އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީއަށް - ނަޝީދު

އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީއަށް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ މިއަދު އެމްޑީޕީއަށް 15 އަހަރު ފުރުމާއި ގުޅިގެން އެމްޑީޕީ މެންބަރުންނަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ 15 އަހަރުގެ ހަޔާތުގައި ދެފަހަރަށް ރާއްޖޭގެ ވެރިކަން ކުރެވިއްޖެ ކަމަށެވެ. "ހުރިހާ ސިޔާސީ ވާދަވެރިން ރޫޅިއްޖެ. ވަރަށް ބޮޑަށް މަރުހަބާ އެމްޑީޕީ. ﷲ ގެ އިރާދަފުޅުން ހުރިހާ ކަމެއް ވެސް ދަނީ ރަނގަޅަށް. އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީއަށް،" ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދައި ހިންގުމުގެ ހުއްދަ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ދެއްވުމުން އެމްޑީޕީ ރަޖިސްޓްރީ ކުރީ 2005 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ. ނަމަވެސް އޭގެ ކުރިން އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް އޮތީ ފެށިފައެވެ.
މައުމޫންގެ ވެރިކަން ނިމުމަކަށް ގެނެސް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު އިސްލާހް ކުރަން އިސްނެގި މީހުން އެމްޑީޕީގެ ހަރަކާތްތައް ރަސްމީކޮށް ފުރަތަމަ ފެށީ އަވައްޓެރި ސްރީލަންކާގައެވެ. އެމްޑީޕީ އަކީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ފުރަތަމަ އިއުލާން ކުރީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި 2003 ވަނަ އަހަރުގެ ނޮވެމްބަރ 10 ވަނަ ދުވަހު އެވެ.
އެމްޑީޕީން ރާއްޖޭގެ ވެރިކަމަށް ފުރަތަމަ އައީ 2008 ވަނަ އަހަރު އެވެ. ފަސް އަހަރުގެ ވެރިކަމުގެ ދައުރެއް އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށް ރައީސް ނަޝީދު ކާމިޔާބު ކުރެއްވި ނަމަވެސް 2012 ވަނަ އަހަރުގެ ފެބްރުއަރީ 07 ވަނަ ދުވަހު އެމަނިކުފާނު އިސްތިއުފާ ދެއްވުމާއި އެކު އެމްޑީޕީގެ ވެރިކަން އެހިސާބުން ނިމިގެން ދިޔައީއެވެ.
ދެން އެމްޑީޕީއަށް ވެރިކަން ލިބުނީ 2018 ވަނަ އަހަރު އެވެ. އެޕާޓީގެ ޓިކެޓްގައި ވާދަކޮށް ރައީސް ޞާލިހް ވެރިކަން ކުރައްވަމުން ގެންދަވާއިރު، އެމްޑީޕީގެ ސަރުކާރަށް މިހާރު ވަނީ އަނެއްކާ ވެސް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ