ސަރުކާރު ބަދަލުވެއްޖެއްޔާ، ހުރިހާ އެގްރީމެންޓެއް އެއް ފުށުން އަނެއް ފުށަށް ޖަހާނަން: ޔާމީން

ސަރުކާރު ބަދަލުވެއްޖެއްޔާ، ހުރިހާ އެގްރީމެންޓެއް އެއް ފުށުން އަނެއް ފުށަށް ޖަހާނެ ކަމަށާއި ދިވެހި ދައުލަތުގެ ހަރު މުދާ ބޭރުގެ ފަރާތްތަކަށް ދޫކުރުމަކީ ކުރިންވެސް އިހުތިޖާޖު ކުރަމުންދިޔަ އެއް މައްސަލަ ކަމަށެވެ.
ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ކާނިވާ ސަރަހައްދުގައި މިހާރު ކުރިއަށްގެންދާ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެހާ މަސައްކަތުން އުފައްދާފައި ހުރި ހަރު މުދާތައް އެހެން ބަޔަކަށް ދޫކޮށްލެވިގެން ނުވާނެ ކަމަށެވެ.
"ކުރީގައި ވެސް އެންމެ ބޮޑަށް އިހުތިޖާޖު ކުރަމުންދިޔަ އެއް މައްސަލައަކީ ދިވެހި ދައުލަތުގެ ހަރު މުދާ ބޭރުގެ ފަރާތްތަކަށް ދޫކުރާތީ. މިއީ އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއް. އަދި އަޅުގަނޑުމެން ދަންނަވާލަން ބޭނުންވޭ، ﷲގެ ރަހުމަތާ އެކީ ސަރުކާރު ބަދަލުވެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ބާރު ހިނގާ ސަރުކާރެއް އައިސްފި ކަމަށްވަންޏާ، މި ހުރި ހުރިހާ އެގްރީމެންޓެއް އެއް ފުށުން އަނެއް ފުށަށް ޖަހާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އިހަށްދުވަހު ހުޅުވި އޭ380 ޖައްސާނެ ރަންވޭ އެހެން ބަޔަކަށް ދޫކޮށްލާކަށް ނުޖެހޭ ކަމަށާއި ވިޔަފާރިކުރަން ނޭނގެންޏާ އެކަން ކުރަން އެނގޭ ބަޔަކާ ހަވާލުކުރަންވީ ކަމަށެވެ. އަދި އެގޮތަށް އެހެން ބަޔަކަށް ހަރު މުދާތައް ވިއްކާލާ ކަމަށްވަންޏާ، ދިވެހި ދަރިވަރުންނަށް ކިޔަވައިދިނުމުގެ ބޭނުމެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އެކަން ކުރަން އަޅުގަނޑުމެން މި ހުރިހާ ދިވެހި ދަރިވަރުންނަށް ކިޔަވައިދެނީ ކީއްކުރަންތޯ. އެވަރު ކަމެއް ކޮށްލަން ދިވެހިންނަށް ނޭނގޭ ކަމަށްވަންޏާ، މިވަރުގެ ކަމެއް ކޮށްލަން ވެސް އަޅުގަނޑުމެން ދާންޖެހެނީ މުޅި އެއާޕޯޓާއި މިހެން ހުރި ހުރިހާ އެއްޗެއް ވިއްކާލައި ކުއްޔަށް ދޭން ކަމަށްވަންޏާ، ކޮބައިތޯ ދަރިންނަށް ތަރުބިއްޔަތު ދިނުމުގެ ބޭނުމަކީ. އަޅުގަނޑުމެން ދަރިން ތަރުބިއްޔަތު މި ކުރަނީ މިކަހަލަ ކަންކަމަށް ހޭލުންތެރި ޖީލެއް ބިނާކުރުމަށްޓަކައި. އެ ޖީލު އަޅުގަނޑުމެންގެ ތެރޭގައި އޮތް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަން ނިމިގެންދިޔަ އިރު، އެއް ލައްކައަށް ވުރެ ގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ލިބުނު ކަމަށާއި ނަމަވެސް މިއަދު ޒުވާނުން ތިބީ ވަޒީފާއެއް ނެތިފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ