ސިޔާސީ ކަންކަން މިހާރު ރަނގަޅީ ދޮގު ހެދި ވަރަކަށް, އޭރުން މޮޅު ސިޔާސީ މީހަކަށްވޭ: ޔާމީން

ސިޔާސީ ކަންކަން މިހާރު ރަނގަޅުވަނީ ދޮގުހެދުން ގިނަވި ވަރަކަށް ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އުތުރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ހއ. ވަށަފަރަށް ވަޑައިގެން ޕީޕީއެމްގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ޔާމީން ވަނީ މި ސަރުކާރުން ހިޔާލުފާޅުކުރުމާއި ބަސްބުނުމުގެ މިނިވަންކަން ހަނިކޮށްފައިވާ ކަމަށް ބުނެ, އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ޔާމީން ވިދާޅުވީ, މިހާރު ދޮގު ގިނައިން ހެދި ވަރަކަށް ސިޔާސީ ގޮތުން މޮޅު މީހަކަށްވާ ކަމަށާއި އެކަން ނުކުރާ ބަޔަކު މިއަދު ނެތް ކަމަށެވެ. އަދި ދީނީ އިލްމުވެރިންވެސް އެކަން ކުރައްވާ ކަމަށް ވިދާޅުވެ, އެބޭފުޅުންނަށްވެސް އެ މަނިކުފާނު ފާޑުވިދާޅުވި އެވެ.
“…ފަގުނޑި އަޅާފައި, މިސްކިތުގައި ހުތުބާގައި ކިޔާއިރު ދޮގު ހެދުމަކީ ކިހާވަރެއްގެ ކަމެއް ކަމާއި ރިޝްވަތު ނެގުމަކީ ކިހާވަރެއްގެ ކަމެއްކަމާއި އަމާނާްތެރިކަމަކީ ކިހާވަރެއްގެ ކަމެއްކަމާ ބުނެދޭން އުޅޭ އިލްމުވެރިން ހަމަ ހުތުބާ ނިންމާފަ ގޮސް ސިޔާސީ ޕޯޑިއަމެއް ކައިރީގައި ހުއްޓި ދޮގު ނޫން އެއްޗެއް ހަދާކަށް ނޭނގެ. ދޮގު ނޫން ވާހަކައެއް ބުނާކަށް ނޭނގެ. އެވަރުގެ މީހުން މިތިބެނީ,” ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ, އެ މަނިކުފާނުގެ ވެރިކަމުގައި ދައްކާނެ ވާހަކައެއް ދައްކަން ދޫކޮށްލި ކަމަށާއި އެކަމުގެ ސަބަބުން ދޮގު ތުހުމަތާއި އިލްޒާމު ބޮލުގައި އެޅުނު ކަމަށެވެ. އަދި އެކަމުގެ ސަބަބުން 2018 ވަނަ އަހަރުގެ އިންތިހަބަށްވެސް އަސަރުތަކެއް ކުރި ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ރާއްޖެ އަދަބު ތަޅުލައިގެން ނުގެންގުޅޭވޭނެ ކަމަށާއި ސަރުކާރުން ކިތަންމެ ބޭނުންވިޔަސް އެކަމެއް ނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ