ހުލާސާކޮށް އިއްޔެ: އަދުލްއިންސާފު ގާއިމުކުރަން ހުރަސް އެޅުން ހުލާސާކޮށް އިއްޔެ: އަދުލްއިންސާފު ގާއިމުކުރަން ހުރަސް އެޅުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް މަގާމުން ވަކި ކުރަން މަޖުބޫރުވާ ގޮތަށް ބިލެއް ފާސްކޮށް، ހަމައެއާއެކު އެ ކޯޓުގެ ތިން ފަނޑިޔާރެއް މިއަދު ސަސްޕެންޑު ކުރީ ސަރުކާރުން އަދުލް އިންސާފަށް ހުރަސް އަޅަން ކަމަށް އެ ކޯޓުގެ ބައެއް ފަނޑިޔާރުންނާއި ތަޖުރިބާކާރުން ބުނި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން އިއްޔެ ސަސްޕެންޑު ކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރެވެ. އެ ބޭފުޅުން ސަސްޕެންޑު ކުރީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި، ސިޔާސީ ޕާޓީތަކަށް ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހަޅާފައިވާ މައްސަލަ އެ ކޯޓުގައި ކުރިއަށްގެންދަނިކޮށެވެ.
އިއްޔެ އަށް އެ މައްސަލައިގެ އަޑުއެހުމެއް ތާވަލު ކުރި އެވެ. ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ އަޑުއެހުން ފެށެން ވަރަށް މަދު ވަގުތުކޮޅަކަށްވެފައި އޮއްވަ އެވެ.
ދުސްތޫރީ މައްސަލައެއް ބެލޭނީ ކޯޓުގެ ފުލް ބެންޗުންނެވެ.
ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކޮށް ދެ ފަނޑިޔާރަކު ވަކި ކުރަން މަޖުބޫރުވާ ގޮތަށް ބިލު ފާސް ކުރި ފަހުން އަދި ތިން ފަނޑިޔާރަކު ސަސްޕެންޑު ކުރި ފަހުން އެ ކޯޓުގެ ދެ ފަނޑިޔާރަކު ވަނީ އަދަދު އާ ވާހަކަ ދައްކައިފަ އެވެ. އެ ދެ ފަނޑިޔާރުން ވެސް ވިދާޅުވީ މިހާރު ފެންނަމުންދަނީ އަދުލު އިންސާފުގެ ދާއިރާއަށް ސަރުކާރުން ހުރަސްއަޅަމުންދާ މަންޒަރު ކަމަށެވެ.
"ޝަރީއަތް ފަށަން 10 މިނެޓަށްވެފައި އޮއްވައި ފަނޑިޔާރުންތަކެއް މި ސަސްޕެންޑު ކުރީ. މިއީ އަދުލު އިންސާފަށް ހުރަސް އެޅުން. އޭސީސީއިން މައްސަލައެއް ބަލަމުންދާ ކަމަށް މި ބުނަނީ. ބަލަމުންދާ މައްސަލައެއް ވެސް ނުބުނޭ،" މި ނޫހާ ވާހަކަ ދެއްކެވި ފަނޑިޔާރަކު، ނޫހުގައި ނަން ނުޖެހުމަށް އެދިވަޑައިގެން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރަކު ވިދާޅުވީ، ސަރުކާރުގެ ފަރާތުން ފެންނަމުންދަނީ ގާނޫނާ ހިލާފަށް އަދުލު އިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާ މަންޒަރު ކަމަށެވެ. އޭނާ ވިދާޅުވީ އޭސީސީއިން ފަނޑިޔާރުންގެ މައްސަލަތައް ބަލަމުންދަނީ ވެސް ގާނޫނާ ހިލާފަށް ކަމަށެވެ.
"އޭސީސީއިން މައްސަލަ ބަލަނީ ކޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން. ބަލަމުންދާ މައްސަލައަކީ ކޮބައިކަން ވެސް ނޭނގޭ. ގާނޫނާ ހިލާފު އޭސީސީއިން އެ މައްސަލަތައް ބަލަނީ،" އެ ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރުން ވަކި ކުރުމުގެ ބިލު ތަސްދީގު ކުރުމުގެ ކުރިން ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރަން ޖޭއެސްސީއިން ނިންމީ، ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ކުރިން ނެތީސް، ހަމައެކަނި ބިލުގެ ބޭނުމަށް ފަނޑިޔާރެއްގެ މައްސަލަ ބަލައި ވަކި ކުރުމަކީ އިންސާފު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވި ފަހުންނެވެ.
މިއަދު ފާސް ކުރި ބިލުގައިވާ ގޮތުން، ބިލުގެ ބޭނުމަށް ވަކި ކުރާ ދެ ފަނޑިޔާރުން މަގާމަށް ގާބިލު ނޫން ކަމަށް ކަނޑައަޅަންޖެހެ އެވެ. އަދި ގާބިލު ނޫން ކަމަށް ކަނޑައަޅާއިރު، ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ކޮންމެހެން ދޭކަށް ނުޖެހެ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރުމުގެ ބިލު އިއްޔެ ފާސްކުރިއިރު، އެ ބިލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ވަރަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި އެއީ ކޯޓުތަކަށް ސީދާ ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތެއް ކަމަށް ވެސް ވަރަށް ތަޖުރިބާކާރުން އަދި މާހިރުން ދަނީ ވިދާޅުވަމުންނެވެ.
ޖޭއެސްސީއިން ބުނެފައިވާ ގޮތުން ފަނޑިޔާރުން މަގާމުން ސަސްޕެންޑުކުރީ އޭސީސީން ފޮނުވި ސިޓީއެއްގެ މައްޗަށެވެ. ނަމަވެސް ސުލޫކީ މައްސަލައެއް ވެސް ބަލަމުންދާކަމާއި އެ މައްސަލަތަކުގެ ނޯޓިސް ފަނޑިޔާރުންނަށް ފޮނުވާފައިވާކަން އެނގިފައިވެ އެވެ.
ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތްކުރާހައި ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެނެއް ނުވާނެ އެވެ.
ފަނޑިޔާރުންގެ ގާނޫނުގައި ބުނެފައި ވަނީ އަދުލު އިންސާފު ގާއިމުކުރުމުގައްޔާއި، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ފަނޑިޔާރުންނަކީ އެހެން އެއްވެސް މީހެއްގެ ނުވަތަ މުއައްސަސާއެއްގެ ބާރެއް ނުވަތަ ނުފޫޒެއް ފޯރުވޭނޭ ބައެއް ނޫން ކަމަށެވެ. އަދި އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެހުރި މީހަކުވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ