ރާއްޖެއަށް މިދިޔަ އަހަރު އެންމެ ގިނަ ދަތުުރުކުރީ އެމިރޭޓްސް އެއާލައިނުން

ނިމިގެން ދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ދަތުރުކުރި އެއާލައިނަކަށް އެމިރޭޓްސް އެއާލައިންސް ވެއްޖެ އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހިއްސާކޮށްފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި އެމިރޭޓްސް އެއާލައިންގެ ފްލައިޓްތަކުން 3,236 ދަތުރު ރާއްޖެއަށް ކޮށްފައިވާ ކަމަށެވެ.
މިދަތުރުތަކުގައި ޖުމްލަ 352,786 މީހުން ރާއްޖެއަށް ދަތުރުކުރިއިރު 365,788 މީހުން ރާއްޖެ އިން ބޭރަށް ފުރާފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުގައިވެ އެވެ. އަދި މިމުއްދަތުގެ ތެރޭގައި އެމިރޭޓްސް އެއާލައިންގައި 35,590 މީހަކު ރާއްޖޭގައި ޓްރާންސިޓް ކުރި ކަަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
އެމިރޭޓްސް އެއާލައިނުން މިދިޔަ އަހަރު ރާއްޖެއަށް ކުރި ދަތުރުތަކުގައި 10,487,697 ޓަނުގެ މުދާ ރާއްޖެ އެތެރެކުރިއިރު މިމުއްދަތުގެ ތެރޭގައި 2,569,345 ކިލޯގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާކަންވެސް ފާހަގަކޮށްފައިވެ އެވެ.
އެމިރޭޓްސް އަށް ފަހު މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ދަތުރުކޮށްފައިވަނީ ސްރީލަންކަން އެއާލައިންސްގެ ފްލައިޓްތަކެވެ.
ސްރީލަންކަން އެއާލައިންސްގެ ފްލައިޓްތަކުން 2,288 ދަތުރު މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ކޮށްފައިވާ ކަމަށެވެ. މިދަތުރުތަކުގައި ޖުމްލަ 281,810 މީހުން ރާއްޖެއަށް ދަތުރުކުރިއިރު 239,526 މީހުން ރާއްޖެ އިން ބޭރަށް ފުރާފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުގައިވެ އެވެ.
ސްރީލަންކަން އެއާލައިނުން މިދިޔަ އަހަރު ރާއްޖެއަށް ކުރި ދަތުރުތަކުގައި 11,964,781 ޓަނުގެ މުދާ ރާއްޖެ އެތެރެކުރިއިރު މިމުއްދަތުގެ ތެރޭގައި 1,759,349 ކިލޯގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވެ އެވެ. އަދި އެއް ފަހަރު ޓްރާންސިޓް ކޮށްފައިވާ ކަންވެސް ތަފާސްހިސާބުތަކުގައި ފާހަގަކޮށްފައިވެ އެވެ.
އެމިރޭޓްސް އާއި ސްރީލަންކަން އެއާލައިންސަށް ފަހު މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ދަތުރުކޮށްފައިވަނީ ގަތަރު އެއާވޭސްގެ ފްލައިޓްތަކެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނިމިގެން ދިޔަ އަހަރު ތަފާތު އެއާލައިންތަކުން ރާއްޖެއަށް ޖުމްލަ 159,242 ދަތުރުވަނީ ކޮށްފަ އެވެ. މީގެތެރޭގައި 23,820 މޫވްމެންޓަކީ ބައިނަލްއަގްވާމީ ދަތުރުތަކެކެވެ. އަދި 22,280 މޫވްމަންޓަކީ ރާއްޖެއަށް ޝެޑިއުލްކޮށްގެން ކުރި ދަތުރުތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ