ސަރުކާރުން ގެއްލުންދީފަ ތިބި މީހުނަށް ހައްގު ބަދަލު ނަގައިދެވޭނެ: ރައީސް އޮފީސް

ނިމިދިއަ ސަރުކާރުން އެއްވެސް ސަބަބެއް ބަޔާންނުކޮށް ކޮންޓްރެކްޓް ބާތިލްކޮށް އަދި އެނޫން ގޮތްގޮތަށްވެސް ގެއްލުންވާގޮތަށް ބާތިލްކޮށްފައި ހުރި މައްސަލަތައް އެބަހުރި ކަމަށާއި، އެފަދަ ފަރާތްތަކަށް ދައުލަތުން ބަދަލުދޭންޖެހޭ ކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުގެ ފަރާތުން މިހެން ވިދާޅުވީ ރައީސް އޮފީހުގެ ލީގަލް ކައުންސެލް އަލްއުސްތާޛު އަހުމަދު އަބުދުﷲ އަފީފުއެވެ.
ވީނިއުސްރޫމްގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން، އަލްއުސްތާޛު އަހުމަދު އަބުދުﷲ އަފީފު ވިދާޅުވީ، ހައްގު ގޮތުގައި ބަދަލުދޭންޖެހޭ ފަރާތްތަކަށް ދައުލަތުން ބަދަލުދެވޭނެ ގޮތްތަކެއް ބަލަމުންދާކަމަށެވެ.
ދައުލަތުން ބަދަލުދޭންޖެހޭ އެފަދަ ބޮޑެތި ގިނަ މައްސަލަތައް ހުރިކަން ފާހަގަކުރައްވައި އަފީފު ވިދާޅުވީ، ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ޤާނޫނާއި ޚިލާފަށް ބާތިލްކޮށްފައި އެބަހުރި ކަމަށެވެ. އަދި އެފަދަ މައްސަލަތައް ސިންގަޕޫރުގެ އާބިރޭޝަން ކޯޓާއި، ރާއްޖޭގެ ކޯޓުތަކުގައިވެސް އެބަހުރި ކަމަށެވެ. އަދި އާބިޓްރޭޝަނުންނާއި ކޯޓުތަކުން މައްސަލަ ބަލާއިރު ފުރަތަމަވެސް ބަލާނީ ދެފަރާތުގެ އެއްބަސްވުން އޮތްގޮތަށް ކަމަށާއި، އަދި އެއްބަސްވުމަކާއި ހިލާފުވެއްޖެނަމަ ބަދަލުދޭންޖެހޭނެ މިންވަރު ސަރުކާރަށްވެސް އެނގޭނެ ކަމަށެވެ.
އެހެންކަމުން އެފަދަ މައްސަލަތަކުގައި ދައުލަތަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ ބަލައި ދައުލަތަށް ގެއްލުން ކުޑަވާނެ ގޮތަކަށް މަސައްކަތް ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް އަފީފު ވިދާޅުވިއެވެ.
"ދައުލަތަށް އެންމެ ފައިދާހުރި ގޮތަކީ އެ އަދަދު އަންނަންދެން މަޑުކުރުންތޯއޭ. ނުވަތަ އެ ފައިސާލިބެންޖެހޭ މީހާއާ ވާހަކަދައްކައިގެން ދައުލަތަށް ލިބެންއޮތް ގެއްލުން ކުޑަކުރަންތޯ؟ އަޅުގަނޑަށް ފެންނަގޮތުގަ އެކަންކުރަންޖެހޭ ގޮތަކީ ދައުލަތަށް އެއްމެ ފައިދާހުރި ގޮތަށް. އެހެންވީމަ ސަރުކާރުން މިހާރު ކުރަމުންދާ ކަމަކީ އެގޮތަށް ކަނޑައެޅިގެން މިދިއަ ސަރުކާރުން ގެއްލުންދީފަތިބި ވިޔަފާރިވެރިންނާ ވާހަކަދައްކައިގެން ކުރިއަށްދާން." އަފީފު ވިދާޅުވިއެވެ.
ރައީސް އޮފީހުގެ ލީގަލް ކައުންސެލް އަލްއުސްތާޛު އަހުމަދު އަބުދުﷲ އަފީފު ވިދާޅުވީ އެފަދަ ފަރާތްތައް ކޯޓަށް ގޮސްފިނަމަ، ދައުލަތަށް އަންނަ މާލީބުރަ ބޮޑުވެގެންދާނެ ކަމަށެވެ.
އެހެންކަމުން މާލީ ގެއްލުން ކުޑަކުރުމަށް ކޯޓުން ބޭރުގައި ވާހަކަދައްކައިގެން އެއްބަސްވުމަކަށް އަންނަން މަސައްކަތް ކުރާނެ ކަމަށާއި، އެއީ ދައުލަތަށް އެންމެ ފައިދާހުރިގޮތްކަމަށްވެސް އަފީފު ވިދާޅުވިއެވެ. އަފީފު ވިދާޅުވީ އެފަދަ މައްސަލަތައް ވަރަށްގިނަ ކަމަށާއި، ސަބަބަކީ ނިމިދިއަ ސަރުކާރުގައި އެފަދަ ޖެއްސުންތައް ވަރަށްގިނައިން ކޮށްފައި އެބަހުރި ކަމަށެވެ. އަދި އެފަދަ ގެއްލުންތަކުގެ ބަދަލު ހޯދަން ކޯޓަށް ހުށަހަޅައިގެންވެސް އިންސާފު ނިލިބި ވާއިރު، އެފަރާތްތަކަށް ލިބޭ ގެއްލުން ދުވަހެއް ދުވަހަކަށް ބޮޑުވެގެންދާނެކަމަށްވެސް އަފީފު ވިދާޅުވިއެވެ.
"ކޮންޓްރެކްޓްތައް ޓާމިނޭޓްކޮށްފަ އެމީހުން އެތައް ދުވަހެއްވެއްޖެ ބަދަލު ނުލިބިގެން އުޅޭތާ. މިދައްކަނީ ވިޔަފާރިއެއްގެ ވާހަކަ. ދެން މިބުނަނީ ކޯޓަށްދާށޭ. ރާއްޖެގެ ކޯޓުތަކުގެ ހާލަތުއޮތްގޮތް ނޭންގެނީ ކާކަށްތޯ؟ ބަލަމާ ހިންގަވާ ކޮންމެ މަރުހަލާއެއްގަ ދޮޅު އަހަރުކަމަށް. އެހެންވެއްޖެނަމަ ކިތައް އަހަރުތޯ އެދިއައީ. 4،5 އަހަރު ހަމަ ކޯޓުތަކުގަ ތަޅުވަން އެމީހުން ބައިތިއްބަންވީތޯ؟ އެއީ އިންސާފުތޯ؟" އަފީފު ސުވާލުކުރެއްވިއެވެ.
އަފީފު އިތުރަށް ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވީ އެގޮތަށް އިންސާފު ހޯދަދޭން ނޫންކަމަށެވެ. އެހެންކަމުން އެފަދަ ނުހައްގު އަނިޔާލިބިފަ ތިބި ފަރާތްތަކަށް އިންސާފު ހޯދަދިނުމަށް، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށާއި، ހައްގު ބަދަލު ލިބެންޖެހޭ ފަރާތްތަކަށް ބަދަލު ހޯދަދޭނެކަމަށެވެ.
ނިމިދިއަ ސަރުކާރުން އެއްވެސް ސަބަބެއް ބަޔާންނުކޮށް ކޮންޓްރެކްޓް ބާތިލްކޮށް އަދި އެނޫން ގޮތްގޮތަށްވެސް ގެއްލުންވާގޮތަށް ބާތިލްކޮށްފައި ހުރި މައްސަލަތައް އެބަހުރި ކަމަށާއި، އެފަދަ ފަރާތްތަކަށް ދައުލަތުން ބަދަލުދޭންޖެހޭ ކަމަށް ސަރުކާރުން ބުނި އިރު، ދައުލަތުން ބަދަލު ހޯދުމަކީ މިހާރު އެންމެ ހިނގާ ވައްކަން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަމުގެ ތަފްސީލަކަށް ވަޑައިގެންފައެއް ނުވެއެވެ.
ރައީސް އޮފީހުގެ ލީގަލް ކައުންސެލް އަލްއުސްތާޛު އަހުމަދު އަބުދުﷲ އަފީފު ވިދާޅުވީ އާޒިމްގެ އެވާހަކަ ފުޅަކީ، ނުހައްގު ބަދަލުގެ ވާހަކަ ކަމަށް ގަބޫލުކުރެއްވޭ ކަމަށާއި، ހައްގު ބަދަލު ދިނުމާއި އެއްވެސް ބޭފުޅަކު ދެކޮޅުވާނެކަން ގަބޫލުނުކުރެއްވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ