ދެން އޮންނަ އިންތިހާބެއް ކާމިޔާބު ކުރާނީ އިދިކޮޅުން، އެއީ ރައްޔިތުން އުއްމީދުކުރާ ވެރިކަމެއް: އިދިކޮޅު

ދެން އަންނަ ރިޔާސީ އިންތިހާބެއް ކާމިޔާބުކޮށް، ރައްޔިތުން އުއްމީދުކުރާ ފަދަ ވެރިކަމެއް ގާއިމުކޮށްދޭނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އާދަމް ޝަރީފު އުމަރު ވިދާޅުވީ، ރައްޔިތުންނަށް ލިބެމުން ދިޔަ އާސަންދަ ފަދަ އަސާސީ ހިދުމަތްތައް ދަށަށް ގޮސް، ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަމުން އަންނަ ކަމަށެވެ.
"ރައްޔިތުންގެ އަސާސީ ކަންކަން، މިސާލަކަށް ކުނި މެނޭޖްކުރުން ކަހަލަ ކަންކަން ވެސް މިހާރު ހުރީ ރައްޔިތުން ގޮތް ހުސްވެގެންދާ ހިސާބުގައި. މީ ސަރުކާރެއް ބަލިކަށިވީމަ، ރައްޔިތުންނަށް ދޭން އޮންނަ ހިދުމަތްތައް ލަސްވާން ފެށީމަ ދިމާވަ ކަންކަން" އާދަމް ޝަރީފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް، އިދިކޮޅު މެމްބަރުން ސަރުކާރާ ހިއްސާ ކުރަމުން އަންނަ ކަމަށާއި 2023 ވަނަ އަހަރު އިދިކޮޅު ކޯލިޝަންގެ ސަރުކާރެއް އަންނާނެ ކަމަށެވެ. އެ ސަރުކާރުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ހިދުމަތްތައް ކުރިއަށް އޮތް ވަރަށް ނުވަތަ އެއަށްވުރެ ރަނގަޅަށް ފޯރުކޮށްދިނުމާއެކު މި ސަރުކާރުން ނުދެވި އޮތް މަތީ ތައުލީމުގެ ފުރުސަތުތައް ވެސް ހޯދައިދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ