ޖޭއެސްސީއަށް ވަކީލަކު އިންތިހާބުކުރުމަށް، ކުރިމަތިލުމަށް ހުޅުވާލައިފި

ޖުޑީޝިއަލް ސާވިސް ކޮމިޝަނަށް ވަކީލަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ. ވަކީލަކު އިންތިހާބުކުރުމަށް މި މަހުގެ 27 ވަނަ ދުވަހު އިންތިހާބު ބާއްވަން ވެސް ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން މިހާރު ވަނީ ނިންމައިފަ އެވެ. އެ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މުސްލިމަށްވެ އުމުރުން 25 އަހަރު ފުރިހަމަވުމާ އެކު ސިޔާސީ މަގާމެއްގައި ހުރި ބޭފުޅަކަަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވުން ވެސް ހިމެނެ އެވެ. ޖޭއެސްސީގައި ކުރިން ވަކީލުން ތަމްސީލު ކުރައްވަމުން ދިޔައީ ގާނޫނީ ވަކީލު ލަތީފާ ގާސިމް އެވެ. އޭނާ އެމަގާމަށް އިންތިހާބުގެ ވަކީލުކަމާ ހަވާލުވެވަޑައިގެންނެވީ 2014 ވަނަ އަހަރު ނޮވެމްބަރު މަހު އެވެ. ނަމަވެސް ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ބަލަހައްޓާ ބާ ކައުންސިލެއް އުފައްދާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގާނޫނީ ފަންނުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމާ އެކު ޖޭއެސްސީ އަށް ވަކީލުންގެ ފަރާތުން އިންތިހާބު ކުރި، ލަތީފާ ގާސިމްގެ މެމްބަރުކަން ވަނީ ގެއްލިފަ އެވެ. ބާ ކައުންސިލު ވުޖޫދުވުމަށް ފަހު ގާނޫނީ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާ ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ އެ ކައުންސިލުން ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ