ކުނީގެ ޤައުމީ ސިޔާސަތު އިސްލާހު ކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފި

ކުންޏާއި ވަސީލަތްތައް މެނޭޖް ކުރުމާއި ގުޅޭ ގައުމީ ސިޔާސަތު މުރާޖާކޮށް، އިސްލާހު ކުުރުމާއެކު ސްޓްރެޓެޖީއެއް އެކުލަވައިލުމަށް ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފި އެވެ.މިމަސައްކަތަށް ޝައުގުވެރިވާ މިދާއިރާގެ ތަޖުރިބާ ހުރި ކޮންސަލްޓެންސީ ފާމްތަކުން ޝައުގުވެރިކަން ފާޅުކޮށް، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދައުވަތު ވަނީ އަންނަމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.މި މަސައްކަތަކީ ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދަން ވޯލްޑް ބޭންކުގެ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަންގެ ހިލޭ އެހީގައި ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ބައެކެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ކުންޏާއި ވަސީލަތްތައް މެނޭޖްކުރުމާއި، ގައުމީ ސިޔާސަތުތައް މުރާޖާކޮށް ސްޓްރެޓެޖިކް އެކްޝަން ޕްލޭނާ އެއްގޮތްވާ ގޮތަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު، ދާއިރާ އިތުރަށް ތަރައްގީ ކުރުން މަށެވެ. އަދި މިހާރު އެކުލަވާލާފައިވާ ކުނި މެނޭޖްކުރުމާބެހޭ ބިލްގެ ދެލި ކޮޕީއަށް ގެންނަންޖެހޭ އިސްލާހުތައް ވެސް މިމަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ ކަމަށެވެ. ކުނީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ ބޮޑުމައްސަލައަކަށް ވުމާއެކު މި މައްސަލަ ހައްލުކުރުމަށްޓަކައި މިހާރުވެސް އަންނަނީ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ތިލަފުށީގައި ރައްކާތެރިކަމާއެކު ކުނި ނައްތާލެވޭނެ އިންތިޒާމްތައް ހަމަޖައްސަމުން އަންނައިރު އަތޮޅުތަކުގައި ކުނި ކޮށިތައް ޤާއިމްކުރުމުގެ މަސައްކަތްތައް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން މިހާރު އަންނަނީ ރަށްރަށުގައި ގިނަދުވަސްތައް ވަންދެން ޖަމާކޮށްފައިވާ ކުނިތައް ނެގުމުގެ މަސައްކަތްވެސް ކުރަމުންނެވެ. ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖެއަށް މުހިއްމު އެއް ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ