މުރުސީ އަވަހާރާވީ މިސްރުގެ އިހުމާލުން: އޮރުދުގާން

މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީ ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން މިސްރުގެ މިހާރުގެ ސަރުކާރު ބައިނަލް އަގްވާމީ ކޯޓަށް ހާޒިރުކޮށް ޝަރީއަތް ކުރަން ތުރުކީގެ ރައީސް ރެޖެބް ތޮއްޔިބު އޮރުދުގާން ގޮވާލައްވައިފި އެވެ.
ރައީސް މުރުސީ އަވަހާރަވެފައި ވަނީ މިދިޔަ ހޯމަ ދުވަހު ޖަލުން ގާހިރާގެ ކޯޓަކަށް ހާޒިރުކޮށްފައި ވަނިކޮށް ހޭނެތިގެން ވެއްޓުމަށް ފަހު އެވެ. އެ މަނިކުފާނު ޖަލުގައި ހައްޔަރުކޮށްފައި ހުންނެވީ ބަޣާވާތަކުން ވެރިކަން ވައްޓާލުމަށް ފަހު އުމުރު ދުވަހުގެ ޖަލު ހުކުމް ކޮށްގެނެވެ.
"ރައީސް މުރުސީ ކޯޓުގެ ތަޅުންގަނޑު މަތީގައި މަރަށް ތެޅިތެޅި 20 މިނެޓް ވަންދެން އޮތްއިރު ވެސް މިސްރުގެ ސަރުކާރުން އެހީއެއް ނުވޭ. އެހެންވެ އަޅުގަނޑު މި ދަންނަވަނީ މުރުސީ މަރުވީއެއް ނޫނޭ، އޭނަ މަރާލީއޭ!" އިއްޔެ ސަޕޯޓަރުންނާއި ވާހަކަ ދައްކަވަމުން އޮރުދުގާން ވިދަޅުވި އެވެ.
ތުރުކީން މުރުސީގެ މައްސަލަ ބައިނަލް އަގްވާމީ ކޯޓަށް ވައްދާ މިސްރުގެ ސަރުކާރާމެދު ފިޔަވަޅު އަޅަން ކުރެވެން އޮތް މަސައްކަތެއް ކުރާނެކަމަށް ވިދާޅުވެ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އިން ވެސް އެކަމާމެދު ފިޔަވަޅު އެޅުމަށް އެ މަނިކުފާނު ގޮވާލެއްވި އެވެ.
އަދި މިމަހު ފަހުކޮޅު ޖަޕާނުގައި ބާއްވަން ހަމަޖެހިފައިވާ ޖީ-20 ސަމިޓުގައި ވެސް މުރުސީގެ މަރުގެ މައްސަލަ ނަންގަވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
މުރުސީގެ މަރުގެ މައްސަލަ މިނިވަން މުއައްސަސާއަކުން ތަހުގީގު ކުރުމަށް މިދިޔަ އަންގާރަ ދުވަހު އދ.އިން ގޮވާލާފައި ވާއިރު އދ.އިން މުރުސީގެ މަރު ސިޔާސީ ކަންތައްގަނޑަކަށް ހަދަން މަސައްކަތް ކުރާކަމަށް މިސްރުން ތުހުމަތު ކުރެ އެވެ.
މިސްރުގެ އެޓާނީ ޖެނަރަލްގެ އޮފީހުން ވިދާޅުވަނީ މުރުސީ ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ މަނިކުފާނު އަވަހާރަވެއްޖެ ކަމަށެވެ.
އަންގާާރަ ދުވަހު މުރުސީ ވަޅުލާފައި ވާއިރު އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެމްނެސްޓީ އަދި ހިއުމަން ރައިޓްސް ވޮޗްއިން ވަނީ މަރުގެ މައްސަލަ ތަހުގީގުކުރަން ގޮވާލާފަ އެވެ.
އަދި އަވަސް އަރުވާލާފައި މިސްރުގެ ސަރުކާރުން މުރުސީ ފަސްދާންލުމުގެ ކަންތައް ނިންމާފައި ވާއިރު އާއިލާގެ ފަރާތުން މުރުސީގެ އުފަން ފަސްގަނޑުގައި ވަޅުލުމަށް އެދުމުން ތުރުކީގެ ސަރުކާރުން އެކަމަށް ވެސް ވަނީ އިންކާރު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ