ބަންޑާރަ ގޯތި އަމިއްލަ ކުރުމާއި ގަނެވިއްކުމަށް ދައްކަންޖެހޭ ފައިސާ ކައުންސިލަށް ދައްކަން ޖެހޭ ގޮތަށް ފާސްކޮށްފި

ދިރިއުޅުމަށް ބޭނުންކުރާ ބަންޑާރަ ގޯތި އަމިއްލަ ކުރުމާއި ގަނެވިއްކުމުގައި ބެހޭ ގަވައިދާ ގުޅިގެން ދައްކަންޖެހޭ ފައިސާ ސިޓީ ކައުންސިލަށް ބަލައިގަންނަ ގޮތަށް ނިންމައިފި އެވެ.
މި ފައިސާ ކައުންސިލަށް ބަލައިގަންނަ ގޮތަށް ނިންމާފައިވަނީ މިއަދު އޮތް ކުޅުދުއްފުށީ ސިޓީ ކައުންސިލްގައި ބޭއްވި އެ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 79 ވަނަ އާންމު ބައްދަލުވުމުގެ ޖަލްސާގަ އެވެ.
ޖަލްސާގެ ބަހުސްއަށް ހުޅުވާލަމުން މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ ދިރިއުޅުމަށް ބޭނުންކުރާ ބަންޑާރަ ގޯތި އަމިއްލަ ކުރުމާއި ގަނެވިއްކުމުގައި ބެހޭ ގަވައިދާ ގުޅިގެން ދައްކަންޖެހޭ ފައިސާ މިހާރު ދައްކަމުންދާ އަގަކީ އަކަފޫޓަކަށް 50 ރުފިޔާ ކަމަށެވެ. ނަމަވެސް މި ފައިސާ މިހާރު ރައްޔިތުން ދައްކަމުން ދަނީ މީރާއަށް ކަމަށެވެ.
ނަމަވެސް ގަވައިދަށް އައި ބަދަލާ ގުޅިގެން ލާމަރުކަޒީ ނިޒާމު ފައްކާކުރުމުގެ ސިޔާސަތުގެ ދަށުން މިހާރު ސަރުކާރުންވަނީ ކައުންސިލްތަކަށް އެ ފައިސާ ދައްކާގޮތަށް ބަދަލުކޮށްފަ ކަމަށެވެ.
ބަހުސްގެ މަރުހަލާގައި ކައުންސިލަރު އާތިފާ އަލީ ވިދާޅުވީ ކުރިން މަރުކަޒީ ސަރުކާރަށް ލިބެމުން ދިޔަ އާމްދަނީއެއް މިކަމުގެ ތެރެއިން މަދުވެގެން ދިޔަ ނަމަވެސް މިފަދަ ބަދަލުތަކުގެ ސަބަބުން ކައުންސިލަށް މި ލާރި ވަނުމުން ކައުންސިލްގެ މާލިއްޔާއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
އާތިފާ ވިދާޅުވީ ކައުންސިލުން މި ފައިސާ ބަލައިގަންނަ ގޮތަށް ބަދަލުވި ނަމަވެސް އަގަށް ބަދަލުނުގެނެސް މިހާރުވެސް އަކަފޫޓަކަށް ނަގާ ގޮތަށް 50 ރުފިޔާގެ ރޭޓުން ނެގުމަށް އޭނާ ހުށަހެޅިއެވެ.
މި އެޖެންޑާގެ ބަހުސްގައި ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވީ މިހާރުވެސް ނަގާގޮތަށް އަކަފޫޓަކަށް 50 ރުފިޔާ ނަގަން ކައުންސިލަށް ބަލައިގަތުމަށް މިއަދުން ފެށިގެން ބަލައިގަތުމަށް އެދޭ ކަމަށެވެ.
އެހެންކަމުން އާތިފާގެ މި ހުށަހެޅުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންވެސް ތާއިދުކޮށް ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެމްބަރުގެ އަގުލަބިއްޔަތުން މިއަދުން ފެށިގެން ދިރިއުޅުމަށް ބޭނުންކުރާ ބަންޑާރަ ގޯތި އަމިއްލަ ކުރުމާއި ގަނެވިއްކުމުގައި ބެހޭ ގަވައިދާ ގުޅިގެން ދައްކަންޖެހޭ ފައިސާ ސިޓީ ކައުންސިލަށް ބަލައިގަންނަ ގޮތަށް ވަނީ ފާސްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ