ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް ތެލާއި ގުދުރަތީ ގޭސް (އެލްއެންޖީ) އުފުލުމާ ގުޅޭ ގޮތުން އިރާގާއި ޕާކިސްތާނުން އީރާނާ އެކު ވަކިވަކި އެއްބަސްވުންތަކަކަށް އައިސްފައިވާ ކަމަށް މިކަމުގެ މައުލޫމާތު ހުރި ފަރާތްތަކާ ހަވާލާދީ ރޮއިޓާސް އިން ރޭ ރިޕޯޓުކޮށްފި އެވެ.
މި އެއްބަސްވުންތަކުން ދޭހަވަނީ، އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މެދުކެނޑުންތަކެއް ކުރިމަތިވެފައިވާ މި މުހިންމު ކަނޑުގެ ސަރަހައްދުން ހަކަތަ އުފުލުމުގައި އީރާނުގެ ނުފޫޒު ގަދަވަމުންދާ މިންވަރެވެ.
ހަކަތައާ ބެހޭ އޮފިޝަލެއް ކަމަށްވާ ކްލައުޑިއޯ ސްޓީއާ ވިދާޅުވި ގޮތުގައި، އީރާނުން މިހާރު ވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ބަދަލުގައި އެ ތަނުން ދަތުރުކުރާ އުޅަނދުތައް ކޮންޓްރޯލް ކުރަން ފަށާފަ އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅިއަކީ މިހާރު މިނިވަންކަމާ އެކު ދަތުރުކުރެވޭ މަގަކަށް ވުރެ ބޮޑަށް، ވަކި ފަރާތަކުން ކޮންޓްރޯލް ކުރާ ސަރަހައްދެކެވެ.
އޮފޝަލުން ވިދާޅުވާ ގޮތުގައި، އިރާގުން ވަނީ ކޮންމެ އުޅަނދެއްގައި ދެ މިލިއަން ފީފާ ތެޔޮ ހިމެނޭ ދެ ޓޭންކަރަކަށް ރައްކާތެރިކަމާ އެކު ދަތުރުކުރުމުގެ ހުއްދަ ހޯދާފަ އެވެ. އަދި ޕާކިސްތާނުން ވަނީ އެ ގައުމަށް ދިމާވެފައިވާ ހަކަތައިގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ގަތަރުން ގެންނަ އެލްއެންޖީގެ ދެ ޝިޕްމަންޓެއް އެ ސަރަހައްދުން ގެންދިއުމުގެ އިންތިޒާމު ހަމަޖައްސާފަ އެވެ.
އިރާގުގެ ދައުލަތުގެ ބަޖެޓުގެ ގާތްގަނޑަކަށް %95އަކީ ތެލުގެ އާމްދަނީއަށް ވުމާ އެކު، އިތުރު ޝިޕްމަންޓްތަކަށް ހުއްދަ ހޯދުމަށް އެ ގައުމުން އީރާނާ އެކު މަޝްވަރާތައް ކުރިއަށްގެންދާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
މި މަޝްވަރާތަކުގައި ބައިވެރިވި ޕާކިސްތާނުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ން ބައެއް ފަހަރު އެއްބަސްވާ އުސޫލުތައް ބަދަލުކުރާތީ މަޝްވަރާތަކުގައި ދަތިތަކާ ކުރިމަތިވި އެވެ.
ހަމަނުޖެހުންތައް ފެށުމުގެ ކުރިން މަހެއްގެ މައްޗަށް ގާތްގަނޑަކަށް 3،000 އުޅަނދު ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ނަމަވެސް، މިހާރު އެ އަދަދު އާންމު ހާލަތާ އަޅާބަލާއިރު %5އަށް ދަށްވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
މި މެދުކެނޑުންތަކުގެ ސަބަބުން ހަމަނުޖެހުން ފެށުނު ފަހުން ބްރެންޓް ކުރޫޑް ތެލުގެ އަގު %50އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ޔޫރަޕާއި އޭޝިއާގައި އެލްއެންޖީގެ އަގުތައް ވެސް ވަނީ އިންތިހާއަށް އުފުލިފަ އެވެ.
އޮފިޝަލުން އިންޒާރު ދެއްވާ ގޮތުގައި، މިފަދަ ދޭދޭ އެއްބަސްވުންތަކުގެ ދަށުން ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ހޯދުމަކީ، ދުނިޔޭގެ ހަކަތަ އުފުލާ އެންމެ މުހިންމު އެއް މަގުގެ މައްޗަށް އީރާނުން ބާއްވާ ދާއިމީ ކޮންޓްރޯލް އިތުރަށް ވަރުގަދަވެގެން ހިނގައިދާނެ ކަމެކެވެ.
އިރާގާއި ޕާކިސްތާނުން އީރާނާ އެކު ހަކަތައާ ގުޅޭ އެއްބަސްވުންތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ