ޕާކިސްތާން ފްލައިޓުން ސަލާމަތްވި ޒުބޭރު: ފްލައިޓް ވެއްޓުމުގެ ކުރިން ފުންމާލިން، ޖައްސަން ތިންފަހަރު ތިރިކުރި!

ފްލައިޓު ބިމުގައި ޖެހުމުގެ ކުރިން މުހައްމަދު ޒުބައިރު ހަނދާން ހުރި އެންމެ ފަހު ކަމަކީ ޖެޓް ފިއުލްގެ ވަހާއި ފްލައިޓުން ދަތުރުކުރި އެހެން ފަސިންޖަރުންގެ ރުއިމުގެ އަޑެވެ. އެއަށްފަހު ދެން އޭނާއަށް ފެނުނީ ކެބިން ތެރޭގައި އަލިފާން ފެތުރޭ ތަނެވެ.
އަޅުވައިގެން އިން ސީޓްބެލްޓު ނައްޓައިލަން މަސައްކަތްކުރި އިރު އޭނާ އިށީނދެގެން އިން ގޮނޑީގެ ތިރީގައި ވެސް އަލިފާން ވަނީ ރޯވެފައެވެ. އޭރު ފްލައިޓު ތެރޭގައި ހެދިފައި އޮތް ބާގަނޑަކުން ފިޔަގަނޑު މައްޗަށް ފުންމާލުމަށްފަހު ބިންމައްޗަށް އޭނާ ފުންމާލިއެވެ. އެތަނުން އޭނާ ނަގައިގަނެގެން އެމްބިއުލާންސެއްގައި ގެންދިޔައެވެ.
މިއީ 91 ފަސިންޖަރުންނާއި އަށް ކުރޫންނާއެކު ދަތުރުކުރަމުން ދަނިކޮށް މިދިޔަ ހުކުރު ދުވަހު ވެއްޓުނު ޕާކިސްތާންގެ އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) އިން ސަލާމަތްވި ދެ މީހުންގެ ތެރެއިން ޒުބައިރު، 24 އޭނާގެ ވާހަކަ ކިޔައިދޭން ފެށި ގޮތެވެ. އެ ފްލައިޓުން ދަތުރުކުރި 97 މީހުން ވަނީ މަރުވެފައެވެ.
ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓް ވެއްޓުނު ސަރަހައްދުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމުގައި ހަރަކާތްތެރިވަނީ --- ފޮޓޯ: އޭޕީ
ލާހޯރުން ފުރައިގެން ކަރާޗީއަށް ދަތުރުކުރަމުންދިޔަ އެ ފްލައިޓުގެ އިންޖީން ފެއިލްވެގެން ވެއްޓުނީ ކަރާޗީގެ މައި އެއާޕޯޓް ޖިނާހް އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި މީހުން ދިރިއުޅޭ ސަރަހައްދަކަށެވެ. އެ ހާދިސާގައި އެ ސަރަހައްދުގެ 19 ގެއެއް ހަލާކުވެފައި ވެއެވެ. އެހެންނަމަވެސް އެއިން ގެއެއްގައި ދިރިއުޅޭ އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.
މެކޭނިކަލް އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތްކުރާ ޒުބައިރު އޭނާގެ ބިރުވެރި ތަޖުރިބާ ކިޔައިދިނީ ކަރާޗީގެ ސިވިލް ހޮސްޕިޓަލުގައި އޮވެގެންނެވެ.
އޭނާ ބުނި ގޮތުގައި، ޕީކޭ8303 ގެ އެ ފްލައިޓު ލާހޯރުން ފުރީ ހުކުރު ދުވަހުގެ މެންދުރު 1:00 ގައެވެ. އަމާންކަމާއެކު އެއްވެސް ކަހަލަ މައްސަލައެއް ދިމާނުވެ ދަތުރުގެ ބޮޑުބައި ދިޔަ ނަމަވެސް ކަރާޗީއާ ކައިރިވީ ފަހުން ފްލައިޓަށް ގޮތްތަކެއްވާން ފެށި ކަމަށް އޭނާ ބުންޏެވެ.
ޕާކިސްތާން ފްލައިޓް ވެއްޓުނު ހާދިސާގައި އަނިޔާވި މީހަކު ފަރުވާއަށް ގެންދަނީ --- ފޮޓޯ: އޭޕީ
އެގޮތުން ފްލައިޓް ތެޅެން ފެށުމުން އޭނާ ފުރަތަމަ ހީކުރީ އާދައިގެ ޓާބިއުލެންސެއް ކަމަށެވެ. ނަމަވެސް ދެތިން ފަހަރު ފްލައިޓް ވަރަށް ގަދައަށް ތެޅުމުން ހިތަށް ބިރު ވަދެ، އަދި ބިންމަތި ފެނުމުން ކޮންމެވެސް ކަމެއް ވަރަށް ގޯސްވިކަން އޭނާއަށް އެނގުނެވެ.
"ރަންވޭގައި ފްލައިޓް ޖައްސަން ތިން ފަހަރު މަސައްކަތްކުރި. ކިރިޔަކިރިޔާ ނުޖެހި ދިޔަ. އަހަންނަކަށް ނޭނގެ ހުއްޓާނުލައި އަނެއްކާވެސް މައްޗަށް ދިޔައީ ކީއްވެގެން ކަމެއް،" ޒުބައިރު ބުންޏެވެ.
އެއަށްފަހު ދެން އޭނާއަށް އިވުނީ އިންޓަކޮމް މެދުވެރިކޮށް ޕައިލެޓްގެ އަޑެވެ. އެއީ އިންޖީނުގައި މައްސަލައެއް އުޅޭ ވާހަކައެވެ. އަދި ލޭންޑުކުރާއިރު އުދަނގޫތަކެއް ދިމާވެދާނެ ކަމުގެ އިންޒާރު ކެޕްޓަން ދިނެވެ. އެއަށްފަހު ދެން ޒުބައިރަށް ވެސް ހޭލެވުނީ ފްލައިޓު ވެއްޓުނު ފަހުންނެވެ.
"އަހަންނަށް ފެނުނީ ދުމާއި އަލިފާން. މީހުން ރޯއަޑު އިވޭ. ކުޑަކުދިން ރޯއަޑު އިވޭ. ދެވަނަ ހަޔާތެއް ދެއްވީތީ ﷲ އަށް ވަރަށް ބޮޑަށް ހަމްދުކުރަން. މިއީ މުއުޖިޒާތެއް،" ޒުބައިރު ބުންޏެވެ.
މި ފްލައިޓް ވެއްޓިފައި ވަނީ ފިތުރު އީދާ ދިމާކޮށް ޕާކިސްތާނުގެ ޑޮމެސްޓިކް ދަތުރުތައް ހުޅުވާލިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. ވެއްޓުނު ފްލައިޓުން ދަތުރުކުރި ގިނަ މީހުންނަކީ އީދު ޗުއްޓީއަށް އެމީހުންގެ އާއިލާތައް ކައިރިއަށް ދިޔަ މީހުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޕާކިސްތާން ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި ބައެއް މީހުންގެ ސަންދޯތައް އުފުލަނީ --- ފޮޓޯ: ރޮއިޓާސް
ފްލައިޓް ވެއްޓުނު ހާދިސާގައި ދެން ސަލާމަތްވީ ޒަފަރު މަސްއޫދެވެ. އޭނާއަކީ ޕާކިސްތާނުގެ ޕަންޖާބު ބޭންކުގެ ޗީފް އެގްޒެކެޓިވެ. ނަމަވެސް ހާދިސާގައި އަތް ބިނދި ބައެއް އަނިޔާތައް ވެފައިވާތީ އޭނާއަށް ކަރާޗީގައި ހުންނަ ދާރުލް ސެހަތު ހޮސްޕިޓަލްގައި މިހާރު ވެސް އަންނަނީ ފަރުވާ ދެމުންނެވެ. އޭނާގެ ދައްތަ ޒައިނަބު އިމާމު ވެސް ބުނީ، ޒަފަރު ސަލާމަތްވުމަކީ މުއުޖިޒާތެއް ކަމަށެވެ.
"އަހަންނަށް އެނގިފައިވާ ގޮތުގައި ފްލައިޓް ވެއްޓުނު ގަޑީގައި ޒަފަރު އިށީންދެގެން އިން ގޮނޑި ވެސް ފްލައިޓުން ބޭރަށް ވިއްސައިގެން ގޮސް އޭނާ ބިންމައްޗަށް ވެއްޓުނީ. އަދި އޭނާ ވެއްޓިފައި އޮތީ ފްލައިޓް ވެއްޓުނު ތަނާ ތަންކޮޅެއް ދުރުގައި،" ޒައިނަބު ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުން، ފްލައިޓް ވެއްޓުނު ވަގުތު ގިނަ ބަޔަކު ތިބީ ހުކުރު ނަމާދަށް މިސްކިތްތަކުގައެވެ. އެއީ އެ ހާދިސާގައި މަރުވި މީހުންގެ އަދަދު މަދުވި އެއް ސަބަބު ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން ފްލައިޓް ވެއްޓި ހަލާކުވި ގެތަކުން ވެސް އަނިޔާވެގެން ފަރުވާ ދެމުން އަންނަނީ އަށް މީހަކަށެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ