ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ފުލުހުންގެ ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ ވަޒީފާއާއި ކޮންސްޓަބަލްގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފުލުހުން ބުނީ ފުލުހުންގެ ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު، މިއަހަރުގެ ޑިސެންބަރު 5 ވަނަ ދުވަހުގެ 16:00 އާއި ހަމައަށް ހުޅުވާލާފައިވާއިރު ކޮންސްޓަބަލްގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުގެ 16:00 އާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ.
ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކަކީ ގްރޭޑް 10 ނިންމާފައިވާ ފަރާތަކަށް ވާންވާނެކަމަށާ ހަމައެއާއެކު މީލާދީގޮތުން 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހަކަށްވުމާއި، ފިރިހެނެއްނަމަ އިސްކޮޅު 5 ފޫޓު 3 އިންޗި އަދި އަންހެނެއްނަމަ އިސްކޮޅު 5 ފޫޓަށްވުރެ ކުރުނުވުމާއި ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެންނުވާނެކަމަށް ވަނީ ބުނެފައެވެ.
މީގެއިތުރުން ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ނުވުމާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކަށް ނުވުމާއި، ސްޕެޝިއަލް ކޮންސްޓެބުލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައި ވާންޖެހެއެވެ. އަދި ސްޕެޝިއަލް ކޮންސްޓެބުލަރީ ވަޒީފާގައި 2 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބުމަށްފަހު، ޕޮލިސް ކޮންސްޓަބަލް މަޤާމަށް ބަދަލުވުމަށް ޝައުގުވެރިވާ ފަރާތެއްކަމުގައިވާން ޖެހެއެވެ.
ކޮންސްޓަބަލްގެ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކަކީ ޖީސީއީ އޯ ލެވެލް އިމްތިހާނުން ނުވަތަ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގެ 03 މާއްދާއިން ދަށްވެގެން "ސީ" ފާސްލިބިފައިވުން، ނުވަތަ ޖީސީއީ އޯ ލެވެލް އިމްތިހާނު ނުވަތަ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގެ 02 މާއްދާއިން ދަށްވެގެން "ސީ" ފާސްލިބިފައިވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް 3 ގެ ކޯހެއް ފުރިހަމަކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވާ މީހަކަށް ވާންޖެހެއެވެ. ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ގުޅުންހުރި ދާއިރާއެއްގައި 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހެއެވެ.
ހަމައެއާއެކު މީލާދީގޮތުން 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހަކަށްވުމާއި، ފިރިހެނެއްނަމަ އިސްކޮޅު 5 ފޫޓް 3 އިންޗި އަދި އަންހެނެއްނަމަ އިސްކޮޅު 5 ފޫޓަށްވުރެ ކުރުނުވުމާއި ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.
މީގެއިތުރުން ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ނުވުމާއި ،ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކަށް ނުވުމާއި، ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައި ވާންޖެހެއެވެ.
ފުލުހުންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބެލޭނެ ކަންތައްތަކުގެ ތެރޭގައި މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ފެނެގަތުމަށްދެވޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުމާއި މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން ކުރެވޭ އިންޓަވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން ހިމެނެއެވެ.
ފުލުހުން ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ތަޢުލީމީ ސަނަދު ނުވަތަ ސެޓްފިކެޓް ތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ އާއި (އެކްރެޑިޓް ކޮށްފައިވާ ސަނަދުގައި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު) ލިބިފައިވާ ހުނަރުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަން ޖެހެއެވެ. ހަމައެއާއެކު، ނެގިފަހުން 3 މަސް ދުވަސްވެފައިނުވާ އެ މީހެއްގެ އިސްކޮޅު ފެންނަ ފޮޓޯއަކާއި ޕާސްޕޯޓް ސައިޒުގެ 2 ފޮޓޯ އާއި އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ މީހެއްނަމަ ލައިސަންސްގެ ކޮޕީ އާއި އަދި ކުރިން ވަޒީފާ އަދާކޮށްފައިވާ ފަރާތެއްނަމަ އެވަޒީފާ އަދާކުރި ތަންތަނުގައި ވަޒީފާ އަދާކުރިކަމުގެ ލިޔުމާއި އަދި ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަން ޖެހެއެވެ.
މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން ފޯމް ހުށަހަޅާނީ 2019 ޑިސެމްބަރ 05 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިޝެޕްޝަނަށެވެ. އަދި މިވަޒީފާއަށްއެދި ފޯމް ހުށަހަޅާނީ މޯލްޑިވްސް ޕޮލިސް ސަރވިސުން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކުގައެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00ން 16:00 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ