ޔުނައިޓެޑާ ގުޅުނީ ބޮޑު މުސާރައަކަށް ނޫން: ސަންޗޭޒް

މެންޗެސްޓާ (ފެބްރުއަރީ 17) - މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވީ ބޮޑު މުސާރައެއް ހޯދުމަށް ނޫން ކަމަށާއި ފުޓްބޯޅައިގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށް ކަމަށް ޗިލީގެ ފޯވާޑް އަލެކްސިސް ސަންޗޭޒް ބުނެފި އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު ސަންޗޭޒް ޔުނައިޓެޑަށް ބަދަލުވީ އާސެނަލުން އާރްމީނިއާގެ މިޑްފީލްޑަރު ހެންރިކް މިކިތާޔަން ގެންދިޔަ ޑީލްގެ ތެރެއިންނެވެ. ޔުނައިޓެޑަށް މިހާތަނަށް ކުޅުނު 37 މެޗުން ސަންޗޭޒަށް ޖެހުނީ ފަސް ލަނޑެވެ.
އުމުރުން 30 އަހަރުގެ ސަންޗޭޒް ޔުނައިޓެޑާ އެކު މީގެ 13 މަސް ކުރިން އެއްބަސްވުމުގައި ސޮއިކުރީ ރިޕޯޓްތައް ބުނާގޮތުން ބޯނަސްތަކާ އެކު ހަފްތާ އަކު 500،000 ޕައުންޑް ލިބޭ ގޮތަށެވެ. ޔުނައިޓެޑަށް ސަންޗޭޒް ބަދަލުވުމުގެ ކުރިން އޭނާ ހޯދަން މެންޗެސްޓާ ސިޓީން މަސައްކަތްކުރި އެވެ. އެކަމަކު ފަހު ވަގުތު ސިޓީން ސަންޗޭޒް ނުގަންނަން ނިންމީ އޭނާ ކިޔާ މުސާރަ ބޮޑުވީމަ އެވެ.
"އަހަރެން މޮޅަށް ކުޅެން ޖެހޭ. އެއީ އަހަރެން މި ކްލަބަށް ސޮއިކުރި ބޭނުމަކީ. އަހަންނަށް ފާޑުކިޔާ މީހުން އެންމެ ކަންބޮޑުވުމަކީ ބޮޑު މުސާރައެއް ލިބޭތީ. އަހަރެން ބޭނުން އަހަރެންނަށް ދޭ މުސާރައިގެ ބަދަލު ކްލަބަށް ދޭން. މި ކްލަބާ އަހަރެން ގުޅުނީ މުސާރަ ބޮޑުވީމައެއް ނޫން،" ކުރިން އާސެނަލްގައި މޮޅު ކުޅުމެއް ދެއްކި ސަންޗޭޒް ބުންޏެވެ.
ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ، ޕީއެސްޖީ މެޗަށް ފަހު ބުނީ ސަންޗޭޒްގެ ފަރާތުން އޭނާގެ އަސްލު ކުޅުން ނުފެންނަ ސަބަބެއް ހޯދަން ޖެހޭނީ އޭނާ އަމިއްލަ އަށް ކަމަށާއި މީގެ ކްލަބުން އޭނާ ދޭން ޖެހޭ ހުރިހާ ސަޕޯޓެއް ދޭނެ ކަމަށެވެ.
ސަންޗޭޒް ބުނީ އަދިވެސް އޭނާގެ އަމިއްލަ ނަފްސަށް އިތުބާރު އެބައޮތް ކަމަށެވެ.
"ފުޓްބޯޅަ ކުޅުންތެރިޔަކު އޭނާގެ ހުނަރަށް އިތުބާރު ނުކުރާނަމަ އެ ހިސާބުން ހުރިހާ ކަމެއް އެ ނިމުނީ. އަހަރެން އަދިވެސް އަމިއްލަ ނަފްސަށް އަމިއްލަ ހުނަރަށް އިތުބާރުކުރަން. ބައެއް ފަހަރު އިތުރަށް މަސައްކަތްކުރަން އުޅެގެން އޭގެ ގެއްލުންވެ އަނިޔާވެސް އަހަންނަށް ވޭ،" ސަންޗޭޒް ބުންޏެވެ.
ސަންޗޭޒްގެ ބަދަލުގައި ޔުނައިޓެޑުން އެންމެ ގިނައިން ބޭނުންކުރި ދެ ކުޅުންތެރިން ކަމަށްވާ ޖެސޭ ލިންގާޑާއި އެންތަނީ މާޝިއަލް މި ވަގުތު ހުރީ އަނިޔާގަ އެވެ. އެހެންވެ، ކުރިއަށް އޮތް މެޗުތަކުގައި ޔުނައިޓެޑުން ސަންޗޭޒަށް ފުރަތަމަ އެގާރައިން ފުރުސަތު ދޭނެ ކަމަށް ބެލެވެ އެވެ.
"އަހަންނަށް ނޭނގެ މީހުން އަހަންނާ މެދު ދެކޭ ގޮތެއް. އެކަމަކު ފުޓްބޯޅަ އަކީ އަހަރެންގެ ޕެޝަން،" ސަންޗޭޒް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ