އޮސްޓްރޭލިއާ ފަތުރުވެރިންގެ އަދަދު މައްޗަށް

އޮސްޓްރެލިއާއިން ރާއްޖެއައި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެއެވެ. އޮސްޓްރޭލިއާއަކީ ރާއްޖެއަށް މިހާރު 9ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 6ވަނަ ދުވަހުގެ ނިޔަލަށް އޮސްޓްރޭލިއާއިން ރާއްޖެއަށް ވަނީ 20,878 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރު ނިމުނު އިރު އެޤައުމުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 17,957 ފަތުރުވެރިންނާ އަޅާ ބަލާއިރު %16 އިތުރު އަދަދެކެވެ.
މީގެ އެއްމަސްދުވަސް ކުރިން އޮސްޓްރޭލިއާ އަކީ ރާއްޖެއަށް 10 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. އަދި މިހާރު އެޤައުމު މިވަނީ ރާއްޖެއަށް 9 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމަށްވެފައެވެ.
1- ޗައިނާ
2- ރަޝިޔާ
3- އިނގިރޭސިވިލާތް
4- އިޓަލީ
5- ޖަރުމަންވިލާތް
6- އިންޑިޔާ
7- ފްރާންސް
8- އެމެރިކާ
9- އޮސްޓްރޭލިއާ
10-ސްވިޒަރލޭންޑް
އޮސްޓްރޭލިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު، ޤައުމީ އެއާލައިން މޯލްޑިވިއަނުން ވަނީ މިދިޔަ މަހު އެޤައުމަށް ސީދާ ދަތުރުތައް ފަށާފައެވެ. މި ދަތުރުތައް ކުރަނީ، އޮސްޓްރޭލިއާގެ މެލްބަންއިން ރާއްޖެއަށެވެ. މޯލްޑިވިއަނުން ހަފުތާއަކު 1 ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރާއްޖެއިން އޮސްޓްރޭލިއާއަށް ދަތުރުކުރާނީ، އާދިއްތަ ދުވަހުއެވެ. އަދި އޮސްޓްރޭލިއާއިން އެނބުރި ރާއްޖެއަށް އަންނާނީ، އަންގާރަ ދުވަހުއެވެ. މިއީ، 11 ގަޑިއިރުގެ ދިގު ދަތުރެކެވެ.
އޮސްޓްރޭލިއާއަށް ފެށި ދަތުރުތަކަށް ޑިމާންޑު ރަނގަޅު ކަމަށާއި އެޤައުމުން ރާއްޖެއަށް އަހަރެއްގެތެރޭ 11،000 ފަތުރުވެރިން ގެނެވޭނެ ކަމަށް މޯލްޑިވިއަނުން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ