ބޯޑުގެ "ހަމަހިމޭން ބައްދަލުވުމެއް" މެލޭޝިއާގައި ބާއްވަން އެމްއޭސީއެލް އިން ހަތަރު ލައްކަ ރުފިޔާ ހޭދަކޮށްފި!

އޮޑިޓަ ޖެނެރަލް ގަބޫލުކުރައްވާ ގޮތުގައި އެއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ކޮންފަރެންސް ރޫމްގައި ވެސް ބޭއްވިދާނެ ބައްދަލުވުމެކެވެ؛ އެކަމަކު ސަރުކާރުގެ މި ކުންފުނީގެ ބޯޑުން ނިންމީ "ތަންކޮޅެއް ހިމޭންވެލަން" މެލޭޝިއާގައި ބައްދަލުވުން ބާއްވާށެވެ. އެދަތުރުގެ ޚަރަދަކީ، ހައިރާންނުވާށެވެ، 407،752 ރުފިޔާ އެވެ!
ދިވެހިންގެ ވަރަށް ގިނަ ބަޔަކު ގަބޫލުކުރާނީ، މިއީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏަކުން ބޯޑު ބައްދަލުވުމެއް ބާއްވަން ކުރި އިންތިހާ ދަރަޖައިގެ އިސްރާފެއް ކަމަށެވެ. އެކަމަކު ކުރީގެ ބޯޑުގެ މެމްބަރުންނަށް އެގޮތަކަށް ނުވިސްނުނެވެ.
އޭރު ޗެއާމަނަކަށް ހުންނެވީ، ޖީއެމްއާރުގެ އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ކުއްލިއަކަށް ހަމަޖެއްސި، ބަންދު އިބްރާހިމް ސަލީމް (ކުޑަބަންދޭ) އެވެ. މެނޭޖިން ޑިރެކްޓަރަކަށް އޭރު ވެސް ހުންނެވީ މިހާރު ވެސް އެމަގާމު ފުރުއްވާ މުހައްމަދު އިބްރާހިމެވެ. ސީއޯއޯ އަކީ ފަހުން އެމަގާމުން ވަކިކުރި މުހައްމަދު ޝަފީގު އެވެ.
އެމްއޭސީއެލް އިން ރިސޯޓެއް ތަރައްގީކުރަން ހިންގި މުއާމަލާތްތަކާ ބެހޭ ގޮތުން އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ތައްޔާރުކުރެއްވި ޚާއްސަ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ބޯޑުގެ ހަތް މެމްބަރުންނާއި ސެކްރެޓަރީ މެލޭޝިއާ އަށް ދަތުރުކުރީ "އެކި ކަހަލަ ދުއްތުރާތަކުން ސަލާމަތްވެ ހަމަހިމޭން ކަމުގައި ކުންފުނީގެ ކުރިމަގާ މެދު މަޝްވަރާކުރުމަށެ"ވެ.
"ހިމޭން" މާހައުލެއްގައި ބައްދަލުވުން ބާއްވަން ނިންމީ ޑިސެމްބަރު ،30 2010 ގައި ބޭއްވި ބޯޑު ބައްދަލުވުމެއްގައި މަޝްވަރާކޮށްފަ އެވެ. ބޯޑުން ޚިޔާލު ފާޅުކުރީ ރާއްޖޭގެ ކޮންމެވެސް ތަނެއްގައި ނުވަތަ މެލޭޝިއާގައި މި ބައްދަލުވުން ބާއްވާށެވެ.
ރިޕޯޓްގައި ބުނެފައިވާ ގޮތުން މެލޭޝިއާގައި އެ ބައްދަލުވުން ބޭއްވީ ޖެނުއަރީ ،30 2011 ވަނަ ދުވަހު ގާޑެން ހޮޓަލްގަ އެވެ. ބެލެވޭ ގޮތުގައި އެއީ މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުގެ އެންމެ މަޝްހޫރު ވިޔަފާރީގެ އެއް މަރުކަޒު ކަމަށްވާ މިޑް ވެލީގައި ހުރި ފަސް ތަރީގެ ހޮޓަލެވެ.
"މި އޮފީހުން ދެކޭ ގޮތުގައި މެލޭޝިއާގައި ބޭއްވެވި ބޯޑު ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކަކީ އެމްއޭސީއެލްގެ ކޯޕަރޭޓް އޮފީސް ކޮންފަރެންސް ރޫމްގައި ބައްދަލުކޮށް މަޝްވަރާ ކުރެވޭނެ ކަންތައްތަކެވެ،" އޮޑިޓް ރިޕޯޓުގައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދަތުރަށް ހޭދަކުރި ނިސްބަތުން އެއީ ބައްދަލުވުމުގެ ގަޑިއަކަށް 135،917ރ. ޖެހޭ މިންވަރުގެ ބޮޑު ހޭދައެކެވެ.
މި އަގުބޮޑު ދަތުރު އެމްއޭސީއެލްގެ ބޯޑުގެ މެމްބަރުން ކުރުމަކުން އަދި ނިމުނީކީ ނޫނެވެ. އެއަށް ވުރެ އޮޑިޓް ރިޕޯޓުން ކޮށްފައިވާ ތުހުމަތު އަދި މާ ނުބަ އެވެ. ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ދަތުރުގެ "އިސްރާފު" ފޮރުވުމަށްޓަކައި ބޭނުންކޮށްފައި ވަނީ ކޯޕަރޭޓް ގަވަނެންސް، ކޯޕަރޭޓް ސްޓްރެޓެޖީސް އަދި ސްޓްރެޓިޖިކް ޕްލޭނިންއާ ބެހޭ ބައްދަލުވުމެއްގެ ވާހަކަ އެވެ.
ނަމަވެސް ބޯޑުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި މި ޕްރޮގްރާމަކީ "މެލޭޝިއާގެ ދަތުރުގެ އަސްލު މަގުސަދު އޮޅުވާލައި ދައުލަތުގެ ފައިސާ އިން ކޮށްފައިވާ އިސްރާފް ޖަސްޓިފައި ކުރުމަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި ދެކޭ ކަމަށް" ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓަ ޖެނެރަލް ތުހުމަތުކުރައްވަނީ އެ ޓްރެއިން ޕްރޮގްރާމް ބާއްވަން ނިންމީ މެލޭޝިއާގައި އޮތް ބޯޑު ބައްދަލުވުމަށް ފަހުގައި ކަމަށް ވާތީ އެއީ ކަންކަން އޮޅުވާލަން ބޯޑުން ކޮށްފައިވާ ކަމެއް ކަމަށެވެ.
އެ ޓްރެއިނިން ޕްރޮގްރާމުން ލިބުނު ފައިދާއެއް ވެސް ނުވަތަ ވާނެ ފައިދާ އަކީ ކޮބައިކަން ވެސް ސާފުނުވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ. އަދި އެ ދަތުރާ ބެހޭ ރިޕޯޓެއް ވެސް އެމްއޭސީއެލް އިން ތައްޔާރުކޮށްފައެއް ނުވެ އެވެ.
އެމްއޭސީއެލްގެ ބޯޑުން މި ދަތުރުކުރީ އެއާޕޯޓް ހިންގުމާ ޖީއެމްއާރުން ހަވާލުވިތާ ގާތްގަނޑަކަށް ދެ މަސް ދުވަސް ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ