ފަނޑިޔާރުން ވަކިކުރާބިލު ގާނޫނުއަސާސީ ހިލާފުނުވުމަކީ މައްސަލައެއް

ފަނޑިޔާރުން ވަކިކުރާ ބިލު ގާނޫނު އަސާސީ ހިލާފުކަމަށްބުނެ ރާއްޖޭގެ ބާ ކައުންސިލުން ކަންބޮޑުވުން ފާޅުކުރުމުން ބާ ކައުންސިލް ސަލާމަތް ވެއްޖެއްޔާ ރަނަގަޅެވެ. ފަނޑިޔާރުން ވަކިކުރާ ބިލު ތަސްދީގު ނުކުރާން ބާ ކައުންސިލުން ގޮވާލިޔަސް ކަހެރުވަކެކޭވެސް ރާއްޖޭގެ ރައީސް ކަމުގައިހުރި މުއިއްޒަށް ހީނުވާނެކަން ބާ ކައުންސިލަށްވެސް އެނގޭނެއެވެ. ރާއްޖޭގައި ގާނޫނީ ފަންނު ނަގަހައްޓާ ދިރުވަން ބާ ކައުންސިލުން މާގަދައަށް އުޅެންޏާ ބާކައުންސިލް ވެސް މުއިއްޒުގެ މުށުތެރެއަށްލާ ފިތާނުލަފާނެތީ އެމީހުންވެސް ބަޔާނަކުން ފުއްދާލައިގެން ތިބޭނީއެވެ. 
ގާނޫނު އަސާސީގެ އޮނި ގަނޑު މުގުރާލާ ގާނޫނު އަސާސީ މުއިއްޒަށް ހެޔޮ ވަރަށް ކޮށާމަށާލާއިރު ބާ ކައުންސިލް ވެސް އޮންނަނީ މަންމަން ވެފައެވެ. ފަނޑިޔާރުން ވަކިކުރާ ބިލާ ޖެހުމުން ނޫސް ބަޔާންނެރެ ރައީސަށް އިލްތިމާސް ކުރުމުގައި ވަކީން މާނައެއް ނެތެވެ. އެހެން ނޫނަސް ބަޔަކު ނެރޭ ބަޔާނަކުން ފާޅުކުރާ ކަންބޮޑުވުމަކުން މުއިއްޒަށް ޑަރުވެސް ހީނުވާނެއެވެ. 
މުއިއްޒުގެ މުށުތެރެއަށް މުޅިގައުމު ގެންދިޔުމަށް ފާޅުގައި މަސައްކަތް ކުރާއިރު ބާ ކައުންސިލްވެސް އޮންނަނީ ގަދަ ނިދީގައެވެ. ގާނޫނު ހަދާ މަޖިލީހުގެ ވަކިވަކި މެންބަރުން ހަމަ މަގަށް އަޅުވާ މަޖިލީހުގެ ނިންމުންތައް ގާނޫނީ އޮނި ގަނޑުގަނޑުގެ ތެރެއަށް ފައްތަން ކުރާކަމެއް، ކުރިކަމެއް ނެތެވެ. މުވައްކިލުންގެ އަތުން ފައިސާ ނަގައިގެން ވަކާލާތު ކުރުންނޫން ކަމެއް ގާނޫނީ ވަކީލުންނަށްވެ ތިބެ އެބަކުރެވޭ ހެއްޔެވެ. ނުކުރެއެވެ. ނުކުރެވެއެވެ. 
ގާނޫނު އަސާސީގެ ބާރު ކަނޑުވާލާ ދައުލަތުގެ ބަންޑާރަ ނައިބު، ޑިކްޓޭޓަރ މުއިއްޒުގެ ނައިބަށް ބަދަލުވެގެން މުޅި ދައުލަތުގެ ޗެކް އެންޑް ބެލެންސް ނިޒާމް ފުޑުފުޑުކޮށް ނިންމާލާއިރު އެޅިހާ ބަތަކަށް ރިހަވެފާ ގާނޫނީ ވަކީލުންވެސް ތިބެނީއެވެ. ގާނޫނީ ފަންނުވެރިކަމާއި ގާނޫނުގެ ހުކުމް ހިމާޔަތް ކުރަން ބާ ކައުންސިލަށް ކުރެވޭ ކަމެއް ހަރާމުން ހަރާމެވެ. ހުރިހާ ގާނޫނީ މާހިރުންވެސް އުޅެނީ އެމީހަކާ އެމީހެއް ވެގެންނެވެ.
ދިވެހި ރައްޔިތުންނަށް ގަނޫނުގެ ރައްކާތެރިކަން ހޯދާދޭން އުޅޭ މީހަކު ނެތެވެ. ގާނޫނު އަސާސީއާއި ގާނޫނާއި ރައްޔިތުންގެ ހައްގުގައި އެކަތި ގަނޑަކަށް ވެގެން ތެދުވާނެ ގާނޫނީ ބަޔަކު ނެތެވެ. ކަނޑައެޅިގެން ގާނޫނު އަސާސީއާއި ބެސްޓް ޕްރެކްޓިސްއާއި ހިލާފަށް ބަނޑާރަ ނައިބު ކުރަމުންދާ ކަންކަން ދިފާއުކުރަން ދައުލަތުގެ ވަކީލުންގެ ނަމުގައި ވަޒީފާއަށްޓަކާ ވަކާލާތުކުރާ ވަކީލުންނަށް ނޫނެކޭ ބުނުމުގެ ހިއްވަރު ދޭނެ ބާ ކައުންސިލެއް ބަދަހި ގާނޫނު ނަގަހައްޓާ ޖަމާއަތެއްނެތެވެ. 
ވެރިންގެ ކުރިމަތީގައި ހައްގު ބަސް ބުނުމުން ބާކީވެ އެކަހެރި ނުވާނެކަމުގެ ޔަގީންކަމާ ހިއްވަރުދޭނެ ގާނޫނީ ޓީމެއް ބައިވެރިންނެއް ނެތެވެ. ގައިރު ގާނޫނީ އަމުރަށް ނޫނެކޭ ބުނަން ޖެހެލުންނުވާ ވަރަށް ގާނޫނީ ވަކީލުން ބާރުވެރި ކުރަން ތެދުވާނެ ބާ ކައުންސިލެއް ޖަމާއަތެއް ނެތެވެ. ވެރިކަމުގެ ފަރާތުން ގާނޫނު އަސާސީގެ ބާރު ކަނޑުވާލާތަން ބަލަން ނުތިބެ ގާނޫނީ ފަންނުގެ ދިފާއުގައި ހަށިފޮޅާލަންކެރޭ ގާނޫނީ މަދުބަޔަކު ނޫނީ ނެތެވެ.   
ގާނޫނީ ފަންނުވެރިންގެ ހަސްނެތް މިކަހަލަ ގައުމެއްގައި ފަނޑިޔާރުން ވަކިކުރާ ބިލު ގާނޫނު އަސާސީ ހިލާފުވުމަކުން ހައިރާނެއް ނުވެއެވެ. ހައިރާން ވީހީ ފަނޑިޔާރުން ވަކިކުރާ ބިލު ގާނޫނު އަސާސީ ހިލާފު ނުވާނެހެން އޮތް ނަމައެވެ. އަމިއްލަ މުށުތެރެއަށް ދައުލަތްލާ ތަގުޅިކޮށްލަން އުޅޭ ވެރިއަކަށް ހަދާދޭ ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތައް ގާނޫނު އަސާސީއާއި ތައާރަޒް ނުވުމަކީ މައްސަލައެކެވެ. ގާނޫނު އަސާސީއާއި އެއްގޮތަށް ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތައް ހުއްޓަސް ބަޔާނެއް ނެރެލައިގެން ފުދޭ ބައެއްގެތެރޭގައި ބާރުހުރި މީހުން ކަންކުރާނީ ކުރާނެ ގޮތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ