އުތުރު ތިލަފަޅު ވަކި ބަޔަކަށް ޚާއްސަވާން ޔާމީން ދެކޮޅު ހެއްދެވި: އިދިކޮޅު

އުތުރު ތިލަފަޅު (ޔޫޓީއެފް) ތަރައްގީކުރަން އިންޑިއާ އިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުށަހަޅައިގެން މަޝްވަރާތަކެއް ކުރި ނަމަވެސް އިންޑިއާ ނުވަތަ އެހެން އެއްވެސް ގައުމަކަށް އެ ބަނދަރު ޚާއްސަވާގޮތަށް ދޫކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެކޮޅު ހެއްދެވި ކަމަށް އިދިކޮޅުން މިއަދު ބުނެފި އެވެ.
އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ އުޅަނދުފަހަރު ބަނދަރުކުރަން ޑޮކްޔާޑެއް ހެދުމަށް އިންޑިއާ އެކު ވަނީ ސޮއިކޮށްފަ އެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިޔަށް ގެންދާ އެ މަޝްރޫއު ތިން އަހަރުގެ ތެރޭގައި ނިންމަން ޖެހެ އެވެ. އެކަމަކު އެއްބަސްވުން ހަދާފައި ވަނީ އެ މުއްދަތަށް ފަހު ވެސް އިންޑިއާގެ ޓެކްނިކަލް ސަޕޯޓް ލިބޭ ގޮތަށް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކުރީގެ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ އުތުރު ތިލަފަޅު އެއްބަސްވުން "ވުޖޫދުވެ" ސޮއިކުރެވުނީ ޔާމީންގެ ސަރުކާރުގައި އެ މަސައްކަތް ފެށުމުން ކަމަށް ބުނެ ކަނޑައެޅިގެން އޮޅުވާލަމުންދާ ކަަމަށެވެ. އެކަން ފެށުނީ ޔާމީންގެ ސަރުކާރުގައި ނޫންކަން ޔަގީންކޮށްދޭން ކުރީގެ ސަރުކާރުން އިންޑިއާ އެކު ބޭއްވި ބައްދަލުވުންތަކުގެ ތަފްސީލް ހިއްސާކުރެއްވި އެވެ.
މުންދު ވިދާޅުވި ގޮތުގައި "ޔޫޓީއެފް"ގެ ތިން އަކުރު ރައީސް ޔާމީނަށް ފުރަތަމަ އަޑު އިވިވަޑައިގަތީ 2015 ގައި އެ މަނިކުފާނު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އޭރުގެ ބޮޑުވަޒީރު މަންމޯހަން ސިންހްގެ ފަރާތްޕުޅުންނެވެ. އުތުރު ތިލަފުޅު ތަރައްގީކުރުމުގެ ހުށަހެޅުމެއް ސަރުކާރަށް ހުށަހަޅާފައި އޮތްކަން ޔާމީނަށް އެނގިވަޑައިގަތީ އެކަމާ މެދު ވިސްނުންފުޅަކީ ކޮބައިތޯ ބޮޑުވަޒީރު އެއްސެވުމުން ކަމަށް މުންދު ވިދާޅުވި އެވެ.
މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ހުށަހެޅުއްވި ގަރާރަކާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މި ހަފުތާގައި އާއްމުކުރެއްވި ސިޓީތަކަކުން އުތުރު ތިލަފަޅު ތަރައްގީކުރަން އެންމެ ފުރަތަމަ އިންޑިއާގެ އެހީއަށް ރާއްޖެ އިން އެދުނީ 2013 ގައި ކަން އެނގެ އެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި، އެޕްރީލް، 25، 2013 ގައި ފޮނުވި ސިޓީއެއްގައި ކަމާ ބެހޭ ވަސީލަތްތަކާ އެކު ބަތިން ފެސިލިޓީއެއްގެ ގޮތުގައި އެ ފަޅު ތަރައްގީކުރުމުގެ ތަފުސީލު ޕްރޮޕޯސަލްއެއް އިންޑިއާ އަށް އޮތީ ހުށަހަޅައިފަ އެވެ.
ރާއްޖެ އިން އިންޑިއާ އަށް 2015 ގައި ފޮނުއްވި ސިޓީއެއް ވެސް ނަޝީދު ހާމަކުރެއްވި އެވެ. ރާއްޖެ އާއި އިންޑިއާގެ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމަކަށް ފަހު ފޮނުވި އެ ސިޓީގައިވާ ގޮތުން ވެސް ޔޫޓީއެފް ތަރައްގީކުރަން އެދުނީ ރާއްޖޭންނެވެ.
ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމުގައި ވެސް ޔޫޓީއެފްގެ ވާހަކަ ނެގީ އިންޑިއާ އިން ކަމަށް މުންދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ދެ ވަނަ ހުށަހެޅުމެއް އައުމުން އުތުރު ތިލަފަޅުގައި ޑޮކިން ފެސިލިޓީއާ އެކު ތަރައްގީކުރުމަކީ އަސްކަރީ ބޭނުންތަކުގެ އިތުރުން ކޮމާޝަލް ބޭނުންތަކަށް ވެސް މުހިއްމު ކަމެއްގެ ގޮތުގައި ރައީސް ޔާމީން ދެކެވަޑައިގަތެވެ.
"އުތުރު ތިލަފަޅު ތަރައްގީކުރުމުގެ ހުށަހެޅުން ލިބުނީ އިންޑިއާ އިން އެކަންޏެއް ނޫން. ޗައިނާ އިން ވެސް ހުށަހެޅުމެއް ލިބުނު. ސިންގަޕޫރަށް ނިސްބަތްވާ ކޮމާޝަލް ފަރާތަކުން ވެސް ލިބުނު،" މުންދު ވިދާޅުވި އެވެ.
އުތުރު ތިލަފަޅު ތަރައްގީކުރަން އިންޑިއާ އެކު ޔާމީން ސޮއިކުރެއްވި ކަމަށް އާއްމުކުރާ ފޮޓޯ އަކީ މުންދު ވިދާޅުވި ގޮތުގައި 2016 ގައި އިންޑިއާ އަށް ޔާމީން ކުރެއްވި ދަތުރުފުޅުގައި އެކްޝަން ޕްލޭންގައި ސޮއިކުރެއްވުމުގެ ތެރޭގައި ނެގި ފޮޓޯއެކެވެ. އެއީ ހަމައެކަނި ޔޫޓީއެފް ތަރައްގީއާ ގުޅޭ އެކްޝަން ޕްލޭނެއް ނޫން ކަމަށާއި އެހެން ޕްރޮޖެކްޓްތަކެކޭ އެއްގޮތަށް ޔޫޓީއެފްގެ ވާހަކަ ވެސް އޭގައި އޮތް ވިދާޅުވި އެވެ.
މުންދު ވިދާޅުވީ އުތުރު ތިލަފަޅު ތަރައްގީކުރުމާ ގުޅޭ ގޮތުން ކަންބޮޑުވާންޖެހޭ ކަމެއް އޮތްކަން ކުރީގެ ސަރުކާރަށް އެނގުނީ އިންޑިއާ އިން ފަހުން ހުށަހެޅި ޕްރޮޕޯސަލްއަކާ ގުޅިގެން ކަމަށެވެ.
"އެއީ އެކްސްކްލޫސިވިޓީ، ހަގީގަތުގައި އެ ހިސާބުން އަސްކަރީ އަދި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއާ މަޝްވަރާކުރެވި އެއްވެސް ފަރާތަކަށް އެކްސްކްލޫސިވިޓީ ދޭން އެއްބަސްނުވާން ނިންމީ،" މުންދު ވިދާޅުވި އެވެ.
"އެ ހިސާބަށް އެކަން އޮއްވައި އެހެން ފަރާތްތަކުން ވެސް ހުށަހެޅުމުން ޔާމީން ނިންމެވީ އެ ފަޅު ތަރައްގީކުރުމުގެ ގާބިލްކަން ދިވެހިންގެ ކިބައިގައި ހުރި ކަމަށް."
އެއްވެސް ބަޔަކަށް އުތުރު ތިލަފަޅުގެ އެކްސްކްލޫސިވިޓީ ދެވެން ނެތް ކަމަށް އިންޑިއާގެ ސަރުކާރަށް ޔާމީންގެ ސަރުކާރުގައި އަންގާފައި އޮތް ކަމަށް މުންދު ވިދާޅުވި އެވެ. ރާއްޖެ އަށް އަސްކަރީ ބޭނުންތަކުގައި އަންނަ އެކުވެރި ހުރިހާ ގައުމުތަކަށް ވެސް އެ ބަނދަރު ބޭނުން ކުރެވެން ޖެހޭނެ ކަމަށް އޭރު ވެސް ޕީޕީއެމުން ގަބޫލުކުރި ކަމަށާއި މިހާރު ވެސް ވިސްނުމަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްބަސްވުން ހާމަކުރަން ޖެހޭ"
އިންޑިއާ އެކު ސޮއިކޮށްފައިވާ އުތުރު ތިލަފަޅު އެއްބަސްވުން މިހާތަނަށް އާއްމު ނުކުރުން މައްސަލައެއްގެ ގޮތުގައި އިދިކޮޅުން ނެގި އެވެ. އެ އެއްބަސްވުން އޮތް ގޮތުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ތުހުމަތުކުރެވޭ އިރު އެކަން ސާފުނުކޮށްދީ އެއްބަސްވުން ސިއްރުކުރުމަކީ މައްސަލައެއް ކަމަށް އިދިކޮޅުން ބުންޏެވެ.
"މި އެއްބަސްވުން ހާމައެއް ނުކުރެވޭ، މަޖިލީހަކަށް ވެސް މީޑިއާއަކަށް ވެސް. އެހެންވީމާ މިއިން އެއްވެސް އެއްބަސްވުމެއްގައި ހުރި ވަކިވަކި މާއްދާތަކެއް އަޅުގަނޑުމެންނަކަށް ނޭނގެ،" މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ އެއްބަސްވުން މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށެވެ. އެކަމުގައި ގޯހެއް އޮތް ނަމަ ނުވަތަ ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ނަމަ އެކަމެއް ވެސް މެމްބަރުންނަށް ސާފުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Raajje-India ehbasvunthakuge thafseel haamakuran govaalai Kulli massalaeh
The most trusted news source in the Maldives
Mihaaru
އޭނާ ވިދާޅުވި ގޮތުގައި އެއްބަސްވުމާ ގުޅޭ ގޮތުން ލިބޭ މައުލޫމާތުތަކުގައި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެއް ކަމަކަށް 15 އަހަރު ވަންދެން އެތަން މެއިންޓެނެންސް ކުރަން އެހެން ބަޔަކު ތިބެންޖެހޭ ގޮތަށް އޮތުމެވެ. ގައުމީ ސަލާމަތާ ގުޅޭ އެއްބަސްވުންތައް މަޖިލީހުގެ ރުހުން ނުހޯދައި ސޮއިކުރާ ކަމުގެ ކަންބޮޑުވުން ވެސް ޕީޕިއެމާއި ޕީއެންސީން ފާޅުކުރި އެވެ.
"ގާނޫނީ ގޮތުން ވިސްނައިފިއްޔާ މަޖިލީހުގެ ރުހުން ނުހޯދައި ސޮއިކުރާ މިފަދަ ހުރިހާ އެއްބަސްވުންތަކަކީ ވެސް ބާތިލް އެއްބަސްވުންތަކެއް،" މުންދު ވިދާޅުވި އެވެ.
Bandharu gai India sifain nuthibeyne: MNDF
The most trusted news source in the Maldives
Mihaaru
އިދިކޮޅުން ބުނި ގޮތުގައި އެއްވެސް ގައުމެއްގެ އަސްކަރިއްޔާ އިން ރާއްޖޭގައި ގާއިމްވެތިބުމާ އެ ދެ ޕާޓީން ދެކޮޅު ހަދާނެ އެވެ. އެފަދަ ހާލަތެއް މި ސަރުކާރުން މެދުވެރިކޮށްފައި އޮތް ނަމަ ޕީޕީއެމްގެ ވެރިކަމެއްގައި އެކަމެއް ބަދަލުކުރާނެ ކަމަށް ވިދާޅުވި އެވެ.
އުތުރުތިލަފަޅުގައި ކޯސްޓްގާޑަށް ބަނދަރެއް ހަދާއިރު އެ މަސައްކަތުގައި އިންޑިއާ މީހުން އުޅޭނެ ކަމަށާއި ނަމަވެސް އެއީ އެ ގައުމުގެ ސިފައިން ނޫން ކަމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުލްލަތީފް ވަނީ ވިދާޅުވެފަ އެވެ. އެ މީހުންނަކީ ޓެކްނިކަލް އެހީތެރިކަމާއި އެތަން ހެދުމުގެ މަސައްކަތް ކުރަން އަންނަ ބައެއް ކަމަށާއި އިންޑިއާ ސިފައިންނެއް ނޫން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ