މި މަހުގެ 13 ވަނަ ދުވަހުގެ ރެޔަކީ، ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މޫސާ ޝިފާއުގެ ހަޔާތުގައި އައި އެންމެ ހިތްދަތި ރެ އެވެ. އާއިލާގެ ތެރެއިން ދުވަހަކު ވެސް މަރެއްގެ ހަބަރު ނީވި ހުއްޓާ ލިބުނީ، އޭނާއަށް ބޮޑުބޭބެ ކިޔާ 17 އަހަރުގެ ކޮއްކޮ، އަލްސަން މުހައްމަދުގެ ކުއްލި މަރުގެ ހަބަރުންނެވެ.
ބޮޑުތަކުރުފާނު މަގުގައި ހިނގި އެ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިނީ އަލްސަން އެވެ. އެ ސައިކަލު ގޮސް، މަގު ހުރަސް ކުރަން އުޅުނު މީހެއްގެ ގައިގާ ޖެހި، ވިއްސައިގެން ގޮސް އޭނާ ވަނީ އެ މަގުން ދުއްވާފައި އައި ޕިކަޕެއްގެ ދަށަށެވެ. ފަރުވާ ދެމުން ދަނިކޮށް، މާގިނައިރެއް ނުވެ އެ ޒުވާނާ މަރުވީ އެވެ.
އެއްބަނޑު އެއްބަފާ ދައްތަ އަދި މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލްގަނީގެ ހުރި ހަމައެކަނި ދަރިފުޅުގެ ވަކިވުމުގެ ހަބަރު، ބޮޑުބޭބެ ޝިފާއުއަށް ލިބުނީ ރާއްޖޭން ބޭރުގައި، އެކަނި ހުއްޓަ އެވެ.
އެ ވަގުތާއި ކުރެވުނު އިހުސާސްތައް ފުރަތަމަ ފަހަރަށް ރޭ އޭނާ ވަނީ 'ދާރިސް ޓީވީ'އިން ގެނައި ޕްރޮގްރާމެއްގައި ހިއްސާކޮށްފަ އެވެ.
ޝިފާއު ބުނި ގޮތުގައި، ކޮއްކޮގެ މަރުގެ ހަބަރާ އެކު އޭނާ ވަގުތުން ހުއްޓުން އެރީ އެވެ. ދެ ކަކުލުން ވަރުދޫވެ، ޖެހުނީ ކޮޓަރީގައި ހުރި އެނދުގައި އިށީންނާށެވެ. އެ ވަގުތު އޭނާގެ ހިތަށް ބައިވަރު އެއްޗެހި އެރި ކަމަށާއި އެކަމަކު ބެލީ، ﷲގެ އެ މިންވަރުފުޅަށް އީމާންވެވޭތޯ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑު ހިތަށް އެރީ، ސުބުހާނަﷲއޭ، އާއިލާގެ ތެރެއިން ވެސް މި ދިޔައީ ކުޑަކުއްޖެކޭ. އެންމެންގެ ލޯތްބާއި ސަމާލުކަން ލިބެމުން އައި ކުއްޖެކޭ،" ދަރިއެއް ފަދައިން ލޯބިވި އަލްސަންގެ މަރުގެ ހަބަރާ އެކު ކުރެވުނު އިހުސާސް ޝިފާއު ހިއްސާކުރި އެވެ.
އޭރު ބެކްގްރައުންޑުން އިވެމުން ދިޔައީ މަރާ ގުޅޭ ގޮތުން އޭނާ ކިޔާފައިވާ މަޝްހޫރު މަދަހަ، 'ނެތަސް ބޭނުމެއް' އެވެ.
މިއުޒިކް ކުޅުން ހުއްޓާލައި މުޅިން އެހެން މީހެއްގެ ގޮތުގައި ދިރިއުޅުން ފަށައިގަނެގެން މިހާތަނަށް އައިއިރު ވަރަށް ގިނަ ކަންކަމާ ކުރިމަތިލާން ޖެހުނު ކަމަށް ޝިފާއު ބުންޏެވެ. އެ ދުވަސްތަކުގައި އޭނާގެ އީމާންތެރިކަން ދިޔައީ ދަށްވެ، މަތިވަމުން ކަމަށާއި ނިޔަތާ މެދު އަރާރުންވެ، ފާފަކުރެވޭ ދުވަސްތައް އައި ކަމަށް ވެސް އޭނާ ބުންޏެވެ.
އެކަމަކު މިހާރު މަދަހަ ކިޔުމުން މަގްބޫލުކަން ހޯދާފައިވާ އެ ޒުވާނާ ބުނި ގޮތުގައި، އެއީ އޭނާއަށް ލިބުނު ވަރަށް ވަރުގަދަ މެސެޖެކެވެ. ކޮއްކޮ ވަކިވެގެން ދިޔައީ، އޭނާ ދުށް ގޮތުގައި، އީމާންތެރިކަން ވަރުގަދަކޮށްދީފަ އެވެ.
"އެއީ ދައުވަތުގެ މައިދާނުގައި އެއްވެސް ތަޖުރިބާއެއް ހުރި ކުއްޖެއް ނޫން. ސަތާރަ އަހަރުގައި ވަކިވެ އެ ދިޔައީ. އެކަމަކު އަޅުގަނޑުގެ ބުރަކަށީގައި ޖަހާލާފައި ބުނި ފަދަ، ބޭބޭއޭ ސަމާލުވާށޭ. އީމާންތެރިކަމަށް ރައްކާތެރިވާށޭ،" ޝިފާއު ބުންޏެވެ.
"އެ ވަރުގެ ބޮޑު މެސެޖެއް ދީފައި އެ ދިޔައީ."
ޝިފާއު ބުނި ގޮތުގައި، ލޯބިވާ މީހަކު ވަކިވެ ދިޔުމަކީ، ތަހައްމަލުކުރަން ފަސޭހަކަމެއް ނޫނެވެ. އެކަމަކު އޭނާ އެދުނީ، ރަސޫލާގެ ދިރިއުޅުމުން، މި ފަދަ މުސީބާތްތަކާއި ދަތިތަކާ ކުރިމަތިލުމަށް ދަސްކުރުމަށެވެ. އެކަލޭގެފާނުގެ ދިރިއުޅުން ދަސްކޮށް، އެއިން އިބުރަތް ލިބިގަތުމަށެވެ.
ކޮއްކޮ ވަކިވެގެން ދިޔައީ މެސެޖެއް ދީފައި: 'ބޭބޭއޭ، ސަމާލުވާށޭ'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ