ކަންކަން ރަނގަޅު ނުކޮށްދޭތީ ރައްޔިތުން އެއޮތީ ބަސްބުނެފައި: ޝިޔާމް

މި ސަރުކާރުން ރައްޔިތުންގެ ޝަކުވާތައް ހުރި ކަންކަން ރަނގަޅު ނުކޮށްދޭތީ ރައްޔިތުން އެކަމުގައި ބަސްބުނެ އެމްޑީޕީއަށް ނޫނެކޭ ބުނެފައިވާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުން އެ ދާއިރާގެ ކަންކަން ހައްލު ނުވާކަން ރައްޔިތުންނަސް އެނގޭކަމަށެވެ. އަދި އެ އޮތޯރިޓީ އުވާލުމަކީ ހެޔޮ ނިޔަތުގައި ކުރާ ކަމެއްކަމާމެދު ސުވާލު އުފެދޭ ކަމަށް ޝިޔާމް ވިދާޅުވިއެެވެ.
ޝިޔާމް ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމަށް އެމްޑީޕީގެ ސިޔާސަތު ތަކެއް އެބަހުރި ކަމަށާއި، އެހެންނަމަވެސް އެމްޑީޕީގެ ސިޔާސަތުތައް ތަންޒީރު ކުރަންތިބީ އެ ސިޔާސަތުތައް ނޭންގޭބަޔަކު ކަމަށެވެ. އަދި ސިޔާސަތުތައް ތަންފީޒު ކުރުމުގައި ރައީސް ސޯލިހް ވެސް ނުކުޅެދިފައިވާކަމަސް ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ މިސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ކަމަށާއި، ސަރުކާރުން ކަންކަން ރަނގަޅު ނުކޮށްދޭތީ ރައްޔިތުން ކައުންސިލް އިންތިހާބުގައި ބަސްބުނެފައިވާކަމަށެވެ.
މާލޭ ރައްޔިތުން މީގެ ކުރިން ވޯޓު ދިނީ ތިލަފަތަށްކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ 11 އަހަރަށް ފަހު މާލޭގެ ރައްޔިތުން ބަދަލެއް ބޭނުންވެ މިފަހަރު ވޯޓު ދިނީ ރުކަށް ކަމަށެވެ. އަދި މާލޭ މޭޔަރުކަމަށް އިންތިހާބުވި ޑރ. މުއިއްޒާއެކު ކައުންސިލްގެ މަސައްކަތްތައް ހަރުދަނާ ވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ