މަގުބޫލުކަން ގެއްލިގެން ނުދޭ: ނަޝީދު

ސިޔާސީ ހަޔާތަށް އޮތް މަގުބޫލުކަން ގެއްލިފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހޮނިހިރު ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް މާލެ ސިޓީން ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ. އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގެ ފިކުރާއި ވިސްނުމަށް މާލޭގެ ރައްޔިތުންގެ ބޮޑު ތަރުހީބަކާއި ލޯތްބެއް އޮވެއެވެ. ކޮންމެ އިންތިހާބެއް ފަސޭހަކަމާއެކު އެ ޕާޓީން ކާމިޔާބު ކުރެއެވެ.
ސިޓީ ކައުންސިލްގެ ތިން ދައުރުގައިވެސް މޭޔަރު ކަމާއި ސިޓީ ކައުންސިލްގެ ސާފު މެޖޯރިޓީ މާލެ ރައްޔިތުން ދިނީ އެމްޑީޕީއަށެވެ.
ނަމަވެސް ހޮނިހިރު ދުވަހުގެ އިންތިހާބުގައި މާލެ ސިޓީގެ ގޮނޑިތަކަށް ޕީޕީއެމުން ނެރުނު އެއްވެސް ކެންޑިޑޭޓެއްގެ މައްޗަށް އެމްޑީޕީއަށް ކުރި ހޯދިފައެއް ނުވެއެވެ. އިދިކޮޅު ޕާޓީން ނެރުނު 14 ކެންޑިޑޭޓުންވެސް ވަނީ އިންތިހާބު ކާމިޔާބު ކޮށްފައެވެ. އޭގެ ތެރޭގައި ސިޔާސީ ހަރަކާތްތަކުން އެއްގޮތަކަށްވެސް ނުފެންނަ އަދި އާންމުންގެ މެދުގައި މަގުބޫލުކަމެއް ކުރީން ލިބިފައި ނެތް ބޭފުޅުންވެސް ހިމެނެއެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް މާލޭގެ ފުރަތަމަ އިންތިހާބީ މޭޔަރަކަށް ވެވަޑައިގެންނެވީވެސް ޕީޕީއެމްގެ ޑރ. މުހައްމަދު މުއިއްޒު އެވެ.
އެމްޑީޕީގެ ސަޕޯޓް ކުޑަވަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ރައީސް ނަޝީދު އިއްޔެ ވިދާޅުވީ އެމްޑީޕީއަށް ވޯޓް ނުލިބިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާ އަދި އެމަނިކުފާނުގެ ޒާތީ މަގުބޫލުކަންވެސް ގެއްލިފައިނުވާ ކަމަށެވެ.
"އަޅުގަނޑު ނުދެކެން މިއަދު އަދި އަޅުގަނޑުމެންނަށް ވޯޓް ނުލިބިދާނެ ކަމަކަށް. އަދި އަޅުގަނޑު ނުދެކެން އަޅުގަނޑު ޒާތީގޮތުން އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި އަޅުގަނޑަށް އޮތް މަގުބޫލު ކަމެއް ގެއްލި ގޮސްފި ކަމަކަށްވެސް. އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑު މިކަމުން ވަކިވާކަށް ނޫން ޖެހޭނީ، އަދި ބޮޑަށް ބައިވެރިވާން ޖެހޭނީ. އަޅުގަނޑު މިހުރީ މިކަމުގައި އަދި މާބޮޑަށް ބަައިވެރިވާން ތައްޔާރަށް،" މިހާރުވެސް މާލޭގެ މައްޗަންގޮޅީ މެދު ތަމްސީލު ކުރައްވާ ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް މުހައްމަދު ނަޝީދު: މަގުބޫލުކަން ނުގެއްލޭ ކަމަށް ވިދާޅުވި
-- އަވަސް ފޮޓޯ
އަޅުގަނޑު ނުދެކެން މިއަދު އަދި އަޅުގަނޑުމެންނަށް ވޯޓް ނުލިބިދާނެ ކަމަކަށް. އަދި އަޅުގަނޑު ނުދެކެން އަޅުގަނޑު ޒާތީގޮތުން އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި އަޅުގަނޑަށް އޮތް މަގުބޫލު ކަމެއް ގެއްލި ގޮސްފި ކަމަކަށްވެސް. އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑު މިކަމުން ވަކިވާކަށް ނޫން ޖެހޭނީ، އަދި ބޮޑަށް ބައިވެރިވާން ޖެހޭނީ. އަޅުގަނޑު މިހުރީ މިކަމުގައި އަދި މާބޮޑަށް ބަައިވެރިވާން ތައްޔާރަށް
މުހައްމަދު ނަޝީދު | އެމްޑީޕީގެ ރައީސް
އެހެން ވިދާޅުވުމުގެ ކުރީން ރައީސް ނަޝީދު ވިދާޅުވީ އެއްވެސް ސިޔާސީ ލީޑަރަކަށް، ޕާޓީއަކަށް އަދި ފިކުރަކަށްވެސް ތާއަބަދު އެންމެ މޮޅު މީހަކަށް ނުވަތަ ބަޔަކަށް ވެގެން ނޫޅެވޭނެ ކަމަށެވެ.
"އެއްވެސް ސިޔާސީ ލީޑަރެއްވެސް އެއްވެސް ސިޔާސީ ޕާޓީއެއްވެސް އެއްވެސް ސިޔާސީ ފިކުރެއްވެސް ދެކިގެން ނުވާނެ ތިމަންނާއަކީ ތާއަބަދަށް މާމޮޅު މީހަކަށްވެ، މާމޮޅު ބަޔަކަށް ވެގެން އުޅެވިދާނެ ކަމަކަށް. ހަމައެެކަނި ތިން ފިލާގައި އަޅުގަނޑުމެން ކޮންމެ މީހަކުވެސް ނިމިދާނީ. އަޅުގަނޑުގެ ސިޔާސީ ހަޔާތްވެސް އެބަޔަކަށް ދެން ކުރެވެން ހުރި ކަމެއް ކޮށްފައި ވޯޓް ނުލިބުނީމަ ދެން އެބަޔަކު ދާންވީ،" ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ