ޑިސެބިލިޓީ އެމްބެސެޑަރުންގެ ގޮތުގައި އެޗްޑީސީގެ ދެ މުވައްޒަފެއް

ޑިސެބިލިޓީ އެމްބެސެޑަރުންގެ ގޮތުގައި މަސައްކަތްކުރާނެ ދެ މުވައްޒަފަކު ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ކަނޑައަޅައިފިއެވެ.
އެޗް.ޑީ.ސީން ވިދާޅުވީ، ޑިސެބިލިޓީ އެމްބެސެޑަރުންގެގޮތުގައި އެކުންފުނީގެ ދެ މުވައްޒަފުންކަމުގައިވާ އާމިނަތު އިރާޝާއާއި އަޙްމަދު ނަޖީބް ހަމަޖައްސާފައިވާކަމަށެވެ. މި ދެ މުވައްޒަފުންވެސް ޑިސެބިލިޓީ އެމްބެސެޑަރުންގެގޮތުގައި ހަމަޖައްސާފައިވަނީ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާ ގުޅުވައިގެންކަމަށެވެ.
މިއީ އެޗް.ޑީ.ސީ އިން ހުޅުމާލޭގެ ތަރައްޤީއަށް ކުރާ މަސައްކަތުގައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ހިޔާލާ މަޝްވަރާ ހިމަނައި، އެފަދަ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް މަސައްކަތްކޮށް ލާމެހިފައިވާ ވެއްޓެއް ބިނާ ކުރުމަށް ނިންމި ނިންމުމެއްކަމަށް އެކޯރޕަރޭޝަނުން ވިދާޅުވެއެވެ.
އެޗް.ޑީ.ސީގެ ހޮޓްލައިން 1516 އިން އެމްބެސެޑަރުންނަށް މައްސަލަތައް އަދި ހިޔާލުތައް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
ޑިސޭބިލިޓީ އެމްބެސެޑަރުންގެ މަސްޢޫލިއަތްތަކުގެ ތެރޭގައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތަކެއް މުޖުތަމައުގައި ފަހިކުރުމަށްޓަކާއި ވެށި ބިނާކުރާއިރު އެޗް.ޑީ.ސީއަށް މުޖުތަމައުގެ އެފަދަ ފަރާތްތަކުގެ ހިޔާލާ މަޝްވަރާ ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް އަލަށް ދިމާވާ ދަތިތައް ފާހަގަކޮށް އެޗް.ޑީ.ސީއަށް ހުށައަޅައި އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކޮށް އެ މަސައްކަތްތައް ކުރިއަށްދާ މިންވަރު މޮނިޓަރކުރުން ހިމެނެއެވެ.
މީގެ އިތުރުން ނުކުޅެދުންތެރިމުގެ ދާއިރާއިން މުޖުތަމަޢު ހޭލުންތެރިކުރުމަށް އެޗް.ޑީ.ސީ އިން ރާވާ ޕްރޮގްރާމްތަކުގައި އެހީތެރިވެދިނުންވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ