ޔާމީން ހައްޔަރުކުރުމުން ބަދަލު ދޭން ކުރި ހުކުމް ދައުލަތުން އިސްތިއުނާފްކޮށްފި

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން "ބަންދުކުރުމުން" އޭގެ ބަދަލު ދައުލަތުން ޔާމީނަށް ދިނުމަށް ދަށު ކޯޓުން ކުރި ހުކުމް، ބަންޑާރަ ނައިބުގެ ފަރާތުން ބުރާސްފަތި ދުވަހު ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ ޔާމީން ހައްޔަރުކުރުމުގެ ބަދަލެއްގެ ގޮތުން 44،031.25، 2ރ. ދައުލަތުން ޔާމީނަށް ދިނުމަށެވެ.
ހައި ކޯޓުގައި ބުރާސްފަތި ދުވަހު އޮތް ޝަރީއަތުގައި ދައުލަތުގެ ވަކީލާ ޔުދްރާ އަބްދުއްލަތީފު ވިދާޅުވީ ސިވިލް ކޯޓުން އެ މައްސަލައިގައި ހުކުމްކޮށްފައި ވަނީ ގާނޫނު އަސާސީގެ 46 ވަނަ މާއްދާއިން ފުލުހުންނަށް ލިބިދޭ ބާރު ނިގުޅައިގަނެވޭ ފަދަ ގޮތަކަށް ކަމަށެވެ. އަދި ބަދަލު ނަގައިދީފައިވަނީ ބަދަލު ނަގައިދިނުމުގެ އުސޫލާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޔުދްރާ ވިދާޅުވީ ޔާމީން ހައްޔަރުކުރުމަށްފަހު ފުލުހުންގެ ދައުރަކީ ޔާމީންގެ ބަންދާ މެދު ގޮތެއް ނިންމަން 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޔާމީން ހާޒިރުކުރުން ކަމަށާއި ފުލުހުން އެ ދުވަހު އެގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ. އަދި އެއީ ފުލުހުންގެ ދުސްތޫރީ ޒިންމާ އަދާކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށާއި އޭގެ ފަހުން ކޯޓު އަމުރެއްގެ ދަށުން ޔާމީން ބަންދުކުރުމުން އެކަމުގެ ޒިންމާ ފުލުހުން ނަގަންނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން ދައުލަތުން އެދުނީ ޔާމީނަށް ބަދަލުދޭން ސިވިލް ކޯޓުން ކުރި ހުކުމް ބާތިލްކޮށްދިނުމަށެވެ.
ޔާމީންގެ ވަކީލު އަހުމަދު އަރީފަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދެއްވި ނަމަވެސް ވަގުތު ނެތުމުގެ ސަބަބުން މިއަދުގެ އަޑުއެހުމުގައި ޔާމީންގެ ފަރާތުން ޖަވާބުދާރީ ވެފައެއް ނުވެއެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޔޫސުފް ހުސައިން ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި ދައުވާ ލިބޭ ފަރާތަށް ފުރުސަތުދެވޭނެ ކަމަށެވެ.
ޔާމީންގެ މި މައްސަލަ ބަންޑާރަ ނައިބު އޮފީހުން އިސްތިއުނާފަށް ހުށަހެޅި އިރު އެ މައްސަލައިގައި ޔާމީންގެ ފަރާތުން ވަކާލާތުކޮށްދެއްވަނީ މިހާރުގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު މީގެ ކުރިން ހިއްސާވެ ވަޑައިގަންނަވާ ލޯފާމުންނެވެ.
އާޒިމާ މިހާރު ވަނީ ލޯ ފާމުގެ ހިއްސާ ދޫކޮށްލައްވައިފަ އެވެ.
ޔާމީން ހައްޔަރުކުރުމުން ފުރަތަމަ ޖިނާއީ ކޯޓުން އަމުރުކޮށްފައިވަނީ ޔާމީން ތިން ދުވަހަށް ގޭ ބަންދުގައި ބެހެއްޓުމަށެވެ. ނަމަވެސް ފަހުން ހައި ކޯޓުންވަނީ ޔާމީންގެ ގޭ ބަންދުގެ މުއްދަތު ތިން ދުވަހުން 15 ދުވަހަށް އިތުރުކޮށްފަ އެވެ. އޭގެ ފަހުން ޔާމީން ދޫކޮށްލާފައިވަނީ 2010 ޖުލައި 11 ވަނަ ދުވަހު ޔާމީން ވަގުތުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އަމުރުކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ