޔާ މިހާރުވެސް މުޅި މަޖިލީހުގެ މެޖޯރިޓީ އޮތް އިރު، މުޅި މަޖިލީހުގެ ވޯޓަކަށް ގޮސްގެން ކުރިއަށް ގެންދަން ނިންމިދާނެ. އެކަމަކު އަޅުގަނޑުމެން މި މަޖިލީހުގެ މަސައްކަތްތައް މި ގެންދަނީ ވަރަށް އިންސާފުވެރިކޮށް. ވަރަށް ރަނގަޅަށް،" ރޮޒައިނާ ވިދާޅުވިއެވވެ. ރޮޒައިނާ ވިދާޅުވީ މިކަމުން އެނގިގެން ދަނީ އިދިކޮޅު ފަރާތްތަކަށް މުހިންމީ ރައީސް ޔާމީން އެކަނި ކަމަށާއި، ދިވެހި ރައްޔިތުން މުހިންމު ނޫން ކަމަށެވެ. މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ނަޝީދު ވިދާޅުވީ ދެން ޖަލްސާއެއް އޮންނާނެ މި މަހުގެ ފުރަތަމަ ދުވަހުގެ ރޭ 23:00 ގައި ކަމަށެވެ. އަދި އެ ދުވަހުގެ ރޭ ދަންވަރު 02:00 ގައި ގާނޫނުއަސާސީ އިސްލާހުކުރުމުގެ ވޯޓަށް އައްސަވާނެ ކަމަށެވެ. "އަޅުގަނޑަށް ފެންނަ ގޮތުގައި އެއްވެސް މެމްބަރަކު ވެސް އަދި ރާއްޖޭގެ ރައްޔިތަކު ވެސް ކަންބޮޑުވާކަށް ނުޖެހޭ. އަޅުގަނޑުމެން މި މަސައްކަތް ނިންމާނަން،" ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ