އަޅުގަނޑު ފްރޭމް ކުރީ އިހުސާން، މި ސަރުކާރު ވަގުތުން ބަދަލު ކުރަންޖެހޭ: ޝަމްއާން

އޭނާގެ މައްޗަށް ދައުލަތުން ކުރާ ތުހުމަތުތަކަކީ އޭނާ ފްރޭމް ކުރަންވެގެން އުފެއްދި ކަންތައްތަކެއް ކަމަށާއި މިފަދަ ސަރުކާރެއް ވީ އެންމެ އަވަހަކަށް ބަދަލު ކުރަންޖެހޭނެ ކަމަށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ. 
މި ސަރުކާރު ބަދަލު ކުރަންޖެހޭ ކަމަށް ޝަމްއާން ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ޖިނާއީ ތުހުމަތުގެ މައްސަލައިގައި ހުކުމް ކުރަން ބާއްވާ އަޑުއެހުމަށް ވަދެވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. 
"މިނިސްޓަރު އިހުސާނު ލައްވާ ބަގްލަދޭޝްގެ ވާރކް ޕާމިޓް އެޕްރޫވްކޮށް ކޯޓާއަށް ކޮރަޕްޝަންގެ ގޮތުގައި 8000 ރުފިޔާ ނަގާކަށް ޔަގީންކޮށް ރައީސް އަށް އެވާހަކަ ދެންނެވުމުން މިކަން ފެށިގެން އައީ. އޭރު އަޅުގަނޑުގެ ބޮލުގައި އަޅުވަމުން ދިއަ ތުހުމަތާ އެކު މިކަން ހިނގާ ގޮތް ބެލީ،" އޭނާ ވިދާޅުވި އެވެ. 
ޝަމްއާން ވިދާޅުވީ، ސަރުކާރުގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ އަމަލުތައް ރައީސް މުހައްމަދު މުއިއްޒަށް ވެސް އެނގޭނެ ކަމަށެވެ. 
"މިއީ އަޅުގަނޑުމެން ވަރަށް ބުރަ މަސައްކަތްކޮށްގެން، ހެޔޮ އެދިގެން ގެނައި ސަރުކާރެއް. މި ސަރުކާރަކީ މިވަގުތު ރާއްޖޭގައި އޮންނަން ހެޔޮވާވަރުގެ ސަރުކާރެއް ނޫން،" ޝަމްއާން ވިދާޅުވި އެވެ.
މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ބިދޭސީއެއްގެ އަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި ޝަމްއާނުގެ މައްޗަށް ތިން ދައުވާ ކުރެ އެވެ. އެއީ ފޭރުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑަރިން ކުށުގެ ދައުވާ އެވެ. 
ކޮންޓްރޯލާގެ މަގާމުން މާޗު 21، ގައި ޝަމްއާން ވަކިކޮށް، އޭގެ އެއް ދުވަސް ފަހުން ފުލުހުން އޭނާ ހައްޔަރު ކުރި އެވެ. އެ މައްސަލާގައި އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ. އެއަށް ފަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ އޭޕްރީލް 6، ގަ އެވެ. މައްސަލައާ ގުޅިގެން ޝަމްއާން ވަނީ ބަންދުގައި 278 ދުވަސް ހޭދަކޮށްފަ އެވެ. އޭނާ ބަންދުން ދޫކޮށްލީ މިދިޔަ އަހަރުގެ ޑިސެމްބަރު 25، ގަ އެވެ. 
ޝަމްއާންއާއެކު އިތުރު ބަޔަކު ވެސް އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ އިމިގްރޭޝަން އޮފިސަރުންތަކަކާއި އާންމުންގެ މީހެކެވެ. އޭގެ ތެރެއިން ބައެއް މީހުން ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ވެސް ހެދި އެވެ.
ޝަމްއާން ހައްޔަރު ކުރީ ފްރޭމްކޮށްގެން ކަމަށް އޭނާގެ އަނބިކަނބަލުން ވަނީ ވިދާޅުވެފަ އެވެ. ޝަމްއާންގެ މައްސަލައަކަށްވީ ހޯމް މިނިސްޓްރީ އާއި ހޯމް މިނިސްޓަރު އަލީ އިހުސާން ހިންގަވާ ކޮރަޕްޝަންގެ މައްސަލަތައް މުހައްމަދު މުއިއްޒުއާ ހިއްސާ ކުރުން ކަމަށް ޝަމްއާންގެ އާއިލާއިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ